ކ. އެނބޫދޫ ފިނޮޅު ކައިރި ކަނޑުމަތިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.
ރޭ ނުވައެއް ޖަހަން އުޅެނިކޮށް މި ހާދިސާ ހިނގައިފައިވަނީ ކ. މާފުށިން ފުރައިގެން ދަތުރުކުރި ލޯންޗު، އެނބޫދޫ ފިނޮޅުގެ އިރުން އެއް މޭލު ބޭރުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުން ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. އިތުރު ތަފްސީލެއް ނުލިބެއެވެ.
ރޭ އެ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބި މީހުން ލޯންޗުގެ ވެރިފަރާތުން ފޮނުވި އެހެން ލޯންޗެއްގައި ވަނީ މާލެ ގެނެސްފައެވެ. އަދި އެކްސިޑެންޓްވި ލޯންޗު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ވަނީ މާލެ ގެނެސްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އެ އެކްސިޑެންޓްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިތުރަށް ބަލަމުން ގެންދާ ކަމަށް ވެސް އެމް.އެން.ޑީ.އެފުން ބުނެއެވެ.