Support Us

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ވަރޗުއަލްކޮށް ބައްދަލުކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

ރަައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މެންދުރުފަހު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިޓީ ކައުންސިލުން ފާހަގަކުރި ކަންކަމާއި ގުޅޭ އެންމެފަހުގެ ތަފްސީލުތައް ޙިއްޞާކުރައްވާ އެކަންކަމުގައި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.

ސިޓީކައުންސިލުން ވަނީ ސަރުކާރުން އައްޑޫގައި ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށްގެންދާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މިގޮތުން 60 އަށްވުރެ ގިނަ ޕީއެސްއައިޕީގެ މަޝްރޫއާއެކު ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ ގިނަ މަޝްރޫއުތައް ކުރިޔަށްދާ ކަމަށް އެ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އޭގެ އިތުރުން ޞިއްހީ ޚިދުމަތާއި މަގުހެދުން ބަނދަރު ހެދުން ފަދަ ތަރައްޤީއާ ގުޅިފައިވާ މަޝްރޫއުތަކާއި އަދި ސިޓީގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާ އެކި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުންނާއި އެކި މަޝްރޫޢުތަކާއި ޚިދުމަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އައްޑޫ ސިޓީ ކައުންސިލަށް ދެއްވާފައެވެ. އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ޞިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާއާ އަދި މި ނޫންވެސް ސިޓީގެ އިޤްތިޞާދީ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަގޮތެއްގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށްގެންދިއުމުގެ ޒިންމާ ސިޓީކައުންސިލަށް އޮތްނަމަވެސް އެކަންކަން ކުރިޔަށްގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް