Support Us

ހިޖްރައިގެ ހާދިސާއިން ލިބިދޭ އެއް ފިލާވަޅަކީ އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ ފަރުދީ ވާޖިބެއްކަން: ރައީސް

ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ޙުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމާއި، އަނެކުންގެ ފުރާނައާއި މުދަލަށް، ހަމަ ކޮންމެ މީހަކުމެ، ރައްކާތެރިކަމާއި އަމާންކަމާއި ޙިމާޔަތް ދޭންޖެހޭނެކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހިޖްރައިން 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިރޭ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެ މަނިކުފާނުގެ ޚިޡާބުގައި، މިއުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތައްކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ވަނީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޙިޠާބު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ، ހިޖްރައިގެ ހާދިސާއަކީ، އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވި، މަތިވެރި ހާދިސާއެއްކަމުގައި ވިދާޅުވެ، ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ހިޖުރައިގެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީޚު ޖަހަމުން އަންނަނީ، ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން ޢިބްރަތް ޙާޞިލްކުރުމުގެ ބޭނުމުގައެވެ.

ރައީސުލްޖުމްހުރިއްޔާ އިތުރަށް ވިދާޅުވެފައި ވަނީ ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ، އިންސާނީ އަޚްވަންތަކަމާއި، މާތް اللهُގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމަށާއި، ތަރައްޤީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް، އިސްލާމީ އުންމަތް ވެގެން ދިޔައީ، އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމުގައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި، މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ދިވެހި މުޖްތަމަޢުވެސް އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ ބަޔަކަށް މިއަދު ބޭނުންވާކަމުގައި ވިދާޅުވެ، ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖްތަމަޢުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް