Support Us

ޖަރުމަނުގެ އައު ސަފީރު ހޮލްގަރ ލޯތަރ ސިއުބަރޓާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ޖަރުމަނާއި ރުވާންޑާގެ އާ ސަފީރުން ފަތްކޮޅު އަރުއްވައިފި

ޖަރުމަނާއި ރުވާންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަކިވަކިން ބޭއްވެވި ދެ ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖަރުމަނުގެ އައު ސަފީރު ހޮލްގަރ ލޯތަރ ސިއުބަރޓާއި ރުވާންޑާގެ އައު ސަފީރު ޖެކުއަލިން މުކަންގިރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، އެ ބޭފުޅުންގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ ދެމެދުގައިވާ އެކުވެރި، ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖަރުމަނަކީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ބައިވެރިއެއް ކަމަށާއި އަދި ފާއިތުވި އަހަރުތަކުގައި ޖަރުމަނުން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ޖަރުމަނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭ ގޮތުންނާއި މަސްވެރިކަމުގެ ދާއިރާއާއި އިޤްތިޞާދީ ދާއިރާއާއި ޞިއްޙީ ދާއިރާ އަދި ތަޢުލީމީ ދާއިރާއާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ވެސް ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ކޮވިޑް-19ގެ އެންމެ ފަހުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސަރުކާރުގެ އަމާޒަކީ ވަކި ޤައުމެއްގެ ރައްޔިތުން ތަފާތުކުރުމެއް ނެތި، ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އެންމެނަށް ވެކްސިން ޖަހައި ނިންމުން ކަމަށެވެ.

ޖަރުމަނުގެ ސަފީރު ވަނީ، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމުން ޝުކުރު އަދާކުރައްވައި، ޖަރުމަނުގެ ފަރާތުން ރާއްޖެއަށް ކަނޑައެޅި ސަފީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރުވާންޑާގެ އައު ސަފީރު ޖެކުއަލިން މުކަންގިރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ރުވާންޑާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ރާއްޖެއާއި ރުވާންޑާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރުވާންޑާ ސަފީރުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް ރުވާންޑާގެ ރައީސް ޕޯލް ކަގާމޭގެ ފަރާތުން ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވި ވަޑައިގަންނަވާފައިވާތީ އެކަމަށް މަރުޙަބާ ދެންނެވިއެވެ. މީގެ އިތުރުން، ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރުވާންޑާގެ ރައީސް ޕޯލް ކަގާމޭއަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާއި ރުވާންޑާގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ފާހަގަ ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *