Support Us

އާދިއްތައިން ފެށިގެން މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރަން ނިންމަވައިފި

އަންނަ އާދިއްތައިން ފެށިގެން ސަރުކާރުގެ އިދާރާތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ވާގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރަން ފެށި ނަމަވެސް، 1 ޖުލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުގެ ހުރިހައި އިދާރާއަކުން ޢަމަލުކުރުމަށް ވަނީ އަންގައިފައެވެ.

އަދި، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމަށާއި، ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މެނުވީ ރަސްމީ ގަޑީގެ ފަހުން އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށް މި ދެންނެވުމުގައިވެއެވެ.

އޭގެ އިތުރުން ވެސް ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ޚިދުމަތްތައް އެ ގޮތުގެ މަތީން ދެމުން ގެންދިޔުމަށާއި، އޮންލައިންކޮށް ދެވެން ހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުމާއި، ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި، ނުރަސްމީ ގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައި ވެސް، އެންމެ ލަސްވެގެން ހަވީރު 4:00ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށް ދެންނެވުމުގައިވެއެވެ.

މި ދެންނެވުމުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޛު ކުރުމަށާއި، އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓް ކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޛު ކުރުމުގެ ގޮތުން ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަރލެސް" މަސައްކަތުގެ މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުމަށްވެސް ދެންނެވުމުގައި އަންގަވައިފައިވެއެވެ. އަދި، ކޮވިޑް- 19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްވެސް ދެންނެވުމުގައި ވަނީ އަންގަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *