ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި މިއަދު ހެނދުނުއެވެ.
ނަމަވެސް މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ދެ ރައީސުން ވެސް އެއްވެސް ޓްވީޓެއް ކުރައްވައިފައެއްނުވެއެވެ. އަދި އެއްވެސް ފޮޓޯއެއްވެސް ދެ ސަރުކާރުން ވެސް ހާމައެއް ނުކުރެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ޤައުމުގެ ވެރިން ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 72.97 އިންސައްތަ މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 59.07 އިންސައްތަ މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭއަށް ފަތުރުވެރިން އައުން ހުއްޓާލައި ބޯޑަރު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު އަލުން ފަތުރުވެރިނަށް ރާއްޖެ ހުޅުވާލާފައި ވަނީ 2020 ޖުލައި ގައެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ދެބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤާއި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވިއެވެ.



advertisment