Support Us

ހަނިމާދޫގެ އަންހެނުންގެ ކޮމިޓީއާ މެޑަމް ފަޒުނާ ބައްދަލުކުރައްވައިފި

ހަނިމާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ ހަނިމާދޫގައި ހުންނަ ބެއަރފޫޓް ހޮޓެލްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން، ހަނިމާދޫ އަންހެން ބޭފުޅުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށާއި، ކަސްރަތުކުރާ އަންހެން އިންސްޓްރަކްޓަރެއް ބޭނުންވެފައިވާކަމަށާއި، އަދި ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ރަށުގެ ތަރައްޤީގައި ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމުކަމަށާއި، އެންމެންގެ ޚިޔާލު ހިމެނޭނެހެން އެމީހުން ބޭނުންވާ ކަންކަން ރަށުގައި ކުރިއަށްގެންދިއުމަށް ވިދާޅުވެފައެވެ. އަދި، އެފަދަ ކަންކަން ކުރިއަށްގެންދެވެން ހުރި މަގުތައް ދެނެގަނެ އެކަންކަމަށް މަގުފަހިކުރުމަށް މަސައްކަތްކުރުމަށްވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ. މީގެ އިތުރުންވެސް އެކޮމިޓީގެ މެންބަރުން އެދިވަޑައިގެންނެވި ކަންކަން ކުރިއަށްގެންދިއުމަށްޓަކައި ކުރެވިދާާނެ މުހިންމު ކަންކަންކަމުގެ މަޢުލޫމާތު އެކަމަނާ ވަނީ އެކޮމިޓީގެ މެންބަރުންނަށް ވިދާޅުވެދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ހަނިމާދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ކުމުންދޫ އަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް