ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގައި އެތައް ޒަމާނެއް ވަންދެން ޙައްލުނުވެ ހުރި ކަންކަން ސަރުކާރުން ޙައްލުކޮށްދެއްވައިފި ކަމުގައި، މި ތިން ސްކޫލުގެ އިސްވެރިނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ވެރިން ފާހަގަކުރައްވައިފިއެވެ. މިއަދު ހެނދުނު މި ބައްދަލުކުރެއްވުން އޮތީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭންކުރެވިފައިވާ ޢުމްރާނީ މަޝްރޫޢުތައް ބާރަށް ކުރިޔަށްދާތީ އެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި، ބޭނުންވާ އިތުރު ކަންކަމާއި އިންސާނީ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމާއި ބެހޭގޮތުން އަދި ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ސްކޫލްތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތަޢުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ ފަސް ސްކޫލުގެ ތެރެއިން މިއަހަރު ތަރައްޤީ ކުރާ ދެ ސްކޫލުގެ ތެރޭގައި ހިމެނޭ އެއް ސްކޫލުކަން ފާހަގަކުރެއްވިއެވެ. އަދި، މި ބައްދަލުކުރެއްވުމުގައި މި ޕްރޮޖެކްޓާބެހޭ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމޮނައިޒްކުރުމުގެ ގޮތުން ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށްކަން ހާމަކުރައްވާފައެވެ. އަދި، ތަޢުލީމީ ދާއިރާއިން މިދުވަސްވަރު ކުރިޔަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަފީފުއްދީން ސްކޫލުގެ ޙާލަތު ބައްލަވާލައްވާފައެވެ.



advertisment