Support Us

ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހްޞީޞްކޮށްދެއްވަނީ

ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް

ޗައިނާ ސަރުކާރުގެ ފަރާތުން ކުރި މަރާމާތަށްފަހު ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން "ފަތުޙުﷲ ޖަމީލް ބިލްޑިން"ގެ ނަމަށް ތަހްޞީޞްކޮށް، އެ އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި ކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޢިމާރާތް، ފަތުޙުﷲ ޖަމީލްގެ ނަންފުޅަށް ޚާއްޞަކުރުމުގެ ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ. އަދި މި ޢިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށެވެ. މި ޢިމާރާތަކީ، ވެރިރަށް މާލޭގެ މަލަމަތިން، ދިވެހިންގެ ޤައުމީވަންތަކަމާއި ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަޤްޞަދުގައި، އަލްމަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލްގެ ވިސްނުންފުޅާއި ޚިޔާލުފުޅާ އެއްގޮތަށް، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްފައިވާ ޢިމާރާތެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މިހޭދަވި 56 އަހަރުގެ ތެރޭގައިވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު، މިނިވަންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ބިނާވެފައި ވަނީ މި ދެންނެވި އަސާސްތަކުގެ މަތީގައި ކަމަށާއި، މަރްޙޫމް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މި ދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ޑިމޮކްރެސީގެ ހަމަތަކާއި ޞުލްޙަޔަށް އިސްކަން ދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި ބައިނަލްއަޤުވާމީ މުޖްތަމަޢުގެ ވަރަށް ބޮޑު ތާއީދަކާއެކު، އ.ދގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަޤާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެގެން ދިޔުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *