މަސްތުވާތަކެތީގެ މައްސަލައިގައި ސ. ފޭދޫ، ލ. ގަމު، ހދ. ކުޅުދުއްފުށި އަދި ހދ. ނޮޅިވަރަމުން ފަސް މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެގޮތުން ފޭދޫގައި މީހަކު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 29 އަހަރާއި 37 އަހަރުގެ ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ގަމު ބަނދަރު ސަރަހައްދުން 51 އަހަރުގެ މީހަކު މި މަހު 10 ވަނަ ދުވަހު ހައްޔަރުކޮށް އޭނާއާއި އޭނާ ދަތުރުކުރި ޑިންގީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި ބަނގުރާ ފުޅިއެއް ވަނީ ފެނިފައި ކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަަށް ލިބުނު މައުލުމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި އެ އޮޕަރޭޝަނެއްގައި އެ ރަށު ބަނދަރުމަތިން 29 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓަކާއި 14 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށު ޕޮލިސް ސްޓޭޝަނުން މި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 45 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
އަދި ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން މި މަހު 8 ވަނަ ދުވަހު އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ވަނީ ފެނިފައެވެ. ނަމަވެސް އެ މައްސަލަައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.



advertisment