Support Us

241 ކޮމިޓީގެ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ (241) ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރިޕޯޓް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލައްވާ ހުށައެޅުއްވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. މި ރިޕޯޓް ބަލައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ފަރާތުން ވަނީ މި ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާފައެވެ. އަދި މި ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ބޭނުންވި ކަންކަން ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުންވެސް ދެއްވި އެއްބާރުލުން ފާހަގަކޮށްފައިވެއެވެ. އަދި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުޤީޤީ ސިފަތައް ނުހިމެނޭނޭހެން މި އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައިވާ ކަމަށް މުގައްރިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިޔުޝާ އަދި ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ، ލީގަލް އެފެއާޒް، އަހްމަދު ނާޒިމް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް