ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކު ސިޓީގައި ބަހައްޓާ ޕީސީއާރު މެޝިން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޤާއިމްކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީ ކައުންސިލާއެކު އޮންލައިންކޮށް އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއަރ މެޝިނެއް ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ޓެކްނީޝަނުން އެ ސިޓީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފުވައްމުލަކުގައި ސަރުކާރުން އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު ފުވައްމުލަކަށް މިހާރު ބޭނުން ޖެހިފައިވާ ޑައިގްނޯސްޓިކް ޚިދުމަތްތައް މި ހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެ ކަމަށެވެ.
ލާމަރުކަޒީ ޤާނޫނާއެކު އަލަށް އިންތިޚާބުވެވަޑައިގަތް ކައުންސިލަށް ސަރުކާރުގެ ފަރާތުން މަރުހަބާ ވިދާޅުވެ، ކައުންސިލްތަކަކީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރުން ތަރައްޤީގެ މަގުގައި ކުރައްވާ މަސައްކަތުގެ މުހިއްމު ބައިވެރިއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޤް ވިދާޅުވީ މިހާރު ފުވައްމުލަކުގައި ސަރުކާރުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއަށް ސްޓޯރމްވޯޓަރ ޑްރެއިން އަދި ފަޔަރ ހައިޑްރަންޓް ހިމެނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ފުވައްމުލަކުގައި ހަދަން ފަށައިފައިވާ ގެތަކާއި މަރާމާތަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނުގެ ދަށުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި މި ލޯނު ސްކީމް އިތުރަށް ފުޅާކުރުމުގައި ކުރެވިދާނެ ބައެއް ކަންކަން ފުވައްމުލައް ކައުންސިލްގެ ފަރާތުން ފާހަގަކުރިއެވެ. ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން އެ ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށްރަށުގައި ބޯހިޔާވަހިކަމަށް ހުރި ދަތިކަން ހައްލުކުރުމަށް ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢެއް އަންނަ އަހަރު ފަށްޓަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޒަމާނުންސުރެ ކުނި ގިނަވެ ޒަމާންތަކެއް ވަންދެން ހައްލުނުވެ ހުރި ރަށްތަކުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެގޮތުން ފުވައްމުލަކުގެ ކުނި ނެގުމުގެ މަސައްކަތަކީ ޚާއްޞަ އިސްކަމެއް ދީގެން ކުރެވެމުންދާ މަސައްކަތެއްކަން މި ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން، ގިނަދުވަސްވެ ފުނިޖެހިފައިވާ ކުނި ގެންދިއުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރެވިގެން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައެއް ކައުންސިލަރުން ވަނީ ފުވައްމުލަކުގައި ކުށްމަދު ކުރުމަށާއި އަމާންވެއްޓެއް ޤާއިމްކުރުމަށް ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެ ސިޓީގައި ފުލުހުންގެ ޚިދުމަތާއި މަސްތުވާތަކެއްޗަށް ފަރުވާ ކުރުމުގެ ނިޒާމުގެ ތެރެއިން ފަރުވާ ނުދެވި ތިބި ފަރާތްތައް ފަރުވާގެ ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޤާނޫނާއެކު މާސްޓަރޕްލޭނެއްގެ ތެރެއިން އެކި ސަރަޙައްދުތަކަށް ބަހާލެވިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށްރަށަށް ބޭނުންވާ އަދަދަށް ފުލުހުން އިތުރުކުރުމުގެ މަސައްކަތަކީވެސް ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އައު މެނޭޖްމަންޓާއެކު ފަރުވާއަށް ޚާއްޞަކުރެވިގެން ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގެ އުއްމީދު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ގެންދަވާނެކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



advertisment