މުޖުތަމަޢުގައި ހުރި ނޭދެވޭ އާދަތައް ނައްތާލައި އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް ހިންގޭނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ސޯޝަލް އެތިކްސް ކޮމިޓީއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސްކޫލް ތެރޭގައި ކުދިންނަށް ޚާއްޞަކޮށްގެން ހިންގޭނެ ޕްރޮގްރާމްތަކާއި ސްކޫލުން ބޭރުގައި ހިންގޭނެ ޕްރޮގްރާމްތަކަކީ ކޮބައިތޯ ބަލައި، ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ޤައުމުގެ އިޖްތިމާޢީ ކަންކަން ރަނގަޅު ކުރުމަށް އެއްބާރުލުންދީ މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ އެދިވަޑައިގަތުމެއް ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބައިވެރިން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ސްކޫލްތައް މެދުވެރިކޮށް، ކުދިންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ރިވެތި އަދަބު އަޚްލާޤާއި، ހަމަތަކާއި އުޞޫލުތައް ކުދިން ގައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަމާއި ހިންގިދާނެ ޙަރަކާތްތަކާ މެދުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment