Support Us

ނޮޅިވަރަންފަރު ނެރުގެ ފައިކައްޓަށް އެރި މުދާ އުފުލާ ދޯނި ފުންކުރުމުގެ މަސައްކަތްކުރަނީ -އަދިވެސް ފޮޓޯ: އަބްދުﷲ މުއާޒު

ނޮޅިވަރަންފަރު ފަރުމަތީގައި ހުރި ދޯނި ފުންކުރާން ޓަގު ބޯޓެއް ގެންދަނީ

ހދ. ނޮޅިވަރަންފަރު ނެރުގެ ފައިކައްޓަށް ރޭ އިރާކޮޅު އެރި މުދާ އުފުލާ ދޯނި ފުންކުރުމަށްޓަކައި މާލެއިން ޓަގު ބޯޓެއް މާދަމާ ހެނދުނު އެ ރަށަށް ދާނެ ކަމަށް ދޯނީގެ ކައްޕި ބުނެފިއެވެ.

ދޯންޏެއް ބަނުމަށްޓަކައި ހއ. ވަށަފަރުންނާއި ހއ. ފިއްލަދޫން ލަކުޑި ބަރުކޮށްގެން އެ ރަށަށްދިޔަ 90 ފޫޓުގެ "އަލިސާފު" ދޯނި، ނޮޅިވަރަންފަރު ކަނޑިންމައިގެ އިރުމަތީ ފައިކަށި ކައިރިއަށް އެއީ ރޭ 7.30 ހާއިރުއެވެ. ދޯނި ފުންކުރުމަށް އެ ވަގުތުއްސުރެ މަސައްކަތް ކުރި ނަމަވެސް، އަދި މިހާތަނަށް ދޯނި ފުނެއް ނުކުރެވެއެވެ. ދޯނި ފުންކުރެވޭތޯ ރަށުގެ ވެރިންނާއި ގިނަ ބަޔަކު މޫދަށްއެރިގެން ރޭ ވެސް މަސައްކަތްކުރިއެވެ. އަދި މިއަދު ހެނދުނު ވަނީ ކޮޅުވެއްޓިއަކާއި އެހެން ދޯންޏެއް ގޮސް ކަފު ޖަހައިގެން ވެސް ދޯނި ދަމަން އުޅެފައެވެ. ނަމަވެސް ދޯނި އަރައިފައި ހުރިލެއް ބޮޑުކަމުންނާއި އެކަށީގެންވާ ވާވެލާވެލި ނެތުމާއި ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.

ޖުމްލަ ތިން ފަޅުވެރިން ތިބި "އަލިސާފު" ދޯނީގެ ކައްޕި މުހައްމަދު ހަލީމު މިއަދު ބުނީ ދޯނި ފުންކުރުމަށް މިއަދު ކުރި މަސައްކަތް ކާމިޔާބުނުވުމުން، މާލެއިން ޓަގު ބޯޓެއް މިހާރު ފުރައިފައިވާ ކަމަށާއި މާދަމާ ހެނދުނު ހަތެއްޖަހާކަންހާއިރު ނޮޅިވަރަންފަރަށް ޓަގު ފޯރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ޓަގު ޖެހީމާ އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހައިން ފުންވާނެ،" ދޯނީގައި ހުރެ ވާހަކަ ދައްކަމުން ކައްޕި ބުންޏެވެ.

ނޮޅިވަރަންފަރު ނެރުގެ ފައިކައްޓަށް އެރި މުދާ އުފުލާ ދޯނި ފުންކުރުމުގެ މަސައްކަތްކުރާތަން ބަލަނީ -އަދިވެސް ފޮޓޯ: އަބްދުﷲ

ކައްޕި ބުނީ ހަނިމާދޫ އެއާޕޯޓު ކައިރީގައި އޮންނަ ނޮޅިވަރަންފަރަށް ވަންނަން އުޅެނިކޮށް ދޯނި ފަރަށް އެރީ، ނެރު ކައިރީގައި އޮންނަ ތިލަކޮޅަކުން ނައްޓާން އުޅުމުގެ ތެރޭގައި، ރަނގަޅަށް ބޭރު ނުފެނުމުގެ ސަބަބުން ކަމަށެވެ.

"ދޯނީގައި ނެތް މާ އަލިގަދަ ބައްތިއެއް ކުރިއަށް އަލިކޮށްލާކަށް. ކުޑަކުޑަ ދެ ބައްތިގަނޑު އިންނަނީ. އޭގެން ރަނގަޅަށް އައްޔެއް ނުކުރެވޭ. ދޯނި ވަންނަން އަންނައިރު ނެރުމަތީގައި އިންނާނެ ކުޑަކުޑަ ތިލަކޮޅެއް ބީހޭވަރުގެ. އެތަނަށް އެރިދާނެހެން ހީވާތީ ކުޑަކޮށް ދަށްކޮށްލެއްވުނީ އަހަންނަށް،" ދޯނި ފަރަށް އެރި ގޮތް ކައްޕި ކިޔައިދިނެވެ.

ނޮޅިވަރަންފަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށުގެ ނެރުފަރުމައްޗަށް ދޯނި އަރައިފައި -އަދިވެސް ފޮޓޯ: ޝަހީމާ އަލީ/ އެފް.ބީ

ކައްޕި ބުނީ ފަރުމައްޗަށް އަރައިފައި ހުއްޓާ ރާޅާ ތެޅުމުގެ ސަބަބުން ދޯނިން ކޮންމެވެސް ވަރަކަށް ދިޔަހިލިފައިވާ ކަމަށާއި ނަމަވެސް ޕަންޕު ޖަހައިގެން ދިޔަގަނޑު އެއްކޮށް ސާފުކޮށްލެވޭ ކަމަށެވެ.

"އަލިސާފު" ދޯނި ފަރަށް އެރުމުން އެތަނުގައި ކޯސްޓްގާޑުގެ ޑައިވަރުން ހަރަކާތްތެރިވާ ކަމަށް އެމް.އެން.ޑީ.އެފުން މިއަދު ވަނީ ބުނެފައެވެ.

ނަމަވެސް ކައްޕި ބުނީ ދެ ފަހަރަކު ކޯސްޓްގާޑު އެ ތަނަށް ދިޔަނަމަވެސް އެއްވެސް ޑައިވަރަކު މޫދަށް ނުފައިބާ ކަމަށެވެ.

"އެމް.އެން.ޑީ.އެފް ޑައިވަރުންނެއް ނާދޭ. ކޯސްޓްގާޑުން އައިސް އެ މީހުން ލޯންޗުގައި ތިބެނީ ވާ ގެންގޮސްދީ ކަންތައްތައް ކުރަން. ރޭގައި އައިސްފައި އަނެއްކާ މިއަދު ހެނދުނުވެސް (ކޯސްޓްގާޑު) އައި. ދޭތެރެއަކުން ގުޅައިވެސް ހަދާ،" ކައްޕި ބުންޏެވެ. "ކޯސްޓްގާޑުގެ އެއްވެސް ޑައިވަރަކު މޫދަކަށް ނުފައިބާ. ނޮޅިވަރަންފަރުގެ ރައްޔިތުން މޫދަށް އެރިގެން އަޅުގަނޑުމެންނަށް އެހީތެރިވަނީ. ކޯސްޓްގާޑު މީހުން ތިބެނީ ލޯންޗުގައި."

ނޮޅިވަރަންފަރުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ދޯނި މިހާރު ހުރީ އަރިނާޅާނެ ގޮތަށް ދެ ފަރާތުން ދަގަނޑު ހޮޅި ވިއްދައި އައްސައިފައި ކަމަށް ވެސް ކައްޕި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް