މަސްތުވާތަކެއްޗާއެކު ގދ. ރަތަފަންދޫ އަދި ބ. ފެހެންދޫން ދެ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިގޮތުން ފެހެންދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 1 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 103 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެހެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
އޭގެ އިތުުރުން، ރަތަފަންދޫގައި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 29 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އޮޕަރޭޝަނުގައި، އެވަގުތު އޭނާ މަގުމަތީގައި ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ވަނީ ފެނިފައެވެ. އަދި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފަސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.



advertisment