އިންޑިއާ އެމްބަސީގެ ދިފާއުގައި ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.
އެ ބަޔާނުގައި އިންޑިއާއޭ ޖަހައިފައި ނެތަސް، އޭގައި ބުނެފައި ވަނީ ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި މިފަހަކަށް އައިސް، ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން އެ މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި މި މިނިސްޓްރީއިން ދެކެމެވެ. އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެ ކަމެއް ކަމުގައިވެސް ދެކެމެވެ." އެ ބަޔާނުގައިވެއެވެ.
"ދޭދޭ ޤައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ޚާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961″ ގައި ކަނޑައެޅިފައިވެއެވެ. އެގޮތުން "ރިސީވިންގ ސްޓޭޓް"ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ. ވީމާ، އެކިއެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސްކުރަމެވެ."



advertisment
2 Responses
ނޫސްތަކުގެ ސަބަބުން މި ގައުމުގައި ބޮޑުކޮށް ފިތުނަ އުފެދޭ. ވަރަށް ޒިންމާދާރުކަން ކުޑަ، ކުޅޭކުޅޭ ބަޔަކު ނޫސްތަކުގައި އެބައުޅޭ. ހަމަ ފިތުނަ އުފައްދަނި،
ރަނގަޅު ވާހަކައެއް. ސިޔާސީ ވެރިން، ބޭރު ގައުމެއްގެ އަސްކަރީ ނުފޫޒުގެ ތެރެއަށް ރާއްޖެ ގެންދާއިރު، އެ ވާހަކަ ދައްކައިގެން ނުވާނެ. އެއީ ޑިމޮކުރަސީއަކީ. އެއީ އިންސާނީ ހައްގަކީ. އެއީ ދީނަކީ. އެއީ އަދުލުވެރިކަމަކީ. އެއީ ހެޔޮ ވެރިކަމަކީ. އެއީ ޖަޒީރާ ރާްއްޖެއަކީ. މައްސަލައަކީ މަދުން ނަމަވެސް މިނިވަންކަމަށް ލޯބިކުރާ މީހުން އުޅޭކަން. ގައުމުގެ ސިޔާދަތުގެ ހައްގުގައި ތެދުވާނޭ ބަޔަކު އަބަދުވެސް އުޅޭކަން. އަދި، ގައުމަށް ޚިޔާނަތްތެރިވާ މީހުން، (އެމީހުންނަކީ ހަރު އަޑުން އިންޑިޔާގެ ޓީވީ ޕުރޮގުރާމެއްގައި ރާއްޖެ ހިފަން އިންޑިޔާއަށް ދައުވަތު ދިން މީހުން)، މިފަދަ މީހުންނަކީ ޚިޔާނަތްތެރިން ކަމުގައި ދެކި، އެ މީހުންގެ ވާހަކަ ގަބޫލު ނުކުރާ މަދު ބަޔަކު ނަމަވެސް އުޅޭކަން.