Support Us

މަސްތުވާތަކެއްޗާއެކު އުނގޫފާރު، ނަޑެއްލާ، ފުނަދޫ، ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ރ. އުނގޫފާރު، ގދ. ނަޑެއްލާ، ށ. ފުނަދޫ އަދި ހދ. ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން، މަސްތުވާތަކެތި ހިފައިގެން މީހަކު ކުޅުދުއްފުށިން ފުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރު މަތިން 41 އަހަރުގެ މީހަކު ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާ ހިފައިގެން ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި ށ. ފުނަދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ފުނަދޫ ގެއެއް ބަލައި ފާސްކޮށް މި މަހުގެ 18 ވަނަ ދުވަހު 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގޯތިތެރޭގައި ވަޅުލާފައި އޮތް ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކަނޑުމަގުން އުނގޫފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 16 ވަނަ ދުވަހު އުނގޫފާރު ބަނދަރުމަތިން 18 އަހަރުގެ މީހަކު ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ ދަތުރުކުރި ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 10 ސެލޯފިންކޮޅާއި 30 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

އޭގެ އިތުރުން ނަޑެއްލާ ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ނަޑެއްލާ ގެއެއް ބަލައިފާސްކޮށް 32 އަހަރުގެ މީހަކު މަހުގެ 15 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ހޯދައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނަޑެއްލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުމުން، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މި ހުރިހާ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް