Support Us

"ދަ ބާސްކެޓް"ގެ ތިންމައިން: (ކ-ވ) ޢާއިޝަތު އުސައިދު (އާތު)، މަންމަ ޒުހައިރާ އަލީ އަދި ދައްތަ ފާތުމަތު އުސައިދު (މާއްކޮ) -އަދިވެސް ފޮޓޯ

ލޮކްޑައުންގެ ގޮންޖެހުންތަކުގެ ތެރެއިން ވުޖޫދުވި "ދަ ބާސްކެޓް"- ތިން މައިންގެ ވިޔަފާރިއެއް

"ކޮވިޑްގެ ލޮކްޑައުންއާއެކު އެއްޗެހި ހޯދުމުގައި ދިމާވި ގޮންޖެހުންތަކާއެކު ހިތަށްއެރީ ރީޓެއިލް އެންޑް ހޯލްސޭލް ވިޔަފާރިއަކީ ޗެލެންޖިން ކަމެކޭ އެކަން ކުރަންވިއްޔޭ. ދެން ބައްޕަގެ ޚިޔާލަކަށް އެހުމުން ވިދާޅުވީ ތިޔައީ ރަނގަޅުކަމެކޭ، އެކަމަކު ހަނދާންކުރައްޗޭ ތިޔައީ ވަރަށް ބުރަ ކަމެކޭ. ރަނގަޅު އާމްދަނީއެއް ހޯދޭނީ ހިންމަތާއެކު މަސައްކަތްކޮށްގެންނޭ. ދަރިފުޅުމެންނަށް އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ބައްޕައަކަށް ނުފެނޭ،" "ދަ ބާސްކެޓް"ގެ ނަމުގައި ވިޔަފާރި އުފަންވި ގޮތް، މެނޭޖިން ޑައިރެކްޓަރ ޢާއިޝަތު އުސައިދު (އާތު) "އަދިވެސް" އަށް ވިދާޅުވިއެވެ.

"ދަ ބާސްކެޓް"ގެ ތިންމައިން: (ކ-ވ) ޢާއިޝަތު އުސައިދު (އާތު)، މަންމަ ޒުހައިރާ އަލީ އަދި ދައްތަ ފާތުމަތު އުސައިދު (މާއްކޮ) -އަދިވެސް ފޮޓޯ

"ދެން އަޅުގަނޑާއި ދައްތަ އަދި މަންމަ އާއި ތިންމައިން ވާހަކަ ދައްކައިފައި ތިންމައިގެ ނަމުގައި ކުންފުންޏެއް ރަޖިސްޓަރީކޮށްފައި ވިސްނީ ރަނގަޅު ވިޔަފާރި ނަމަކަށް. އެގޮތުން ނިމުނީ "ދަ ބާސްކެޓް" ކިޔުމަށް. އެއީ ކިޔާލަން ފަސޭހަ، ހަނދާން ހުންނަ ކަހަލަ ނަމަކަށް ވެފައި އަދި ވިޔަފާރިއާ ގުޅޭ ކަހަލަ ނަމަކަށް ވީމަ."

ގޭތެރޭގެ އާންމު ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ ސާމާނާއެކު، ތިން މައިންގެ "ދަ ބާސްކެޓް" ހުޅުވީ މި ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

"ދަ ބާސްކެޓް"ގެ ބައެއް ތަކެތީގައި އަގު ޖެއްސެވުމުގައި އާތު ހަރަކާތްތެރިވެވަޑައިގަންނަވަނީ   -އަދިވެސް ފޮޓޯ

އުމުރުން 23 އަހަރުގެ އާތަކީ ގ. ޕެންޒީމާގޭ އުސައިދު އަލީގެ ހަގު ދަރިކަނބަލުންނެވެ. "ދަ ބާސްކެޓް" އަކީ ޔުނިޝަން ޕްރައިވެޓް ލިމިޓެޑްގެ ބްރޭންޑެކެވެ. ޔުނިޝަންގެ ވިޔަފާރީގައި ދެން ބައިވެރިވަނީ އާތުގެ މަންމަ ޒުހައިރާ އަލީ އާއި ދައްތަ ފާތުމަތު އުސައިދު (މާއްކޮ) އެވެ.

އާތު ވިދާޅުވި ގޮތުގައި މި ވިޔަފާރި ފެށުމުގައި ހުރިހައި ލަފައަކާއި އިރުޝާދަކާއި އެހީތެރިކަމެއް ދެއްވީ އޭނާގެ ބައްޕަ، ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އުސައިދެވެ. އުސައިދު ވަނީ ބޭންކް އޮފް މޯލްޑީވްސްގައި ވެސް ވިއްސަކަށް އަހަރު ހިދުމަތްކުރައްވައިފައެވެ. (އުސައިދުގެ ބޭބެ، މައުސޫމް ޝާކިރަކީ ރާއްޖޭގެ ވަރަށް މަޝްހޫރުވި ޅެންވެރިއެކެވެ. ލަވަކިއުންތެރިޔާ އަލީ ރަމީޒު އެންމެ މަޝްހޫރުވެގެންދިޔަ ދުވަސްވަރު އަލީ ރަމީޒު ކިޔައިފައިވާ ގިނަ ލަވަތަކަކަށް މައުސޫމް ޅެން ހައްދަވައި ބައެއް ލަވަ އަލްބަމްތައް އޭނާ ޕްރޮޑިއުސްވެސް ކުރެއްވިއެވެ. އުސައިދަކީ ވެސް ޅެންވެރިއެކެވެ. އެކަމަކު އޭނާ ޅެން ހައްދަވަނީ އިނގިރޭސި ބަހުންނެވެ.)

އުސައިދު: އާއިލީ ވިޔަފާރި އަށް ހުރިހައި ލަފައަކާއި އެހީތެރިކަމެއް ދެއްވާ -ފޮޓޯ: އުސައިދު/ އެފް.ބީ

"ބައްޕަ ވިދާޅުވީ ބައްޕަ އިންވެސްޓްކޮށްދެއްވާނަމޭ، އަދި ވިޔަފާރި މެނޭޖުކުރުމުގައި ދެތިންމަހު އުޅެދެއްވާނަމޭ، އޭގެފަހުން ވިޔަފާރި މެނޭޖުކޮށް ހިންގަންވާނީ އަޅުގަނޑުމެންނޭ. އަދި ދެ ކަމަކަށް (ބައްޕަ) ނަސޭހަތްދެއްވި. އެއީ ވިޔަފާރީގައި މަކަރުނުހެދުމަށާއި، ނުޙައްޤުން ފައިދާ ހޯދުމަށް މުދާ އަގުބޮޑުނުކުރުމަށާއި، މުދަލުޒަކާތަށް ރައްކާތެރިވުމަށް. އެކަމަށް އެއްބަސްވީމަ ބައްޕަ އަޅުގަނޑުމެންނަށް އިންވެސްޓުކޮށްދެއްވީ،" އާތު ވިދާޅުވިއެވެ. "ބައްޕަގެ އިތުރުން ވެސް އާއިލާގެ ހުރިހާ ބޭފުޅުންގެ ވެސް އެހީތެރިކަމާއި އެއްބާރުލެއްވުން އަޅުގަނޑުމެންނަށް ލިބިގެން މިހާ ހިސާބަށް އާދެވުނީ. މުދާ ގަތުމާއި ޑެލިވަރީގެ ކަންކަމުގައި ވެސް މުވައްޒަފުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އެއީ ވަރަށް ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރާ ކަމެއް."

އާތު ވިދާޅުވި ގޮތުގައި މިއީ ގޭތެރެއިން އުފަންވި އާއިލީ ވިޔަފާރިއެއް ކަމުން، ފިހާރަތެރޭގައި ވެސް ބޮޑަށް ހަރަކާތްތެރިވަނީ އެ ބޭފުޅުންނެވެ.

"ދަ ބާސްކެޓް"ގެ ބައެއް މުވައްޒަފުން ފިހާރަތެރޭގައި ހަރަކާތްތެރިވަނީ  -އަދިވެސް ފޮޓޯ

"އަޅުގަނޑަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި ވީނަމަވެސް، އެހެން މުވައްޒަފުންނެކޭ އެއްގޮތަށް އަޅުގަނޑުވެސް މަސައްކަތްކުރަން. ބައެއް ފަހަރު ކައުންޓަރުގައިވެސް އިންނަން،" އާތު ވިދާޅުވިއެވެ. "މިއަދު އަޅުގަނޑަށް ވަރަށް ވަގުތު ލިބޭ ވިޔަފާރިތެރޭގައި އުޅެން. އެހެންވެ ހުރިހާ ވަގުތެއް މި ދެނީ މިކަމަށް."

"ދަ ބާސްކެޓް"ގައި މިހާރު ވެސް ހައެއްކަ މުވައްޒަފުން ހަރަކާތްތެރިވެއެވެ.

އާތު އާއި މާއްކޮ (ވ) "ދަ ބާސްކެޓް"ގެ ކައުންޓަރުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ   -އަދިވެސް ފޮޓޯ

ސްކޫލްގައި ކިޔަވައިވިދާޅުވަމުން ގެންދެވިއިރު، ކުރިއަށް ވަޑައިގަންނަވާނެ ސްޓްރީމެއް ޚިޔާރުކުރެއްވުމުގައި އާތަށާއި އޭނާގެ ދައްތައަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވުމުން، އެ ބޭފުޅުންގެ ބައްޕަގެ ލަފަޔަކަށް އެދިވަޑައިގަތެވެ.

"މިއަދުވެސް ހަނދާން ހުރޭ… އެ ދުވަހު ބައްޕަ ވިދާޅުވި ދަރިފުޅާއޭ ތަޢުލީމަކީ މަދަރުސާއިންދޭ ފިލާވަޅުތައް ހިތުދަސްކޮށްގެން ހޯދާ ސެޓްފިކެޓެއް ނޫނޭ. ހަޤީޤީ ތަޢުލީމަކީ ސްކޫލުންދޭ ފިލާވަޅުތައް އެނގުމާއެކު، ތިމާގެ އަޚްލާޤާއި ހުނަރާއި ހިންމަތާއި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު މުޖުތަމަޢަށް ނިކުތުމޭ. އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީއެއް ހޯދުމޭ. މި ޒަމާނަކީ ވަޒީފާއެއް އަދާކޮށްގެން ހަމައެކަނި ފުދޭނެ ޒަމާނެއް ނޫނޭ. އަދި އަމުދުން އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ވަރަށް ގިނައޭ،" ސްކޫލް ދައުރުގެ ހަނދާންތައް އާކުރައްވަމުން އާތު ވިދާޅުވިއެވެ. "އޭރުން ފެށިގެން ވިސްނަން ކޮންކަމެއްބާއޭ ކުރާނީ ނޫނީ ކުރެވޭނީ. ވަރަށް ގިނަ ފަހަރު ވަޒީފާއަކަށް ދާން ވިސްނިން އަދި ދިޔައިންވެސްމެ. ނަމަވެސް އެދުވަހު ބައްޕަ ވިދާޅުވި ފަދައިން ވަޒީފާ އަދާކުރުމަކީ ފަސޭހަކަމެއް ކަމުގައި ނުފެނުނު."

އާތު ތައުލީމު ހާސިލްކުރެއްވީ އިސްކަންދަރު ސްކޫލުންނާއި ކޮލަމްބޯގެ ގޭޓްވޭ ސްކޫލުންނެވެ. މާއްކޮ، 33، އަމީނިއްޔާ އިން ތައުލީމު ހާސިލްކުރެއްވުމަށްފަހު ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރެއްވީ ލަންކާގެ އެމެރިކަން ކޮލެޖު އޮފް ހަޔަރ އެޑިއުކޭޝަނުންނެވެ.

ގ. ޕެންޒީމާގޭ ހުޅަނގު އުތުރު ކަންމަތީގައި، އަލިކިލެގެފާނު މަގަށް ހުންނަ ފިހަރާއަކީ އާތުމެންގެ ބައްޕަގެ ފިހާރައެކެވެ. މީގެ ކުރިން އެތަން ހުރީ ކުއްޔަށް ދީފައެވެ.

"ދަ ބާސްކެޓް": ވަށިގަނޑަށް އަޅައިލެވޭނެ ވަރަށް ގިނަ ވައްތަރުތައް އެބަހުރި  -އަދިވެސް ފޮޓޯ: ސުޒީ

"މީގެ އެތަކެއް އަހަރެއް ކުރީންވެސް ބައްޕަ ވިދާޅުވޭ ދަރިފުޅުމެން ވިޔަފާރިއެއް ކުރަންވީނޫންހޭ. ބައްޕައަށް ވީވަރަކުން (އަޅުގަނޑުމެންނަށް) ވިޔަފާރި ފަށްޓައިދޭނަމޭ. ނަމަވެސް އެއީ (އަޅުގަނޑުމެން) އަމިއްލައަށް ފެނިގެން އެކަންކުރަން ބޭނުންވާ ދުވަހަކުންނޭ. ނަމަވެސް މިއޮތް ހުރިހާ ދުވަހަކު ހިތަށްއެރީ އަންހެން ކުދިންނަށްވެފައި އެކަހަލަ ވިޔަފާރިއެއް ކުރެވިދާނެބާއޭ؟" އާތު ވިދާޅުވިއެވެ. "މިހާރު އެނގިއްޖެ އަންހެން ކުދިންނަށް ވެސް މި ކަމުގައި މަސައްކަތް ކުރެވިދާނެކަން."

"ދަ ބާސްކެޓް"ގެ ބައެއް ތަކެތީގައި އަގު ޖެއްސެވުމުގައި އާތު ހަރަކާތްތެރިވެވަޑައިގަންނަވަނީ   -އަދިވެސް ފޮޓޯ

ވިޔަފާރީގައި އަލަށް ހަރަކާތްތެރިވާ ޒުވާނުންނަށް ކުރިމަތިވާ އެކި ކަހަލަ ދަތިތައް ހުރިކަން ވެސް އާތު ފާހަގަކުރެއްވިއެވެ.

"މިސާލަކަށް މިހާރުވެސް ފިހާރައަށް ބޭރު މީހަކު ގެންނަން ކޯޓާއަށް އެދިގެން އުޅޭތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވީ. މިކަހަލަ ކަންތައްތައް ފަސޭހައިން ވާނެގޮތް ހަމަޖެހިފައި ހުރުމަކީ އަޅުގަނޑުމެން އަންހެން ކުދިންނަށް މިކަހަލަ ކަންކަމުގައި އިސްނައިގެން އުޅެން ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް،" އާތު ވިދާޅުވިއެވެ. "އަޅުގަނޑުމެން އަދި ވަރަށް އާ މިކަހަލަ ވިޔަފާރިއަކަށް. އެހެންވެ މިކަހަލަ ކަންކަން ފަސޭހައިން ކުރުމުގައި ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުންވެސް އަޅުގަނޑުމެން ބޭނުންވޭ."

"ދަ ބާސްކެޓް"ގެ އެތެރެ. ގޭތެރޭގެ އާންމު ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ ސާމާނު އެބަހުރި  -ފޮޓޯ: އުސައިދު/ އެފް.ބީ

އާތު ވިދާޅުވި ގޮތުގައި "ދަ ބާސްކެޓް" ހުޅުވިތާ ފުރަތަމަ މަސް ނިމިގެން ދަނީ ތަފާތު ތަޖުރިބާތަކެއް ކުރެވި، އިތުރު އުންމީދުތަކެއް އާވަމުންނެވެ. އެހެންވެ އެ ވިޔަފާރި އިތުރަށް ފުޅާ ކުރެއްވުމަށް އާތު މިހާރު ވެސް ގެންދަވަނީ ވިސްނަވަމުންނެވެ.

"އުއްމީދަކީ މި ވިޔަފާރި އިތުރަށް ފުޅާކޮށް ސީދާ ރާއްޖެއިން ބޭރުން މުދާ އެތެރެކޮށް މުދާ ރީޓެއިލްކުރުމާއެކު ހޯލްސޭލްކޮށް ރައްޔިތުންނަށް އަތްފޯރާފަށުގައި މުދާ ލިބޭނެގޮތް އަޅުގަނޑުމެންގެ ފުށުންވެސް ފަހިކޮށްދިނުން. ވަރަށް ބުރަ، އެކަމަކު ވަރަށް ގިނަ ތަޖުރިބާތަކެއް ދަނީ ކުރެވެމުން. އިންޝާﷲ އެދެނީ މިކަމުގައި މާތްﷲ ބަރަކާތްލެއްވުން،" އާތު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
35
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އުސައިދު އެއީ ބީއެމްއެލްގަ އެތައް އަހަރެއްވަންދެން މަސައްކަތްކުރި މީހެއް.ގުޑް ލަކް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *