Support Us

އިބްރާހިމް ހުސައިންފުޅު ހިންގަވާ ގުރުއާން ހިތުދަސް ކިލާސް ކުރިމަތީގައި ރައީސް ސޯލިހުގެ އަރިހުގައި ފޮޓޯއަކަށް މަޑުކޮށްލައްވައިގެން

ތުޅާދޫ އިބްރާހިމް ހުސައިންފުޅު: "އަދަބުވެރިކަމަށް ލޯބިކުރެއްވި، ނިކަން ހަރުދަނާ ނަމޫނާ މުރައްބީއެއް"

"އަޅުގަނޑަށް އިބްރާހީމް ފުޅު ފުރަތަމަ ފެނުނީ އަޅުގަނޑުގެ ވަރަށް ހަގު އުމުރެއްގައި ތުޅާދޫންނެވެ. އޭރު އޭނާއަކީ ރަށުގެ މާ މިސްކިތު އިމާމުގެ އިތުރަށް މަދަރުސާގެ އިސް މުދައްރިސެކެވެ. ރަށުގެ ކުދިބޮޑު އެންމެން ނިހާޔަތަށް ޤަދަރުކުރާ ޝަޚްޞިއްޔަތެކެވެ. އޭނާ މަގެއްގެމަތީން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ކުރިކަނޑާ ދިޔުމެއް އަޑުވީއްލައި އެއްޗެއް ބުނުމެއް ނޯވެއެވެ. ޚާއްޞަކޮށް އޭރުގެ ދަރިވަރުންނާއި އަންހެނުންގެ ކިބައިން މި ހިމޭންކަން އެތައް ފަހަރަކު ދުށީމެވެ." މަޝްހޫރު ލިއުންތެރިޔާ އާދަމް ނަސީރު އިބްރާހިމް އޭނާގެ ފޭސްބުކްގައި ލިއުއްވައިފައިއެވެ.

ބ. ތުޅާދޫ ސުކޫލަށް 40 އަަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ އާދަޔާޚިލާފު މި ޝަަހުސިއްޔަތު ރޭގެ ވަގުތެއްގައި ވަނީ އަވަހާރަވެފައެވެ. އަވަހާރަވީ ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ލިބެއެވެ.

ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ކުރީގެ މިނިސްޓަރު އަމީން އިބްރާޙިމު (ކ) އޭނާގެ ބައްޕަ އާއި މަންމައާއެކު

ބ. ތުޅާދުއަށް އުފަން، އުމުރުން 75 އަހަރުގެ އިބްރާހިމް ހުސައިންފުޅަކީ މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމާއި މަޝްހޫރު ލިޔުންތެެރިޔާ އަދި ދިވެހި ބަހުން ޕީ.އެޗް.ޑީ އަށް ކިޔަވައިވިދާޅުވަމުން ގެންދަވާ އަންވަރު އިބްރާހިމާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަންސާރު އިބްރާހިމްގެ ލޮބުވެތި ބައްޕައެވެ.

 


އިބްރާހިމް ހުސައިންފުޅު ވަނީ ތުޅާދޫ ސުކޫލް ހިންގެވުމުގައި އިސް ދައުރެއް، ގިނަ ދުވަސްތަކެއް ވަންދެން އަދާކުރައްވައިފައެވެ. ހިސާބާއި ގުރުއާން އަދި އިސްލާމާއި ދިވެހި ބަސްވެސް އޭނާ ވަނީ ކިޔަވައިދެއްވައިފައެވެ. އަދި ތުޅާދޫގެ ކަތީބުކަން ވެސް ކުރެއްވިއެވެ.

އިބްރާހިމް ހުސައިންފުޅު ވަނީ ވަރަށް ދިގު މުއްދަތަކަށް ގުރުއާން ކިލާހެއް ވެސް ރަށުގައި ހިންގަވައިފައެވެ. އެ ކިލާސް ހިންގެވީ އިބްރާހިމް ހުސައިންފުޅުގެ ގެ، "މަންޒިލް" ގައެވެ. އެ ކިލާހުން އެ ރަށުގެ ވަރަށް ގިނަ ކުދިންނަށް ގުރުއާން ކިޔަވައިދެއްވާފައިވެއެވެ.

އާދަމް ނަޞީރު އިބްރާހީމްގެ ތައުޒިޔާގެ ލިއުންކޮޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.

"އިބްރާހީމްފުޅުގެ ކިބައިން އަބަދު ވެސް ފެންނަނީ ދީންވެރި މަޑުމައިތިރި މިޒާޖެވެ. މުރާލިކަމާއި ކަމަށް ކަމޭހިތްތެވުމެވެ. އަދަބުވެރިކަމަށް ލޯބިކުރެއްވުމެވެ. ނިކަންހަރުދަނާ ނަމޫނާ މުރައްބީއެކެވެ. އޯގާވަންތަ ﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ހެޔޮ ރަޙްމަތުގައި އޭނާގެ ފުރާނަ ލައްވާށިއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް