Support Us

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން އެންމެ ބޮޑު ފައިދާއެއް ހޯއްދެވި ތުހުމަތަށް ނަޝީދުގެ ޖަވާބެއް ނުލިބުނު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން އެންމެ ބޮޑު ފައިދާއެއް ލިބިވަޑައިގެންފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ މުގައްރިރު ފުރަހަނި ޝުއައިބު އަލީ ކުރައްވާފައިވާ ތުހުމަތަށް، ނަޝީދު ވަކި ޖަވާބެއް ނުދެއްވިއެވެ.

ޝުއައިބު ތުހުމަތުތަކާ މެދު ވިދާޅުވަނީ ކީކޭތޯ "އަދިވެސް" އިން ރޭ ދެންނެވިތާ 15 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ނަޝީދު ވަނީ ވަކި ޖަވާބެއް ނުުދެއްވައި ހަނުހުންނަވައިފައެވެ.

ޝުއައިބަކީ ސޯޝަލް މީޑިއާގައި އެޕްޑީޕީގެ އަގުވައްޓާލަން މަސައްކަތް ކުރުމާއި ފިތުނަ އުފެއްދުމާއި ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލްކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސަށް ނިސްބަތްކޮށް ހުތުރު ބަހުން މުއާމަލާތް ކުރުމުގެ ތުހުމަތުގައި އެޕާޓީގެ އޭނާ ހުރި މަގާމުން ދުރުކޮށްފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ޝުއައިބު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީގެ ލީޑަރުންނާއި އެޕާޓީގެ ސިޔާސަތުތަކަށް ސޯޝަލް މީޑިއާގައި ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދާ ބެހޭ ގޮތުން ޝުއައިބު އިއްޔެ މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އެކަކު އަނެކަކާ ދެކޮޅު ވެރިކަން ފާޅުކޮށް، ނުރުހުމުގެ ބަސްތައް ބަދަލުކޮށް ހެދި ނަމަވެސް ފަރުދާގެ ފުރަގަހުގައި އެ ބޭފުޅުންނަކީ އެއް ބަޔަކު އަނެއް ބަޔަކާ އެކު ޑީލްތައް ހަދާ ކޮރަޕްޝަންގެ ފައިސާ ހިއްސާކޮށް، ފަހުން އެކަންކަން ފަޅާއެރުމުން އެއް ބަޔަކު އަނެއް ބަޔަކު ދިފާއުކޮށްދީ ހަދާ ބައެއް ކަމަށާއި އެއީ ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ހަގީގަތް ކަމަށް ވިދާޅުވެ އުމަރު ނަސީރު ކުރައްވާފައިވާ ޓުވީޓަށް ކުރައްވާފައިވާ ކޮމެންޓެއްގައެވެ.


ޝުއައިބު ވިދާޅުވީ "އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވަގު ފައިސާއިން އެންމެ ބޮޑު ފައިދާއެއް ހޯއްދެވީ މުހައްމަދު ނަޝީދު،" ނަޝީދަށް ޓެގްކުރައްވާ ޝުއައިބު ކުރައްވާފައިވާ ޓުވީޓެއްގައިވެ އެވެ. އަދި އެ ފައިސާއިން އެމްޑީޕީގެ ލީޑަރުންނަށް ބަހާފައިވާ ކަމަށް ޝުއައިބު ތުހުމަތުކުރައްވަ އެވެ.

މީގެ އިތުރުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބިންވެރިކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އުމުރު ގާނޫނު އަސާސީން ބަދަލު ގެނައީ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފޮނުވުމަށް ސީދާ ނަޝީދު އޯޑަރު ދެއްވައިގެން ކަމަށް ވެސް ޝުއައިބު ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި އެއީ ހަގީގަތުގައި ވެސް ކަން ހިނގައިދިޔަ ގޮތް ކަމަށާއި އެކަން ނުފޮރުވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ފަތިފުށް ހާމަކުރައްވާ އުމަރު ނަސީރު ޓުވީޓެއް ކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ގާނޫނު އަސާސީން ބޭރުން ރަހީނުކޮށްގެން ގެންގުޅުނު މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް ކޮށް، ޖަލަށް ލާފައިވަނިކޮށް، ބޭސް ފަރުވާއަށް 2016 ވަނަ އަހަރު ޔޫކޭއަށް ފުރާވަޑައިގެންނެވުމާ ގުޅިގެން ބީބީސީއިން އޭރު ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވަމުންނެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާއަށް ހިޔާނަތްތެރިވި މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. މި މައްސަލާގައި އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޝަރީއަތުގައި ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށާއި އެ ތުހުމަތުތައް އަދީބުގެ މައްޗަށް ސާބިތުވެއްޖެ ނަމަ 800 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ. ނަމަވެސް އަދީބާ އެކު ދައުލަތުން ހެދި ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމަށް ފަހު އަދީބުގެ ހުކުމް މިހާރު ވަނީ ލުއިވެގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *