Support Us

ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވަން ރައީސް ސޯލިހު ދަރުބާރުގޭގައި، އަރިހުގައި ހެލްތު މިނިސްޓަރު އަމީން

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާކުރެވެން ނެތް ކަމަށް ޕީޖީން ނިންމައިފި

ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އިން ވެންޓިލޭޓަރުތަކެއް ހޯދުމުގައި އަމަލްކޮށްފައިވާ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ބިޑް ކޮމިޓީގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލާގައި ދައުވާކުރަން ބޭނުންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ އެބޭފުޅުންގެ މައްޗަށް ދައުވާކުރެވެން ނެތް ކަމަށް ޕީޖީން ނިންމަފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި އޮޅުވާލުމާއި މަކަރު ހަދައިފައިވާ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ބިޑް ކޮމިޓީގެ 10 މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފަ އެވެ.

"މި މައްސަލައަކީ މި ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށް ބަލާއިރު ނިސްބަތުން އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރަމެވެ. މިމައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލޫމާތު އެއްކުރެވިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވެއެވެ. މީގެ ތެރޭގައި، މި މައްސަލައާ ގުޅުން ހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވެއެވެ." އޭ.ސީ.ސީން މމދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައިވެއެވެ.

ހެލްތް މިނިސްޓްރީން ބޭނުންވާ 75 ވެންޓިލޭޓަރެއް ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާ ހަވާލުކުރުމުގެ މައްސަލާގައި ހެލްތް މިނިސްޓަރ އަމީންގެ އިތުރުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ/ ހަނދުވަރީވާދީ އާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ، ކ.ގުރައިދޫ/ ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ އާއި، ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ އާއި، އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ، ފާޠިމަތު ލިމްޔާ އާއި ފައިނޭންސް އެގްޒެކްޓިވް ތ.ކިބިނދޫ/ ބޯގަންވިލާ، އަހުމަދު އަސްލަމް އާއި ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު އާއި ހެލްތުގެ ލީގަލް އޮފިސަރ، ފެއަރީގާރޑެން/ ލ.ގަން، އަލީ ޝިހާމްގެ އާއި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑައިރެކްޓަރ، މުޝްތަރީގެ/ ހއ. ދިއްދޫ ޢަބްދުﷲ ހަފީޒް އާއި ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހ. ޝާޒް، ހުސައިން ނިޔާޒްގެ އިތުރުން ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އަބްދުﷲ ޝަރީފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ ހުށަހަޅާފަ އެވެ.

ހެލްތް މިނިސްޓްރީން ބޭނުންވާ 75 ވެންޓިލޭޓަރު ހޯދުމަށް ޑުބާއީގެ ކުންފުނީގެ މައުލޫމާތު އެ މިނިސްޓްރީއަށް ފޯރުކޮށްދީފައި ވަނީ ހެތްލް މިނިސްޓަރު އަމީން ކަމަށާއި އެ ކުންފުންޏަށް ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓް އަވަސްކުރުމަށް އަމީން މަސައްކަތް ކުރައްވާފައިވާ ކަމަށާއި މިކަމާ ބެހޭ ހުރިހާ ކަމެއް ޕޮލިސީ ޓޭބަލަށް އެރުވުމަށްޓަކައި އަމީން މައުލޫމާތު ހޯއްދަވަމުން ގެންދެވިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މި ކަމަކީ އެ ކުންފުންޏަށް އެ ކޮންޓްރެކްޓް ހޯއްދެވުމަށް އަމީން ކުރައްވާފައިވާ ކަމެއްކަން އެނގޭތީ ގާނޫނު އުގޫބާތުގެ ފަސް މާއްދާއެއްގެ މައްޗަށް ރިޔާއަތްކޮށް އަމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ވަނީ ހުށަހަޅައިފަ އެވެ.

މި މައްސަލައިގައި ދައުވާކުރަން ބޭނުންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ އެބޭފުޅުންގެ މައްޗަށް ދައުވާކުރެވެން ނެތް ކަމަށް ޕީޖީން ނިންމުމުން، ޕީ.ޖީ އަށާއި އޭ.ސީ.ސީ އަށް ދަނީ ވަރަށް ބޮޑެތި ފާޑުކިއުންތައް ރައްދުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *