Support Us

ޕީ.ޕީ.އެމުން "ލޯޔަލްޓީ ކާޑު" ތައާރަފްކޮށް ފުރަތަމަ ކާޑު ރައީސް ޔާމީނަށް

"މި ކާޑަކީ ދިވެހި ރައްޔިތުންނާއި ޕީޕީއެމްއާ ދެމެދު ގުޅުން ބަދަހިކުރުމަށް އެޅޭ ފާލަމެއް"

"ލޯޔަލްޓީ ކާޑު"ގެ ނަމުގައި މެމްބަޝިޕް ކާޑެއް ޕީޕީއެމުން ތައާރަފްކޮށް ފުރަތަމަ ކާޑު އެ ޕާޓީގެ ލީޑަރ ރައީސް އަބްދުﷲ ޔާމީނަށް ރަމްޒީކޮށް ހަވާލުކޮށްފިއެވެ.

ލޯޔަލްޓީ ކާޑަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތަކުން ކާމިޔާބުކަމާއެކު ބޭނުންކުރަމުން ގެންދާ ކާޑެކެވެ. ނަމަވެސް މިފަދަ ކާޑެއް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގެ "ލޯޔަލްޓީ ކާޑު" އިފްތިތާހުކޮށްދެއްވީ ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ ރަމްޒީ ކާޑޫ، ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނާ ހަވާލުކޮށްދެއްވީ ވެސް އަބްދުއްރަހީމެވެ.


ހަތަރު ކެޓަގަރީއެއް ކަނޑައަޅާފައިވާ މި ލޯޔަލްޓީކާޑުގެ ތެރެއިން ރައީސް ޔާމީނަށް ހަދިޔާކުރެއްވީ ޕްލެޓިނަމް ކާޑެކެވެ.

މި ކާޑަކީ ދިވެހި ރައްޔިތުންނާއި ޕީޕީއެމްއާ ދެމެދު ގުޅުން ބަދަހިކުރުމަށް އެޅޭ ފާލަމެއް ކަމަށާއި މިއީ އާ ވިސްނުންތަކާއި އާ ހިޔާލުތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީ.އެން.ސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީސްގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މި ކާޑަކީ ރައީސް ޔާމީންގެ ތަރައްގީގެ ފަސް އަހަރުގައި އެމަނިކުފާނު ގެންގުޅުއްވި ފަލްސަފާއެއްގެ މައްޗަށް ބިނާކޮށް ޒުވާނުންނާއި އިގްތިސާދާއި އުންމީދުގެ މައްޗަށް ތައްޔާރުކުރި ކާޑެއް ކަމަށެވެ.

"ރައީސް ޔާމީންގެ ފަސް އަހަރުގެ ތަރައްގީ ފެނިގެންދިޔައިރު ދިވެހި ރާއްޖޭގެ މުޅި ތާރީހު އެއްފުށުން އަނެއް ފުށަށް ބަލާލީމަ ވެސް އަޅުގަނޑުމެންނަށް ނުފެންނަހާ ގިނަ އުމްރާނީ އިއްތިސާދީ ތަރައްގީގެ ރަމްޒުތައް އަޅުގަނޑުމެންނަށް ފެނިގެން އެ ދިޔައީ،" އެ ރަސްމިއްޔާތުގައި ދެއްކި ރައީސް ޔާމީންގެ ފަސް އަހަރުގެ ތަރައްގީގެ ވީޑިއޯ ޕްރެޒެންޓޭޝަނަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ދުނިޔޭ ބައެއް ގައުމުތަކުގައި ކުރިއަރާފައިވާ ސިޔާސީ ނިޒާމްތަކުން އެކި ނަންނަމުގައި މިފަދަ ލޯޔަލްޓީ ކާޑު ބޭނުން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގައި ވެސް މިފަދަ ކާޑުތައް ބޭނުންކުރަމުން އަންނައިރު ޑިމޮކްރަސީގެ ނަމޫނާއެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަމުން އަންނަ އެމެރިކާގައި ޑިމޮކްރެޓުން އަދި ރިޕަބްލިކަންސް ވެސް ތަފާތު ނަންނަމުގައި ކެމްޕޭންތަކާ ދިމާކޮށް އަދި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފަންޑް ރެއިސް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ސިޔާސީ ޕާޓީތައް ވުޖޫދުވި ފަހުން ޕާޓީއެއް ޒަމާނީ ކުރުމަށްޓަކައި އަދި އާ ވިސްނުމަކަށް ގެނައުމަށްޓަކައި ޕީޕީއެމުން މި ގެނެސްދިން ވިސްނުމަކީ އެހެން ޕާޓީތަކަށް ނަގައިދިން ފިލާވަޅެއްގެ ގޮތުގައި ދެކެވަޑައިގެންނަވާ ކަމަށާއި އެކަމަށްޓަކައި އެ ޕާޓީގެ ލީޑާޝިޕަށް ވަކިން ހާއްސަކޮށް ރައީސް ޔާމީންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޕީޕީއެމްގެ އާއްމު މެމްބަރުން ވެސް އެޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާއިރު މިކާޑަކީ އެކަމަށް އެޅިގެންދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ހަތަރު ކެޓަގަރީއެއް ކަނޑައަޅާފައިވާ މި ލޯޔަލްޓީ ކާޑުތަކުގެ ތެރޭގައި ހިމެނެނީ މެޖެންޓާ، ސިލްވަރ، ގޯޑްލް އަދި ޕްލެޓިނަމް ކާޑެވެ. ތަފާތު ކުލަތައް ގެނެސްފައި މިވަނީ ރައީސް ޔާމީންގެ ވިސްނުންފުޅަކީ ވެސް ވަރަށް ކޯޕަރޭޓް ވިސްނުންފުޅެއްގެ ބޭފުޅެއް ކަމުގައިވާއިރު ވިޔަފާރި ސެކްޓަރުގައި އެކިއެކި ބޭފުޅުން ވެސް މިފަދަ ނިޒާމެއް ގާއިމްކުރުމަށް ބޭނުންފުޅުވާތީ އެޕާޓީން ތައާރަފްކުރި ކާޑެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އާއްމު މެމްބަރުންނާއި ޕާޓީގެ މެމްބަރޝިޕާ ގުޅާލަދޭނެ މެކޭނިޒަމެއް މިއީ. އާއްމު މެމްބަރުން އެބަ ބޭނުންވޭ މިއަދު މިއޮތް އަނިޔާވެރި ސަރުކާރުގެ އަމަލްތައް އެކައުންޓަބަލް ކުރުމަށް. އާއްމު މެމްބަރުން އެބަބޭނުންވޭ ޕީޕީއެމްއާ ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރަން. އެހެންވެ މިއީ ހަގީގަތުގައި އޭގެ ރަމްޒެއް. މިއާއެކު އަޅުގަނޑުމެން މިގެންނަނީ ސިވްލާ ގޯލް އަދި ޕްލެޓިނަމް، އަޅުގަނޑުމެން މަސައްކަތް ކުރާއިރު ތަފާތު އެކިއެކި ފީޗާޒްތައް (ކާޑުތަކަށް) ގެނައުމުގެ ބޭނުމަކީ ޕީޕީއެމްގެ ރައީސްގެ ޖުމްލަ ވިސްނުންފުޅަކީ ވެސް ވަރަށް ކޯޕަރޭޓް ވިސްނުންފުޅެއް. ރާއްޖޭގެ އިކޮނޮމީ ރިވޮލިއުޝަނައިޒް ކުރެއްވި އަދި ކުރައްވާނެ ބޭފުޅެއް. ރާއްޖޭގެ ވިޔަފާރި ސެކްޓަރުގެ އެކި ބޭފުޅުންގެ ހިޔާލުތައް އަޅުގަނޑުމެންނަށް ލިބެމުންދާއިރު އެބޭފުޅުން އެބަ ބޭނުންފުޅުވެލައްވާ މިފަދަ މެކޭނިޒަމެއް އަޅުގަނޑުމެން އެސްޓަބްލިޝްކޮށްލުން. މިއީ އަޅުގަނޑު މިދަންނަވާ ދުނިޔޭގެ ކުރިއަރާފައިވާ ނިޒާމުތަކުގެ ބޭނުންކުރާ ނިޒާމަކީ ތަފާތު އެކިއެކި ބޭފުޅުންނަށް އެކިއެކި އޮގަނޭޒަންތަކަށް، އެކިއެކި ޒަމާއަތްތަކަށް، އެކިއެކި ވިޔަފާރިތަކަށް، އެކިއެކި ވިޔަފާރީގެ ވިސްނުންތަކާ އިނޮވޭޝަންތައް ތިލަކުރަން ބޭނުންވާ ފަރާތްތަކާއި ޕީޕީއެމްއާ ގުޅުވާލަދޭ ފާލަމެއް،" ކާޑުގެ ތައާރަފް ދެއްވަމުން ސައީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކުލަ އަދި އެޕާޓީގެ ކޮމިއުނިޓީ ރަމްޒުކޮށްދޭ މެޖެންޓާ ކުލައިގެ ކާޑަކީ އާއްމު މެމްބަރުންނަށް ހާއްސަކޮށްފައިވާ ކާޑެކެވެ. މިކާޑު ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މަހަކު 100 ރުފިޔާ ދެއްކީމަ މި ކާޑު ކޮންމެ މެމްބަރަކަށް ވެސް ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ޕްލެޓިނަމް ކާޑު ގަތް ބައެއް ފަރާތްތަކަށް ވެސް ރޭގެ ރަސްމީޔާތުގައި ވަނީ ރަމްޒީ ކާޑު ހަވާލުކޮށްފައެެވެ.

މި ޕްރޮގްރާމުން ލިބޭ ފައިސާގެ 50 ޕަސަންޓް ހަރަދުކުރާނީ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ކަމަށް ޕީޕީއެމުން ބުނެއެވެ.

ކުރިއަށް އޮތް ތަނުގައި ސިލްވަރ ކާޑާއި ގޯލް ކާޑާއި ޕްލެޓިނަމް ކާޑުވެސް ލިބޭނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ. މިކާޑު ތައާރަފްކޮށް އެ ޕާޓީން ވަނީ ކާޑް ސެންޓަރެއް ގާއިމްކޮށް އާއްމު މެމްބަރުންނާއި ޕާޓީއާ ހޮޓްލައިނަކުން ގުޅާލެވޭނެ އިންތިޒާމްތައް ހަމަޖައްސައިފައެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *