ޅ. ނައިފަރުގެ މަގުތައް ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރަށާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު ސައިކަލް ބުރެއް ބާއްވައިފިއެވެ.
"މަގުތައް އޯކޭތަ؟" މި ނަމުގައި ބޭއްވި ސައިކަލް ބުރުގައި ދެ ޖިންސުގެ ޒުވާނުން ދުއްވަމުންދިޔައީ، މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ލިޔެފައި ހުރި ބޯޑުތަކެއް ވެސް ހިފައިގެންނެވެ. ރަސްމީ ނައިފަރު ބަހުރުވައިން ލިޔެފައި ހުރި ބައެއް ބޯޑުތައް ވެސް ހުއްޓެވެ. ވިއްސާރަވެ ފެންގަނޑާއި ކިސަޑު ހެދިފައި ހުރި މަގުތަކުގައި ވެސް ސައިކަލްބުރު ވަނީ ދަތުރުކޮށްފައެވެ.
މިއަދުގެ ހަރަކާތާ ބެހޭ ގޮތުން "އަދިވެސް" އާ ވާހަކަ ދައްކަމުން ނައިފަރުގެ ޒުވާނެއް ކަމަށްވާ އަދުހަމް އަހުމަދު ބުނީ މިއީ 5،600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ މަގުތައް ހަލާކުވެ، ވަޅުގަނޑުތައް ހެދުމުގެ ސަބަބުން ދުއްވާ ތަކެއްޗަށް ބޮޑެތި ގެއްލުންތައްވެ، ވިއްސާރަ މޫސުމުގައި ހިނގާބިނގާވާ މީހުންނަށާއި ސްކޫލު ކުދިންނަށާއި ބެލެނިވެރިންނަށާއި ހޮސްޕިޓަލަށްދާ މީހުންނަށް އުނދަގޫވުމާއި އެކިއެކި ގެއްލުންތައް ލިބެމުންތާދީ، ޒުވާނުން އިސް ނަގައިގެން ބޭއްވި ހަރަކާތެއް ކަމަށެވެ.
"މަގުތައް ހަލާކުވުމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް އެބަނުކުމޭ. މަގުގައި ވަޅުގަނޑުތައް ހެދުމުގެ ސަބަބުން ދުއްވާ ތަކެއްޗަށާއި މީހުންނަށް ގެއްލުންވޭ. ކިސަޑު ހެދިފައިވާ ހިސާބުތަކުން މީހުން ކަހައިލައިގެން ވެއްޓުމުގެ ސަބަބުން އަތް ބިނދުން ފަދަ އަނިޔާތައް ލިބިފައި އެބަހުރި. ދުއްވާ ތަކެއްޗަށް ގެއްލުން ލިބުމާއި އެތަކެތި މަރާމާތުކުރުމަށް ބޮޑެތި ޚަރަދުތައް ކުރަންޖެހޭ. އަބަދުވެސް ނައިފަރުގައި ކޭބަލް ވަޅުލައި، ޖަންކްޝަންތައް ކޮންނަން ޖެހުމުގެ ސަބަބުން ފަސްމަޑުވުމުގެ އިތުރުން ވަޅުގަނޑުތައް އޮންނަނީ ހެދިފައި،" އޭނާ ބުންޏެވެ.
މީގެ އިތުރުން ނައިފަރުގެ ނަރުދަމާލުމުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތްވެސް ވަނީ ހުއްޓިފައި ކަމުގައި އަދުހަމް ބުންޏެވެ.
"ވިއްސާރަ މޫސުމުގައި ވަރަށް ގިނަ ފަހަރު ޢާންމުކޮށް ޖަންކްޝަން ބެދި ރަށުތެރޭގައި ނަޖިސްފެން ފެތުރި، ރޯގާ އާއި ބަލިމަޑުކަން ފެތުރުމަށް މަގުފަހިވޭ،" އޭނާ ބުންޏެވެ.
އަދުހަމް ބުނި ގޮތުގައި ބޮޑެތި ވަޅުގަނޑު ގަނޑަށާއި އަޑިގުޑަން ސަރަޙައްދުތަކަށް އެމް.ޓީ.ސީ.ސީގެ ވެހިކަލްތަކުގައި 2017 ވަނަ އަހަރު ވެލި އަޅައި ރޯލަރުން ލެވެލްކޮށްދިނެވެ. ނަމަވެސް މިހާރު އެފަދަ އެއްވެސް މަސައްކަތެއް ނުުކުރެއެވެ.
މިއަދުގެ ސައިކަލް ބުރަށް ނުކުތް ޒުވާނުންގެ އަޑު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިވި، އަވަސް މުސްތަޤުބަލެއްގައި ނައިފަރުގެ މަގުތައް ހެދި، އަމާންކަމާއެކު ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ފަހިކަން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އަދުހަމް ބުންޏެވެ. އަދި ހުއްޓިފައި އޮތް ނައިފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ފެށި، އެކަމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމުގައި ވެސް އަދުހަމް ބުންޏެވެ.