Support Us

މެމްބަރު އިކްރާމްގެ ސާމްޕަލް ނެގި މީހާއަށް ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލިސްގެ ދިއްގަރު ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު އިކްރާމް ހަސަންގެ ކޮވިޑް19 އަށް ސާމްޕަލް ނެގި މީހާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ކޮވިޑް19 އަށް ސާމްޕަލް ނެގި މީހާއަށް ރޭ ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން، މި އަމަލް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި މިމައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.


މެމްބަރު އިކްރާމް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެ ތުހުމަތުތައް ދޮގު ކުރައްވާ ވިދާޅުވެފައިވަނީ ކޮވިޑް ސާމްޕަލް ނެގި ވަގުތު ތަދު އިހުސާސް ކުރެއްވުމުން ސާމްޕަލް ނެގުމަށް ބޭނުން ކުރާ ކަފަބުރު ނެގުމަށް ވިދާޅުވެ، ސާމްޕަލް ނަގަން ހުރި މީހާގެ އަތް ދުރުކޮށްލެއްވި ކަމަށެވެ. އަދި ނުރުހުމުގެ ރާގެއްގައި އެމީހާގެ ނަން އޮޅުން ފިލުއްވާފައިވާ ކަމަށާއި އެއަށް ވުރެ އިތުރަށް އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމަށެވެ.

މާފަންނު މަދަރުސާގައި ރެޕިޑް ރެސްޕޮންސް ޓީމުގެ ފަރާތުން އިކްރާމްގެ ސާންޕަލް ނެގި ވަގުތު ކަން ހިނގާފައިވާ ގޮތް ލިޔުއްވަމުން އިކްރާމް ވިދާޅުވީ މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި ޕީސީއާރު ޓެސްޓެއް ހެއްދެވި ކަމަށާއި އެފަރާތުން ސާމްޕަލް ނެގީ ވަރަށް އޯގާތެރިކޮށް ކަމަށެވެ.

ކޮވިޑް19 ރާއްޖޭއިން ފެނުނު ފަހުން މިހާތަނަށް ދޮޅު ލައްކައަށްވުރެ ގިނަ ފަރާތްތަކުގެ ސާމްޕަލް ނަގާފައިވާއިރު މިއީ މިފަދަ މައްސަލައެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *