Support Us

ހުރާއަށް ގެންދިޔަ ފުށް ބަސްތާތަކެއް ގަނޑުވެފައި، އެސްޓީއޯ އިން ބަދަލެއް ނުކޮށްދިން

ކ. ހުރާއަށް ގެންދިޔަ ފުށް ބަސްތާތަކެއް ގަނޑުވެފައި ހުރުމުން ވެސް އެ ސްޓޮކް ބަދަލުކޮށްދޭން އެސްޓީއޯއިން ދެކޮޅު ހެދި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހުރާއިން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނި ގޮތުގައި އެރަށަށް މިދިޔަ މަހު ގެންދިޔަ 50 ބަސްތާ ފުށް ރަށުގެ ފިހާރަތަކާ ގޭގެއަށް ނަގާފައިވާއިރު އެ ފުށުގައި ވަހެއް ދުވާތީ އާއި ކުލައެއް ހުރި ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ކޮށްފައެވެ. ފުށް ބަސްތާތައް ގަނޑުވެފައި ހުރި މައްސަލަތަކެއް އެރަށު ކައުންސިލަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

"އެހެން ގޮތެއް ނެތީމަ އެ ބަސްތާތައް ރަށުގެ ރައްޔިތުން ބޭނުން ކުރަނީ. އެ ފުށް ބަސްތާތައް ގެންގޮސްގެން ވިއްކި ފަރާތްތަކުން ވެސް ވަނީ އެގޭ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައި. ގިނަ ބަސްތާތައް ހުރީ ގަނޑުވެފައި،" އެމީހާ ބުންޏެވެ.

ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ވިދާޅުވި ގޮތުގައި ކޮވިޑް19 އާ ގުޅިގެން ރަށަށް ކާޑު ގެނައުމުގެ މަސައްކަތް ކުރަމުން އައީ ކައުންސިލްގެ ފަރާތުންނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ގެނައި ފުށް ބަސްތާތައް ގެނައި ދުވަހު ފުށްތައް ގަނޑުވެފައި ހުރި ކަމުގެ ޝަކުވާތައް ވަނީ ލިބިފަ އެވެ. އަދި ހަމަ އެދުވަހު އެސްޓީއޯއަށް އެސްޓޮކް ބަދަލު ކޮށްދިނުމަށް އެދި ގުޅި ނަމަވެސް ބަދަލުކޮށްދޭން ވަނީ ދެކޮޅު ހަދާފައެވެ.

"ފުށްބަސްތާތައް ރަނގަޅަށް ދޯނިން ވެސް ނުބޭލެނީސް ފުށް ގަނޑުވެފައި ހުރި ކަމުގެ ޝަކުވާތައް ލިބެން ފަށައިފި. އެ ދުވަހު އަޅުގަނޑުމެން ގުޅިގެން އެ ސްޓޮކް ބަދަލުކޮށްދިނުމަށް އެދި ގުދަނުގެ މެނޭޖަރަށް. ވިދާޅުވި ކުޅުދުއްފުއްޓަށް ވެސް 1000 ބަސްތާ ފޮނުވާފައިވާ ކަމަށާއި އެފަދަ ޝަކުވާއެއް ނުލިބޭ ކަމަށް. އަދި އޭރު ގުދަނުގައި ހުރި ސްޓޮކް ހުސްނުވަނީސް އާ ސްޓޮކް ބަދަލުނުކުރެވޭނެ ކަމަށް. އަދި ދެން އަންނަ ސްކޮޓެއް ރަނގަޅުވާނޭ ކަމަށް ވެސް ވިދާޅުވި،" އީސާ ވިދާޅުވި އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުށް ގަނޑުވެފައި ހުރި ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި އެފަދަ މައްސަލަތަކެއް ހުރި އެއްޗެހި ބަދަލުކޮށްދޭނެ ކަމަށެވެ. އަދި ސްޓޮކެއް ހަލާކުވެފައި ހުރެގެން ބަދަލުކޮށްދިނުމަށް އެދިއްޖެއްޔާ އާއްމުކޮށް އަމަލްކުރާ އުސޫލުން އެ ސްޓޮކެއް ބަދަލުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފުށުގެ މައްސަލަތަކުގެ ޝަކުވާތަކެއް ލިބިފައި ހުރީ، އެހެން ނަމަވެސް އެއީ ބޭރުން ގެންނަ އެއްޗެއް އެހެންވެ ރެންޑަމް ޗެކިންއެއް މިކުރަނީ، އެއްވެސް މައްސަލައެއް އުޅޭނަމަ އެ އެއްޗެއް ބަދަލުކޮށްދޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރުގެ ޖޫން މަހުން ފެށިގެން އެސްޓީއޯއިން ގަންނަ ފުށުގައި ބައެއް ކަހަލަ މައްސަލަތައް ވަނީ ދިމާވެފަ އެވެ. އެގޮތުން ފުށް ފީވުމާއި ފަނި އަޅާފައި ހުރިމާ ކުލައެއް ހުރި މައްސަލަތައް ވެސް ވަނީ ދިމާވެފަ އެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ފުށުގެ މައްސަލަތައް ދިމާވި ރަށްރަށުން ރިކުއެސްޓް ކުރުމުން އެ ފުށްތައް ބަދަލުކުރުމުގެ މަސައްކަތް އެސްޓީއޯއިން ވަނީ ފަށައިފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *