Support Us

ޝަރުތު ހަމަވިޔަސް، ފްލެޓް ނުލިބޭނެ 4،025 މީހުން ލިސްޓުގައި އެބަތިބި: ޑރ މުއިއްޒު

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭ ފްލެޓްތަކަށް ޝަރުތު ހަމަވިޔަސް، ފްލެޓް ނުލިބޭނެ 4،025 މީހުންގެ ނަން ސަރުކާރުން އާންމުކުރި ލިސްޓުގައި އެބައޮތް ކަމަށް ވިދާޅުވެ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބިނާކުރި ފްލެޓް މަޝްރޫއު ހިންގެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ޑރ. މުއިއްޒު ވިދާޅުވީ ދޭނީ ކިތައް ފްލެޓްކަން ބަޔާންކޮށް މި ސަރުކާރުން އިއުލާންކޮށްފައިވާ ކަމަށާއި ނަމަވެސް ދާދި ފަހުން އާންމުކުރި ލިސްޓުތަކުގެ ސަބަބުން "ރައްޔިތުންނަށް ވަރަށް ބޮޑަށް މިކަން އޮޅޭކަމުގެ މައުލޫމާތު ލިބޭ" ކަމަށެވެ.


ޑރ. މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލެޓް ނުލިބޭ 4،025 މީހުން ތިބީ ހަތަރު ކެޓަގަރީއެއްގެ ލިސްޓުގައި ކަމަށެވެ.

ޑރ. މުއިއްޒު މިރޭ ކުރެއްވި ފުރަތަމަ ޓްވީޓުގައި ވާގޮތުން މި ސަރުކާރުން އިއުލާންކޮށްފައިވާ "ޝަރުތު ހަމަވާ މީހުންގެ ލިސްޓު"ގެ ތަފާތު ހަތް ކެޓަގަރީއަށް ދޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 5،000 ފްލެޓެވެ. އެ ފްލެޓްތައް ލިބޭނީ ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ ކުރީގައި ނަން އޮތް މީހުންގެ ތަރުތީބުން، ކަނޑައެޅިފައިވާ އަދަދާ ހަމައަށް ކަމަށް ވިދާޅުވެ، ތަރުތީބު ނަންބަރުތަކެއް ވެސް ޑރ. މުއިއްޒު ވަނީ އާންމުކުރައްވައިފައެވެ.

"މިސަލާކަށް H8 ކެޓަގަރީގެ ލިސްޓުގައި 1773 ވަނަ އިން ފެށިގެން ދަށުގައި ލިސްޓުގައިވާ ހުރިހާ ބޭފުޅުންނަކީ ފްލެޓް ނުލިބޭ ބޭފުޅުން، ޑރ. މުއިއްޒު ވިދާޅުވިއެވެ. "މި ސަރުކާރުން ލިސްޓުތައް އާންމުކުރަމުން ދާގޮތުން ("ޝަރުތު ހަމަވާ" މީހުންގެ ލިސްޓުގެ ނަމުގައި) ރައްޔިތުންނަށް ވަރަށް ބޮޑަށް މިކަން އޮޅޭކަމުގެ މައުލޫމާތު ލިބޭ."

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓަށް "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އާންމުކުރީ ޑރ. މުއިއްޒުގެ ދައުރުގައި އިއުލާންކޮށް، ލިއުން ދީފައިވާ "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އަލުންބަލުން ބަލައި، ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ވެސް ބަލައިފައެވެ.

މި ސަރުކާރުން އާންމުކުރި ލިސްޓުގައި، ބައެއް މީހުންނަށް ވަނީ ކުރިއަށްވުރެ ޕޮއިންޓް އިތުރުވެ، އަނެއް ބަޔަކަށް ދަށްވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *