"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މިއީ ދިވެހި ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، އެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާތައް ދިވެހި އެންމެހައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސުމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ އެންމެހައި ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަން އޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެއްވި ކުންފުންޏެކެވެ.
މި ކުންފުންޏަކީ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާ ގޮތަށް، ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގުމަށާއި، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ބިނާކުރުމުގެ ބޭނުމުގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.
ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކި ފަރުދުންނަށް ސީދާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާކުރާނޭ ގޮތަށް ފަރުމާކުރައްވާފައިވާ ނިޒާމު އިޢުލާންކުރައްވައިފައެވެ. އެގޮތުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި، ޤާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment