ފަލަސްތީނުގެ ދަނޑުބިންތަކުގައި ވަގުތީ ބަސްތީތައް ޔަހޫދީން ފުޅާކުރަމުންދާއިރު އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ ޒައިތޫނި ދަނޑުވެރިންނަށްވަނީ އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން އެ މީހުންގެ އާމްދަނީ ހޯދުމުގެ ވަސީލަތްތަކަށް ނުރައްކާވެ، އާއިލާތައް ގެދޮރުން ނިކުންނަންވަނީ މަޖުބޫރުވެފައެވެ.
މި މަހު 14 ގައި، އުމުރުން 57 އަހަރުގެ މޫސާ ބަނީ ޝަމްސާއާއި އޭނާގެ އުމުރުން 17 އަހަރުގެ ފިރިހެން ދަރިފުޅު ނާބްލުސް ސިޓީގެ ދެކުނުއިރުމަތީގައިވާ ބައިތާ ޓައުންގައި ހުރި އެ މީހުންގެ ބިމަށް ޒިޔާރަތްކުރަނިކޮށް ހަތިޔާރު އަޅައިގެން މޫނު ނިވާކޮށްގެން ތިބި ބަޔަކުވަނީ އެ މީހުންގެ ގައިގައި ތަޅައި އަނިޔާކޮށްފައެވެ. މީގެ ސަބަބުން ޝަމްސާވަނީ ހޭނެތިފައެވެ.
"އެއް ފަހަރު އަހަރެން އަނިޔާ ލިބިގަންނަނީ އަހަރެންގެ ދަރިފުޅުގެ ބަދަލުގައި. އަނެއް ފަހަރު އަހަރެންގެ ދަރިފުޅު އަނިޔާ ލިބިގަންނަނީ އަހަރެންގެ ބަދަލުގައި. އަހަރެން ބިރުގަތީ އެ މީހުން އޭނާ މަރައިލަފައިނެތީ. ސަބަބަކީ މި ފަދަ ކަންކަން ވަރަށް ގިނައިން ހިނގައިފައިވައިތީ،" އަލް ޖަޒީރާއަށް އޭނާ ބުންޏެވެ.
އދ.ގެ އިންސާނީ ކަންތައްތައް ވިލަރެސްކުރާ އިދާރާ ރެކޯޑުކޮށްފައިވާ ގޮތުގައި މި ދިޔަ މަހު އެކަކުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ ދަނޑުވެރިންނަށް 200 އަށްވުރެ ގިނަ ހަމަލާ ދީފައިވެއެވެ. މިއީ މި ދިޔަ އަހަރުގެ ޒައިތޫނި ބިންނަ މޫސުމުގެ ޖުމްލަ އަދަދަށްވުރެ އިތުރު އަދަދެކެވެ.
އިސްރާއީލު ސަރުކާރުގެ އެހީތެރިކަމާއެކު ޔަހޫދީންގެ ބަސްތީތައް ފުޅާކުރުން
ޔަހޫދީ ވަޒަންވެރިންގެ ބަސްތީތައް ގިނައިން ފަށަނީ ފަލަސްތީނުގެ ބިމުގައި ޖަހައި ފޭލިގެއަކުން، ދިދައަކުން ނުވަތަ ނާމުސޫފި ކޮށްޓަކުންނެވެ. އޭގެ ފަހުން އެ ތަންތަން ދަނޑުބިންތަކަށާއި ނާމުސޫފި ކައި ވިނަ ހެދޭ ސަރަހައްދުތަކަށް ފުޅާކޮށް، މިހާރު ހުރި ޔަހޫދީ ވަޒަންވެރިންގެ އަވަށްތަކާ ގުޅުވައިލަނީއެވެ.
ޗާޓު ކުރަހާ މާހިރެއްކަމަށްވާ ހަލީލު ތަފަކްޖީ މި ތަންތަން ސިފަކުރީ "މައި އަވަށްތަކުން ވިހައި ދަރި އަވަށްތަކު"ގެ ގޮތުގައެވެ. މި ތަންތަނުގެ އެހީގައި "އެންމެ މަދު ރައްޔިތުންކޮޅަކާއެކު އެންމެ ބޮޑު ބިމުގެ ސަރަހައްދަކަށް" ވެރިވެގަންނަން އިސްރާއީލަށް މަގުފަހިވާކަމަށް އޭނާ ބުންޏެވެ.
އިސްރާއީލުން ހިފައިފައިވައި ހުޅަނގު އައްސޭރީގައި ޔަހޫދީން ހަދައިފައިވާ އަވަށްތަކަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ގައިރުގާނޫނީ ތަންތަނެވެ. އަދި ޔަހޫދީންގެ ބަސްތީތަކަކީ އިސްރާއީލުގެ ރަސްމީ ހުއްދަ ލިބެންދެން އިސްރާއީލުގެ ގާނޫނުގެ ދަށުންވެސް ގައިރުގާނޫނީ ތަންތަނެވެ. ނަމަވެސް ހަގީގަތަކީ އެ ފަދަ ގިނަ ތަންތަނަށް އިސްރާއީލު ސަރުކާރުގެ އެހީތެރިކަން ލިބޭކަމެވެ.
ސުލްހައަށް މަސައްކަތްކުރާ އިސްރާއީލުގެ ހަރަކާތެއްކަމަށްވާ ޕީސް ނައުއިން ބުނާ ގޮތުގައި އިސްރާއީލު ސަރުކާރުގެ ބަޖެޓުން ދިން 75 މިލިއަން ޝެކެލް (20 މިލިއަން ޑޮލަރު ނުވަތަ 309.2 މިލިއަން ރުފިޔާ)ގެ އެހީއާއެކު ޔަހޫދީ ވަޒަންވެރިންވަނީ 2024 ގައި 62 އާ ބަސްތީތައް ގާއިމުކޮށްފައެވެ. އަދި ބަސްތީތަކާއި ދަނޑުތަކުގެ އިންފްރާސްޓްރަކްޗަރާއި ސަލާމަތީ އާލާތްތަކަށް މަދުވެގެން 100 މިލިއަން ޝެކެލް (30 މިލިއަން ޑޮލަރު ނުވަތަ 463.8 މިލިއަން ރުފިޔާ)ވަނީ ދީފައެވެ.
"ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ ޔަހޫދީންނަށް އެހީވުމުގެ ފަހަތުގައި އޮތީ އިސްރާއީލުގެ ދައުލަތް. މާލީ ގޮތުންނާއި ސުލޫކީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން އަދި ކޮންމެ ކަމެއްގައިވެސް އެހީތެރިވަމުން ދަނީ،" ތަފަކްޖީ ބުންޏެވެ.
ފަލަސްތީން ރައްޔިތުންގެ ގެދޮރު ގެއްލުވައިލުމާއި ޔަހޫދީ ވަޒަންވެރިން ޒިންމާނުކުރުވުން
ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން މީހުން ބުނާ ގޮތުގައި އެ މީހުންނަށް ދޭ ހަމަލާތަކާއި ބިރުދެއްކުންތަކާއި އަދި ކަރަންޓާއި ފެނުގެ ހިދުމަތް ކަނޑައިލުމުގެ ސަބަބުން އެ މީހުންނާއި އެ މީހުންގެ އާއިލާތަކަށްވަނީ ދިރިއުޅޭ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފައެވެ. ހަމައެއާއެކު، އިސްރާއީލުން އަސްކަރީ އަމުރުތައް ނެރެގެން ނުވަތަ ދަނޑުވެރިކަންނުކުރާ ބިންތަކަކީ އިސްރާއީލުގެ ދައުލަތުގެ ބިންތަކެއްގެ ގޮތުގައި ކަނޑައަޅައި ގާނޫނުތަކުގެ ބޭނުންހިފައިގެން އިސްރާއީލުން ދަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންގެ ބިންތައް ފޭރެމުންނެވެ.
"އެ މީހުން އަހަރެމެންގެ ބިންތައް ރަސްމީ ގޮތުން އަތުލަމުން ދަނީ އެހެން ދައުލަތެއް ގާއިމުކޮށް، އަހަރެމެން ބޭރުކޮށްލުމަށްޓަކައި. މިއީ އަހަރެމެން މުލުން ލުހެލައި، އޭގެ ބަދަލުގައި އެހެން ބަޔަކު ވަޒަންވެރިކުރުވުމުގެ މަސައްކަތެއް،" ތަފަކްޖީ ބުންޏެވެ.
ޔަހޫދީ ވަޒަންވެރިން ޒިންމާދާރުކުރުވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިސްރާއީލުގެ ޖަމިއްޔާއެއްކަމަށްވާ ޔެޝް ދިނުން ހާމަކުރި ގޮތުގައި 2005 އާއި 2023 އާ ދެމެދު ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމާ ގުޅޭ ގޮތުން އިސްރާއީލުގެ ފުލުހުން ހިންގި ތަހުގީގުތަކުގެ ތެރެއިން އެ ޖަމިއްޔާއިން މޮނިޓަކުރި މައްސަލަތަކުގެ 94 ޕަސެންޓް މައްސަލަ ނިމިފައިވަނީ އެއްވެސް ދައުވާއެއް އުފުލުމަކާ ނުލައެވެ.
ޝަމްސާ ބިރުގަންނަނީ އޭނާގެ ޒައިތޫނި ދަނޑު ދޫކޮށް ހިނގައްޖެނަމަ އެންމެ ފަހުން އޭނާގެ އަމިއްލަ ބިންވެސް އެއްކޮށް ގެއްލިދާނެތީއެވެ.
"އަހަރެމެންނަށް ޝަކުވާ ހުށަހެޅެން އޮތީ ކާކަށް؟ ޝަކުވާ ކުރަންވީ އަނިޔާވެރިވާ މީހާގެ ގާތުގައިތަ؟" އޭނާ ސުވާލު އުފެއްދިއެވެ.



advertisment