Support Us

ވޭން ގޯގެ މަޝްހޫރު ކުރެހުން "ސްޓާރީ ނައިޓަ"ކީ 1889 ގެ ޖުލައިގެ ފަތިހެއްގެ އުޑުމަތި: ސައިންސްވެރިން

ނެދަލެންޑްސްގެ މަގުބޫލު ކުރެހުންތެރިޔާ ވިންސެންޓް ވޭން ގޯގެ މަޝްހޫރު ކުރެހުން "ސްޓާރީ ނައިޓަ"ކީ 1889 ގެ ޖުލައި 22 ގައި އުޑުމަތި އޮތް ގޮތަށް ބިނާކޮށް ކުރަހާފައިވާ ކުރެހުމެއްކަމަށް ސައިންސްވެރިން ބުނެފިއެވެ.

"ސައިންޓިފިކް ރިޕޯޓްސް" މަޖައްލާގައި އިއްޔެ ޝާއިއުކުރި ދިރާސާއެއްގައި ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި މިހާރުގެ އަގުން އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ)އަށްވުރެ ބޮޑު އަގުގައި ވިކޭނެ، "ތަރިތަކުން ފުރިގެންވާ ރެއެއް"ގެ ނަން ދީފައިވާ، ނަވާރަ ވަނަ ގަރުނުގައި އުޅުނު ވޭން ގޯގެ އެ ކުރެހުމަކީ ފަތިހުގެ ވަގުތެއްގައި ފްރާންސްގެ ސެއިންޓް-ރެމީ-ޑި-ޕްރޮވޮންސް ކޮމިއުންގެ އުޑުމަތި ފެންނަން އޮތް ގޮތުގެ ހަގީގީ މަންޒަރެކެވެ.

ޓެލެސްކޯޕް އުފައްދާ ކުންފުންޏެއްގެ ސީ.އީ.އޯ އަދި ދެކުނު ކޮރެއާގެ ކިޔުންގް ހީ ޔުނިވާސިޓީގެ ޑޮކްޓަރަލް ކެންޑިޑޭޓެއްކަމަށްވާ އިލައިޖާ ޖޮންގް-ހިޔުން ކިމް އިސްވެހުރެ ދެކުނު ކޮރެއާގެ ޓީމަކުންވަނީ އެ ކުރެހުމުގައިވާ ހަނދުފަޅިއާއި ވީނަސް ޕްލެނެޓް އަދި ހަޔަޑީސް ތަރިތައް، ފަލަކީ ހިސާބުތަކާ އަޅައިކިޔައި އެއްގޮތްކަން ހޯދައިފައެވެ. މި ހޯދުމުގެ ސަބަބުން އެ ކުރެހުމަކީ 1889 ގެ ޖޫންގެ ކުރެހުމެއްކަމަށް އާންމުކޮށް ގަބޫލުކުރެވިފައި އޮތްއޮތުމަށްވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

"އެއްގޮތަކަށް ދެ ފަހަރަކު އުޑުމަތި ނޯންނާނެ. އަހަރެން ގަބޫލުކުރަނީ ވިންސެންޓް އެ ބަދަލުތައް ފާހަގަކޮށް، ކުރެހުމުގައި ހިމެނީކަމަށް،" ކިމް ބުންޏެވެ.

"އެހެންނަމަވެސް ޖުލައިގެ ތާރީހަކީ ކަށަވަރުވެފައިވާ ޖަވާބަކަށްވުރެ ބޮޑަށް އަހަރެން ދެކެނީ އެއީ ޝައުގުވެރި ލަފާކުރުމެއްގެ ގޮތުގައި،" މި ދިރާސާގައި ބައިވެރިނުވާ، މެކްސިކޯގެ ނޭޝަނަލް އޮޓޮނޮމަސް ޔުނިވާސިޓީގެ ފިޒިކްސް އިލްމްވެރިޔާ ހޯސޭ ލުއިސް އަރަގޮން ބުންޏެވެ.

އޭނާ ބުނީ މި ދިރާސާއިން ދައްކައިދެނީ "މި ކުރެހުމަކީ ހަމައެކަނި ހިޔާލީ މަންޒަރެއް ނޫންކަމަށާއި ވޭން ގޯވަނީ އުޑުމަތި ހަގީގަތުގައި އޮންނަ ގޮތް ވަރަށް ބޮޑަށް ބަލައިފައި"ކަމަށެވެ.

އެތައް ރެއެއްގެ އުޑުމަތި އޮންނަ ގޮތް ބަލައިފައި، އެ މަސްހުނިކޮށްގެން މި ކުރެހުން ވޭން ގޯ ކުރެހީކަމަށްވެސްވެދާނެކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ.

އެއްޗަކަށް އެއްޗެއް ބަދަލުކުރާ އުސޫލުން މީހެއްގެ އަތުން އެމެރިކާގެ މޮޑަން އާޓް ދާރުލްއާސާރުން ހޯދި "ސްޓާރީ ނައިޓް" ކުރެހުމަކީ އެމެރިކާގެ ނިއު ޔޯކް ސިޓީގެ އެ ދާރުލްއާސާރުގައި ބަހައްޓައިފައިހުރި ދާއިމީ ކަލެކްޝަންގެ ބައެކެވެ. މި ކުރެހުމަކީ އެ ދާރުލްއާސާރުގެ އެއް ފައުންޑަރު، މިހާރު މަރުވެފައިވާ ލިލީ ޕީ. ބްލިސް ބިކުއެސްޓްގެ އެދުމުގެ މަތިން އެ ދާރުލްއާސާރު ހިންގާ މީހުން ހޯދައިފައިވާ ކުރެހުމަކަށްވާތީ މި ކުރެހުން ދުވަހަކުވެސް ވިއްކައިނުލައިނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *