ސައޫދީ އަރަބިއްޔާގެ އެއާޕޯޓަކަށް ހޫތީން ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެއެވެ.
ސައޫދީގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ރެގިއުލޭޓަރު، ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އެވިއޭޝަން (ޖީ.އޭ.ސީ.އޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިރުމަތީ ސަހަރެއްކަމަށްވާ ދައްމާމުގައި އޮންނަ ރަސްގެފާނު ފަހުދަށް ނިސްބަތްވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ދިން ހަމަލާގައި މަރުވީ ސައޫދީ ރައްޔިތަކާއި އިންޑިއާގެ ރައްޔިތެއްކަމަށެވެ.
ޖީ.އޭ.ސީ.އޭއިން ބުނީ އިއްޔެ ދިން އެ ހަމަލާގައި އަށް މީހަކު ޒަހަމްވެސްވެފައިވާކަމަށެވެ.
ދުވަހުގެ ކުރީކޮޅު، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އުފައްދާ ކުންފުނި، ސައޫދީގެ އަރަމްކޯގެ ޝައިބާ ތެޔޮ މަރުކަޒަށް ހަމަލާދޭން ފޮނުވައިލި ޑްރޯނެއް ސައޫދީގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓައިލުމާ ގުޅިގެން ދެ މީހަކު މަރުވެފައިވާކަމަށް ސައޫދީގެ ހަކަތައާ ބެހޭ ވުޒާރާއިން ބުންޏެވެ.
މިއީ އީރާނަށް ތާއީދުކުރާ ޔަމަންގެ ހޫތީންނާއި ސައޫދީން ތާއީދުކުރާ އަދި ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަ ޔަމަންގެ ސަރުކާރާ ދެމެދު ހަނގުރާމަ ވަރުގަދަވަމުންދާއިރު ސައޫދީގެ އިންފްރާސްޓްރަކްޗަރަށް ހޫތީން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ.
ފާއިތުވި ހަފުތާގައި ސައޫދީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަހު 11 ގައި ސައޫދީގެ ވެރިރަށް ރިޔާޒްގައި އޮންނަ ރަސްގެފާނު ހާލިދަށް ނިސްބަތްވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހޫތީން ދިން ހަމަލާއެއްގައި އެކަކު މަރުވެ 11 މީހުން ޒަހަމްވިއެވެ. އަދި އޭގެ ކުރީ ދުވަހު އެ އެއާޕޯޓަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.
ހޫތީންގެ ހަމަލާތައް ކުރިއަށްދާތީ ސައޫދީގައި ހުންނަ އެމެރިކާގެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓުންނާއި އެ މީހުންގެ އާއިލާ މެންބަރުން ސައޫދީން ފުރައިގެން ދިއުމަށް އެމެރިކާގެ ހާރިޖީ ވުޒާރާއިން އިއްޔެ އެންގިއެވެ. އަދި ގަލްފު ސަރަހައްދުގެ އެމެރިކާގެ އެހެން ބައެއް މިޝަންތަކުންވެސް އެ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ އާއިލާ މެންބަރުން އަނބުރާ ގެންދިއުމަށް ރާވައިފައިވާކަމަށް އެމެރިކާއިން ބުންޏެވެ.
ރިޔާޒްގައި ހުންނަ އެމެރިކާގެ އެމްބަސީން އިއްޔެވަނީ ހޫތީން ސައޫދީއަށް އިތުރު ހަމަލާތަކެއް ދީފާނެކަމުގެ ސެކިއުރިޓީ އެލާޓެއް ނެރެފައެވެ.



advertisment