މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުމުގެ އަސަރެއް އަދިވެސް ނުފެނެއެވެ. އެމެރިކާއާއެކު ދާއިމީ ސުލްހައެއް ގާއިމުކުރަން ސޮއިކުރި ފަހުމްނާމާއަށް އަމަލުނުކުރާނެކަމަށް އީރާނުން ބުނެފައިވާއިރު، އެމެރިކާގައި އަންނަ މަހު ބާއްވާ، ރިޔާސީ ދައުރުގެ މެދުތެރޭގެ އިންތިހާބުގެ ފަހުން އީރާނަށް އަލުން ހަމަލާ ދޭން ފަށައިނެ ކަހަލަ އިޝާރާތްތައްވެސް އެމެރިިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުންވަނީ ފެނިފައެވެ. މިހެންވެ، އީރާނާ ދެކޮޅަށް ފެށި ހަނގުރައިމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ހަކައިތައިގެ ކާރިސާ ކުރިއަށް އޮތް އެތައް މަހަކަށް ދެމިގެންދާނެކަމަށް ދިރާސާވެރިން ލަފާކުރެއެވެ.
މި ގޮތަށް ގަބޫލުކުރާ އެއް ގައުމަކީ އީރާންގެ އަވަށްޓެރި ގަތަރެވެ. ގަތަރުން ބުނަނީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ ކާރިސާ ކުރިއަށް އޮތް މަސްތަކުގައި ހަގީގަތުގައި އިތުރަށް ސީރިއަސްވުންވެސް އެކަށީގެންވާކަމަށެވެ. އެއީ ތެލުގެ ސަޕްލައިއާއި ބައިނަލްއަގްވާމީ ވިޔަފާރިއާއި އަދި އިގްތިސާދީ ކުރިއެރުމަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ކުރިއަށް އޮތް މަސްތަކުގައި އިތުރަށް ގޯސްވާނެތީކަމަށް ބެލެވޭތީއެވެ.
މި މައްސަލައާ ބެހޭ ގޮތުން ގަތަރުގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާއީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝައިހް ސައޫދު ބިން އަބްދުއްރަހްމާން އަލް-ސާނީވަނީ މި ދިޔަ ހޯމަ ދުވަހު ގަތަރުގެ ވެރިރަށް ދޫހާގައި ބޭއްވި ބައިނަލްއަގުވާމީ ސަލާމަތީ ފޯރަމެއްގައި ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ހަކަތައިގެ މައްސަލައިގެ ކުންނާ ހަމައަށް ފޯރުން އަދި ކުރިއަށް އޮތީކަމަށެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނަށް ދިން ހަމަލާތަކާއެކު ފެށި ހަނގުރައިމައިގެ ސަބަބުން ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) އުފުލާ މުހިންމު ކަނޑުގެ މަގެއްކަމަށްވާ ހުރުމުޒު ކަނޑުއޮޅި ސަރަހައްދުގެ ސަލާމަތަށްވަނީ ބުރޫއަރައިފައެވެ. އަދި މި ދިޔަ މާޗް މަހު ގަތަރުގެ ރާސް ލައްފާން ސިނާއީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި، މަރާމާތުކުރަން އަހަރުތަކެއް ނަގާނެ ވަސީލަތްތަކަކަށްވަނީ ގެއްލުން ލިބިފައެވެ.
"އެ ހަމަލާދިނުންވީ އަހަރެމެންނަށް ލިބުނު ހައިރާންކަމަކަށް،" އަލް-ސާނީ ވިދާޅުވިއެވެ.
އެ ހަމަލައާ ގުޅިގެން ގަތަރުން "އީރާނާއެކު ގިނަ މަޝްވަރާތަކެއް ބޭއްވި"ކަމަށް އޭނާ ވިދާޅުވިއެވެ.
ހުރުމުޒުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމާ ދެކޮޅަށް އޭނާ އިންޒާރުދެއްވިއެވެ.
"ޓްރާންސިޓް ފީ ނަގައިގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.
އަލް-ސާނީ ވިދާޅުވީ ހުރުމުޒާމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު އެންމެ ފަހުން ކުރާނީ ދުނިޔޭގެ އެންމެނަށްކަމަށެވެ.
ހަނގުރާމަ ހިނގަމުންދިޔަ ނަމަވެސް ގަތަރުން ދަނީ އަވަށްޓެރި އީރާނާއެކު ގުޅުން ދަމަހައްޓަމުންނެވެ. އަލް-ސާނީ ވިދާޅުވީ ގަތަރާއި ޕާކިސްތާނާއި އަދި އުމާން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މަސައްކަތްތަކުން، އެމެރިކާއާއި އީރާނާއި އަދި އިސްރާއީލު ހިމެނޭހެން އެހެން ފަރާތްތަކުގެ މެދުގައިވެސް އެއްބަސްވުމަކަށް އާދެވިދާނެކަމަށެވެ.
"އީރާނަކީ އަހަރެމެންގެ އަވަށްޓެރިއެއް. އަހަރެމެން ޖެހޭނީ އީރާނާއެކު އުޅެވޭނެ ގޮތްތަކެއް ހޯދަން،" އަލް-ސާނީ ވިދާޅުވިއެވެ.
އީރާނާއެކު އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމުން ކުރިއަށް އޮތް ތަނުގައި ހަމަނުޖެހުންތައް އުފެދުމަށް މަގުފަހިނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޑިޕްލޮމަސީއާއެކު ދިފާއީ މަސައްކަތްތައްވެސް ކުރިއަށް ގެންދަން ޖެހޭނެކަމަށް އަލް-ސާނީ ފާހަގަކުރެއްވިއެވެ. އީރާނުން ދީފާނެ ހަމަލާތަކުގެ "90 ޕަސެންޓަށްވުރެ ގިނަ" ހަމަލާ ހުއްޓުވުމަށް، އެމެރިކާއާއެކު ގަތަރުން ބާއްވާ ގުޅުން އެހީތެރިކަމަކަށްވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ އެމެރިކާއާއެކު ބާއްވާ ގުޅުމުގެ ސަބަބުން ފާއިތުވި ތިން ނުވަތަ ހަތަރު ދަހަރުގައި ގަތަރުގެ އަސްކަރީ ހުނަރާއި ގާބިލުކަން ރަނގަޅުވީތީއެވެ.
އެމެރިކާއާއި އެހެން ބައިވެރިންނާއެކު އަލް އުދައިދު އަސްކަރީ ވައިގެ މަރުކަޒު ގަތަރުން ދަނީ ތަރައްގީކުރަމުންނެވެ. އަދި ވައިގެ ދިފާއާއި ޑްރޯނުން ދޭ ހަމަލާތައް ހުއްޓުވޭނެ ނިޒާމުތަކާއި އަދި ސައިބާ ސެކިއުރިޓީއަށް އިސްކަން ދޭ އާ ސަރަހައްދީ ދިފާއީ އިއްތިހާދެއް އެކުލަވައިލުމަށް ގަތަރުން ދަނީ ތައްޔާރުވަމުންނެވެ.
"މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މާނައަކީ އަހަރެމެންގެ ފަރާތުން އަޅަން ޖެހޭ ދިފާއީ ފިޔަވަޅުތަކަށް ތައްޔާރަށް ނުތިބުމެއް ނޫން،" އަލް-ސާނީ ވިދާޅުވިއެވެ.
އޭނާގެ ވާހަކައިން ހާމަވެގެންދަނީ ގަލްފުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެވެ: އެއީ މުޅި ދުނިޔޭގެ އިގްތިސާދުތައް ބަރޯސާވާ ހަކަތައިގެ ހިދުމަތްތައް ރައްކާތެރިކުރުމާއެކުއެކީ އަމިއްލަ ސަރަހައްދު ހިމާޔަތްކުރަމުން އީރާނާއެކު މަޝްވަރާތައްވެސް ދެމެހެއްޓުމެވެ.



advertisment