ދެކުނު ކޮރެއާގައި ތާށިވެފައިވާ މިޔަރެއް، މިލިއަނުން ގުނައިލެވުނު މީހުންގެ ލޯބިވަނީ ހޯދައިފައެވެ. އަދި މާދަމާ އެ ސޮރު ސަލާމަތްކުރުމުގެ އަވަސް އިތުރު މަސައްކަތްތަކެއް ފަށަންވަނީ ތައްޔާރުވެފައެވެ.
މަހަކަށްވުރެ ދިގު މުއްދަތަކަށް ދެކުނު ކޮރެއާގެ ބަނދަރު ސިޓީއެއްކަމަށްވާ ބުސާންގައި ތާށިވެފައިވާ މި މިޔަރަކީ އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ މަޝްހޫރު އެއްޗަކަށް މިހާރުވަނީވެފައެވެ. އަދި އެ ސޮރު ބަލައިލަން ޝައުގުވެރިވާ ގިނަ އަދަދެއްގެ މީހުން އެ ތަނަށް އެއްވަމުންދާއިރު އެ މިޔަރު ދިރިއޮތުމުގެ ފުރުސަތު ދަނީ ކުޑަވަމުންނެވެ.
"ބުކަންގް-އީ"ގެ ނަމުން ނަންދީފައިވައި ދިގުމިނުގައި ނުވަ ފޫޓު ހުރި މި އަންހެން ޑަސްކީ ބާވަތުގެ މިޔަރު އެންމެ ފުރަތަމަ ފެނިފައިވަނީ މި ދިޔަ މަހު 18 ގައި ނޯތު ޕޯޓް ވޯޓަފްރަންޓް ޕާކުގެ މަސްނޫއީ ފެން ކަނޑުއޮޅިއެއްގެ ތެރެއިންނެވެ.
އެ މިޔަރު އެ ތަނަށް އައި ފަހުން ޕާކަށް 1.6 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިކަންވަނީ ރެކޯޑުކުރެވިފައެވެ. މީގެ ސަބަބުން މި މިޔަރުވަނީ އެ ސަރަހައްދަށް ސަމާލުކަން ގެނައި މަހުލޫގަކަށްވެފައެވެ.
ނަމަވެސް އާންމުންގެ މި ޝައުގުވެރިކަމާއެކު އޮތީ މިޔަރުގެ ދުޅަހެޔޮކަމާމެދު އުފެދެމުންދާ ކަންބޮޑުވުންތަކެވެ. ކަނޑުއޮޅީގެ ތެރެއަށް ވަނީއްސުރެ އެ މިޔަރު އެއްޗެއް ކެއިކަން ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައެއްނުވެއެވެ. އަދި އޭގެ މޫނާއި ކަނާތް ފަރާތުގެ އުރަހައަށް ލިބިފައިވާ ގެއްލުންތަކުން ދައްކަނީ އެ މިޔަރު ތަކުރާރުކޮށް ސިމެންތި ފާރުތަކުގައި ޖެހިފައިވާކަމެވެ.
ކުންސަން ނޭޝަނަލް ޔުނިވާސިޓީގެ މަސްމަހާމެހީގެ މާހިރު އަދި އެމެރިޓަސް ޕްރޮފެސަރު ޗުއޭ ޔޫން ބުނީ އެ މިޔަރުގެ ހާލަތު ދަނީ ވަރަށް އަވަހަށް ގޯސްވަމުންކަމަށެވެ.
"ޑަސްކީ މިޔަރަކަށް އެއް ނުވަތަ ދެ މަސްދުވަހުގެ މުއްދަތަށް ކާނާއާ ނުލައި އުޅެވުނަސް ބުކަންގް-އީގެ ހަށިގަނޑުގައި ރައްކާކުރެވިފައިވާ ހަކަތަ މުޅިންހެން ހުސްވެ، މިހާރު އެ މިޔަރު އޮތީ އޭގެ އެންމެ ފަހުގެ ހާލަތުގައި ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ.
މިޔަރު އަނބުރާ ކަނޑަށް ފޮނުވައިލުމަށް ކުރިންކުރި ދެ މަސައްކަތެއްވަނީ ނާކާމިޔާބުވެފައެވެ. މި ދިޔަ މަހު 29 ގައި ރަސްމީ އިދާރާތަކުން މަސައްކަތްކުރީ ފެން ބާރަށް ޖަހައިގެން ކަނޑުއޮޅިން ނުކުންނަ ދޮރާ ދިމާއަށް އެ ސޮރު މިސްރާބުކުރުވުމަށެވެ. މި މަހު ދޭއްގައި ހިންގި ދެ ވަނަ އޮޕަރޭޝަނުގައި ބޮޑު ދާގަނޑެއް ބޭނުންކުރިއެވެ. ނަމަވެސް އެ މިޔަރުވަނީ ދާގަނޑު ހުރަސްކޮށް، ކަނޑުއޮޅީގެ އެތެރެއަށް އަލުން އެނބުރި ވަދެފައެވެ.
މިޔަރު ސަލާމަތްކުރުމުގެ ތިން ވަނަ މަސައްކަތްކުރަން ހަމަޖައްސައިފައިވަނީ މާދަމާއެވެ. މި ކަމުގައި ދެކުނު ކޮރެއާގެ ކަނޑުތަކާއި މަސްވެރިކަމާ ބެހޭ ވުޒާރާއާއި ބުސާން ސިޓީގެ ރަސްމީ އިދާރާތަކާއި އަދި ކަނޑުގެ މާހިރުން ބައިވެރިވާން ހަމަޖައްސައިފައިވެއެވެ.
މި ފަހަރު ދާތަކެއް ހަރުކޮށްފައިވާ، ފެންމަތީގައި އޮންނަ ޕްލެޓްފޯމްތަކެއް ކަނޑާ ދިމާއަށް ގެންދާނެއެވެ. އަދި މިޔަރު އަނބުރާ އެތެރެއަށް އައުން ހުއްޓުވުމަށް އިތުރު ހުރަސްތައް ބަހައްޓައިނެއެވެ.
މިނިސްޓްރީން ބުނީ މި އޮޕަރޭޝަންގައި މިޔަރު ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނާއި ޒިޔާރަތްކުރާ މީހުންނަށް އިސްކަންދޭއިރު "މިޔަރަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރެވޭނެ"ކަމަށެވެ.
ފެނުގެ ހޫނުމިން ދަށްވަމުންދިއުމާއި އަދި މިޔަރު އެއްޗެއް ކެއިކަން ކަށަވަރުވެފައިނުވުމުގެ ސަބަބުން މި އޮޕަރޭޝަން އަވަސްކުރުމުގެ މުހިންމުކަންވަނީ ބޮޑުވެފައެވެ. ޗުއޭ ބުނީ މިޔަރު ދިރިއޮންނާނީ ގާތްގަނޑަކަށް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުކަމަށް ލަފާކުރެވޭކަމަށެވެ.
ބުސާންގެ އަތިރިމައްޗަށް އެއްވާ މީހުންނަށް ބުކަންގް-އީވެފައިވަނީ ހަމައެކަނި ބަލައިލަން ކަމުދާ މަންޒަރަކަށް ނޫނެވެ. އެ ސޮރުގެ ނަސީބު މިހާރު ބިނާވެފައިވަނީ އެ ސޮރުގެ ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ސަލާމަތްކުރާ މީހުންނަށް އެ ސޮރު އަނބުރާ ކަނޑަށް ފޮނުވާލެވޭނެތޯ ނުވަތަ ނޫންތޯގެ މައްޗަށެވެ.



advertisment