Support Us

އެޑިމާ މާޓިންސް (ކ) އަދި އޭ.އައި ޝަހުސިއްޔަތެއްކަމަށްވާ "ޖެސިކާ އޮލިވޭރާ"

ހުރިހާ މުދަލެއް ވިއްކައިލައިފައި ކައިވެނިކުރަން ދެވުނީ "އޭ.އައި ލޯބިވެރިޔަކާ"

އިންޓަނެޓުން ހޯދުނު "ލޯބިވެރިޔާ"އާ ކައިވެނިކުރަން ހުރިހާ މުދަލެއް ވިއްކައިލައިފައި ބްރެޒިލް މީހަކު ދިއުމުން އޭނާއަށް ފަޅައިއެރީ އެ ލޯބިވެރިޔަކީ މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން މީހަކު ހަދައިފައިވާ ޝަހުސިއްޔަތެއްކަމެވެ.

އުމުރުން 49 އަހަރުގެ ބްރެޒިލްގެ ރާނާ މީހެއްކަމަށްވާ އެޑިމާ މާޓިންސް، އޭނާ ކައިވެނިކުރަން އުންމީދުކުރި އަންހެނާއާ ބައްދަލުކުރުމަށްޓަކައި އޭނާގެ ހުރިހާ މުދަލެއް ވިއްކައިލުމަށްފަހު ގާތްގަނޑަކަށް 1،199 މޭލުގެ ދަތުރެއްކުރިއެވެ. ނަމަވެސް ލޯބިވެރިޔާ އުޅޭކަމަށް ބުނާ ތަނަށް ދިއުމުން އޭނާއަށް އެނގުނީ އެއީ "އޭ.އައި އަންހެނެއް"ކަމެވެ.

މާޓިންސް މި މަހު ނުވައެއްގައި އޭނާގެ މުދާތައް ވިއްކައިލުމަށްފަހު މަރަންޔާއޯ ސްޓޭޓުން ބެލޯ ހޮރިޒޮންޓޭ ސިޓީއަށް ބަހުގައި ދަތުރުކުރިއެވެ. އެ ތަނަށް ފޯރީ މި މަހު 11 ގައެވެ. އޭނާ ދިޔައީ އަންހެން ނަމެއްކަމަށްވާ "ޖެސިކާ އޮލިވޭރާ"ގެ ނަމުން ނަންދީފައި، ސޯޝަލް މީޑިއާގައި ހަދައިފައިވައި އެކައުންޓެއް 2020 އިން ފެށިގެން ފޮލޯކުރަމުންނެވެ.

"އަހަރެން އެ ތަނުގައި ހުންނަ ރޭޑިއޯ ސްޓޭޝަނަށް ދިއުމުން އެ ތަނުން ބުނީ 'ނޫނެކޭ، އެއީ ދޮގު ހަބަރެކޭ، އެ ފަދަ އަންހެނަކު ދުނިޔެއަކު ނުއުޅެއޭ’،" ބްރެޒިލްގެ މީޑިއާތަކަށް މައުލޫމާތު ދެމުން މާޓިންސް ބުންޏެވެ.

ގާތްގަނޑަކަށް 300,000 މީހުން ފޮލޯކުރާ އެ ޓިކްޓޮކް އެކައުންޓުގައި ބުނެފައިވަނީ "ޖެސިކާ އޮލިވޭރާ"ގެ ދަނޑުގައި އުޅޭނެ ބައިވެރިއަކަށް ހަރަދުކޮށް، އެހީތެރިވާނެކަމަށެވެ.

"އަހަރެން އަސްލުވެސް ބޭނުންވަނީ ނިކަން ބޮޑަށް އެހީތެރިވާން. އަހަރެން ބޭނުންވަނީ އައިސް އަހަރެންގެ ދަނޑުގައި އުޅެން. އަދި މުޅި އުމުރުގައި ދެން ދުވަހަކުވެސް މަސައްކަތްކުރާކަށް ނުޖެހޭނެ،" އެ "އޭ.އައި އަންހެނާ"ގެ އެކައުންޓްގައި ބުނެފައިވެއެވެ.

އެކައުންޓް ހިންގާ މީހާވަނީ، މާޓިންސްއަށް ސީދާ މެސެޖުކޮށް، މާޓިންސްއާ ވާހަކަދެއްކިކަމަށް އިންކާރުކޮށްފައެވެ. އަދި "ޖެސިކާ އޮލިވޭރާ"އަކީ އޭ.އައިއިން ހަދައިފައިވާ ޝަހުސިއްޔަތެއްކަމަށާއި، އެ ޓިކްޓޮކް އެކައުންޓަށް ލައިފައިވަނީ އާންމުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި އާންމުކުރި ކޮންޓެންޓްކަމަށް އޭނާ ބުންޏެވެ.

އަތުގައި ފައިސާއެއް ނެތި ހާލުގައި ޖެހުމުން، މާޓިންސް އަނބުރާ ރަށަށް ދިއުމަށް ބެލޯ ހޮރިޒޮންޓޭގެ ރަސްމީ އިދާރާތަކުންވަނީ މާޓިންސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އޮންލައިންކޮށް ބައްދަލުވާ "މީހުން"ނަށް އިތުބާރުކުރުމުގެ ކުރިން އެއީ ކާކުކަން ކަށަވަރުކުރުމަށް އެ ސިޓީގެ ކައުންސިލުން އާންމުންނަށް އިލްތިމާސްކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *