އެންޓޯނިއޯ ގުޓެރޭސް އޭނާގެ ސިޔާސީ ހަޔާތް ބިނާކުރެއްވީ އެހެން މީހުން ބުނާ ވާހަކަ އަޑުއެހުމާއި އެންމެނަށް އެއްބަސްވެވޭ އުސޫލުތަކެއް ހޯއްދެވުމާއި އަދި އިދިކޮޅު ފަރާތްތައް އެއްގަލަކަށް އެރުވުމުގައެވެ. ނަމަވެސް އޭނާގެ އދ.ގެ އަމީން އާއްމުގެ މަގާމުގެ މުއްދަތު އަންނަ ޑިސެމްބަރު 31 އަށް ހަމަވާން ކައިރިވަމުންދާއިރު އޭނާގެ އަމަލުތަކުންހާމަވަނީ "ކުއައިއެޓް ޑިޕްލޮމަސީ" ނުވަތަ "ހިމޭން ޑިޕްލޮމަސީ" ސުލްހައަށް ބަދަލުކުރުމަކީ ކެތްތެރިކަމާއެކުކުރަން ޖެހޭ އަދި އެހާމެ އުނދަގޫ ކަމެއްކަމެވެ.
ގުޓެރޭސް (ފޮޓޯ)ގެ ކުރީކޮޅުގެ ކާމިޔާބީއެއް ފެނިގެންދިޔައީ 1999 ގައެވެ. އެއީ އެއިރު ޕޯޗުގަލްގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިއިރު، އީސްޓް ޓިމޯއަށް ބައިނަލްއަގްވާމީ ބާރުތަކުން ވަނުމަށް ތާއީދުކުރެއްވުމަށް އެމެރިކާގެ ރައީސް ބިލް ކްލިންޓަނަށް ބާރުއެޅުއްވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އީސްޓް ޓިމޯއަށް ބައިނަލްއަގްވާމީ ފައުޖެއް ވަނުމުގެ ހުއްދަ ދިނުމަށް އިންޑޮނޭޝިއާއިން އެއްބަސްވިއެވެ. އަދި އީސްޓް ޓިމޯއިން 2002 ގައި މިނިވަންކަން ހާސިލުކުރިއެވެ.
ގުޓެރޭސް ފަހުން އެ ތަޖުރިބާ އދ.އަށް ގެންނެވިއެވެ. އދ.ގެ ރެފިއުޖީ އެޖެންސީގެ ވެރިޔާގެ މަގާމު އަދާކުރެއްވުމަށްފަހު އޭނާ އދ.ގެ އަމީން އާއްމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ގެ ޖެނުއަރީގައެވެ. އޭނާ ވެވަޑައިގެންނެވި ވައުދަކީ ސުލްހައަށްޓަކައި ޑިޕްލޮމަސީގެ ހަރަކާތްތައް ވަރުގަދަކުރެއްވުމެވެ.
އެހެންނަމަވެސް ޔޫކްރެއިނާއި ގައްޒާގެ ހަނގުރާމަތަކުންވަނީ އޭނާގެ މި އުސޫލުގެ ހީނަރުކަމާއި އިންތައް ހާމަވެފައެވެ. ބްލެކް ސީ ގްރެއިން ޑީލް ނުވަތަ ކަޅު ކަނޑު ސަރަހައްދުގެ ގޮވާމާ ބެހޭ އެއްބަސްވުން ގާއިމުކުރީ 2022 ގައި އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޔޫކްރެއިންގެ ގޮވާމާއި ރަޝިޔާގެ ކާބޯތަކެއްޗާއި ފަޓިލައިޒަރު ރައްކާތެރިކަމާއެކު ތަންތަނަށް ގެންދިއުމުގެ ފުރުސަތު ތަނަވަސްވިއެވެ. ނަމަވެސް ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިންކުރަމުންދާ ހަނގުރާމައިގެ މިސްރާބަށް ނުފޫޒު ފޯރުވުމުގައި އޭނާއަށްވަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިވަޑައިގަތްފައެވެ.
ގައްޒާގައި ގުޓެރޭސްވަނީ ހަމަލާތައް ހުއްޓައިލުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ކުރިމަތިވެދާނެ އިންސާނީ ކާރިސާއަކާމެދު އދ.ގެ ސަލާމަތީ މަޖިލީހަށް އިންޒާރުދެއްވުމަށްޓަކައި 2023 ގެ ޑިސެމްބަރުގައި އޭނާ ވަނީ އދ.ގެ އަސާސީ ގަވައިދުގެ 99 ވަނަ މާއްދާއަށް އަލިއަޅުވައިލައްވައިފައެވެ. ނަމަވެސް ދެ ދުވަސް ފަހުން އެމެރިކާއިންވަނީ ހަމަލާތައް ހުއްޓުވައިލުމުގެ ގަރާރާ ދެކޮޅުހަދައި، ވީޓޯގެ ބާރު ބޭނުންކޮށްފައެވެ. އަދި އީރާނުން ދިން މިސައިލް ހަމަލާ ސާފުކޮށް ކުށްވެރިކުރައްވައިފައިނުވާކަމަށް ތުހުމަތުކޮށް އިސްރާއީލުންވަނީ 2024 ގެ އޮކްޓޫބަރުގައި އޭނާއަކީ އިސްރާއީލަށް އެރުން މަނާ މީހެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
ގުޓެރޭސްގެ މި ހިފެހެއްޓުންތެރި އުސޫލުގެ އަސްލަކީ 2017 ގައި ސައިޕްރަސްއަށް އަދި 2019 ގައި ލީބިޔާއަށް ސުލްހަ ނުގެނެވުންކަމަށްވެދާނެއެވެ.
ސުލްހަ ގާއިމުކުރަން މަސައްކަތްކުރާ އެން.ޖީ.އޯ އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގައި މަސައްކަތްކުރާ އދ.ގެ މާހިރެއްކަމަށްވާ ޑެނިއަލް ފޯޓީ ބުނީ އެ ނާކާމިޔާބީތަކުގެ ސަބަބުން މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމުގައި ފަރުދީ ހައިސިއްޔަތުން ނުރައްކާތަކާ ކުރިމަތިލެއްވުމަށް ގުޓެރޭސްގެ ކުރިން އޮތް ޝައުގުވެރިކަމަށް އަސަރުކުރިކަމަށެވެ.
"ސައިޕްރަސް ހިމެނޭހެން، ސުލްހަ ގާއިމުކުރުމުގެ މަސައްކަތްތަކުގައި ގުޓެރޭސް އަމިއްލަ ގޮތުން ބައިވެރިވެވަޑައިގަންނަވަންކުރެއްވި މަސައްކަތްތަކުގެ ތެރެއިން ބައެއް ހާދިސާތަކަށްފަހު އޭނާއަށް ވަރަށް އަވަހަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިވަޑައިގަތް. އަދި ސިޔާސީ މައްސަލަތަކުގައި ދިގު މުއްދަތަކަށް ދެމިހުންނެވުމުގެ ރޫހު ގެއްލިވަޑައިގަތް،" ފޯޓީ ބުންޏެވެ.
އޭގެ ބަދަލުގައި ގުޓެރޭސް އިސްކަންދެއްވީ އިންސާނީ އެހީ ފޯރުކޮށްދިނުމާއި މޫސުމީ ބަދަލުތަކާއި އަދި ދުނިޔެއަށް ކުރިމަތިވަމުންދާ އާ ގޮންޖެހުންތަކަށެވެ. މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ފަގީރު ގައުމުތަކަށް އެހީތެރިވުމަށް އޭނާ މުއްސަނދި ގައުމުތަކަށް ބާރުއެޅުއްވިއެވެ. އަދި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ދާއިރާއަށް ބައިނަލްއަގްވާމީ ފެންވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކުލަވައިލަން އޭނާ ވަކާލާތުކުރެއްވިއެވެ.
"ކޮންމެ ފަހަރަކު ވަގުތުން ދޭނެ ޖަވާބެއް އޭނާގެ ކިބައިގައި ނެތަސް އަހަރެމެން ދައްކާ ވާހަކަ އޭނާއަށް ފަހުމްވާކަމާއި އަދި ސީރިއަސްކޮށް ނަންގަވާކަން އަބަދުވެސް ކަށަވަރުކޮށްދެއްވާތީ އަހަރެމެންނަށް އަބަދުވެސް އިހްސާސްވީ އޭނާގެ އޯގާތެރިކަން. އަދި ކަމެއް ހައްލުނުކުރެވޭނަމަ އެ ކަމެއް ހައްލުނުކުރެވުނީ ކީއްވެގެންކަން އަންގައިދެއްވުމަށް އަބަދުވެސް ވަމުންދާ ގޮތް ބައްލަވައި،" މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން އޭނާއަށް ހިޔާލު ހުށަހަޅައި ޒުވާނުންގެ ގްރޫޕުގައި މަސައްކަތްކުރި ބްރެޒިލްގެ އެކްޓިވިސްޓް ޕަލޯމާ ކޮސްޓާ ބުންޏެވެ.
ފޯޓީ ގަބޫލުކުރާ ގޮތުގައި ގުޓެރޭސްގެ ބޮޑެތި ހަނގުރާމަތައް ހުއްޓުވުމުގެ ނަތީޖާތަކަށްވުރެ އޭނާގެ ތަރިކަ މާ ރަނގަޅުވުން އެކަށީގެންވެއެވެ. ވަގުތުން ވަގުތަށް ޑިޕްލޮމެޓިކް ބޮޑެތި ކުރިއެރުންތަކެއް ލިބިވަޑައިނުގަތަސް މޫސުމީ ބަދަލުތަކާއި އޭ.އައިއާ ގުޅޭ ގޮތުން ގުޓެރޭސްކުރެއްވި މަސައްކަތްތަކުގެ ދެމެހެއްޓެނިވި އަސަރުތަކެއް ފެނުން މާ އެކަށީގެންވާކަމަށް ފޯޓީ ބުންޏެވެ.
ގުޓެރޭސްގެ ތަޖުރިބާއިން އދ.އަށް އޮތް މައިގަނޑު ގޮންޖެހުން ހާމަވެއެވެ: އެއީ އދ.ގެ ވެރިޔާއަށް މަޝްވަރާތަކަށް ހިތްވަރު ދެއްވައި، ބައިނަލްއަގްވާމީ ގާނޫނުތައް ދިފާއުކުރެއްވިދާނެކަމެވެ. ނަމަވެސް ބާރުގަދަ ސަރުކާރުތަކުން އެއްބާރުލުން ދިނުމަށް ދެކޮޅުހަދާ ހާލަތްތަކުގައި ސުލްހަ ހިޔާރުކުރުމަށް މަޖުބޫރެއް ނުކުރެވޭނެކަމެވެ. ގުޓެރޭސްގެ ތަރިކަ ބިނާވެގެންދާނީ އޭނާއަށް ހައްލުނުކުރެއްވުނު ހަމަނުޖެހުންތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. ނަމަވެސް ސަމާލުކަމަށް ގެނައުމަށް އޭނާ އެހީތެރިވެދެއްވި ދުނިޔޭގެ ބޮޑެތި މައްސަލަތަކުގެ މައްޗަށްވެސްމެއެވެ.



advertisment