Support Us

ތުރްކިޔެގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުގާން

ޖަލުން އެނދަކާއި ކާބޯތަކެތި ހޯދަން ގެދޮރު ނެތް މީހަކު އުރްދުގާނަށް ފުރައްސާރަކޮށްފި

ޖަލުން އެނދަކާއި ކާބޯތަކެތި ހޯދުމުގެ ބޭނުމުގައި ތުރްކިޔެގެ ގެދޮރު ނެތް މީހަކު އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުގާނަށް ފުރައްސާރަ ކޮށްފިއެވެ.

އުމުރުން 66 އަހަރުގެ މީހާ މި ކުށުގައި ހައްޔަރުކުރީ އަންތާލިއާ ސިޓީ ކައިރީގައިވާ ދެކުނުގެ ރިސޯޓު ރަށެއް ކަމަށްވާ އަލާންޔާގެ ޕާކެއްގެ ތެރެއިންނެވެ.

"އަހަރެން ހުންނާނެ އެއްވެސް ތަނެއް ނެތް. އަހަރެން ނިދަނީ ކުނިގޮނޑުތަކުގައި. އަހަރެން މި ކަންކުރި ސަބަބަކީ އެއީ،" ކޯޓުގައި އޭނާ ބުންޏެވެ.

ޝަރީއަތް ނިމެންދެން އޭނާ ޖަލުގައި ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

އޭނާ މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން މި ފަދައިން އަމަލުކުރި ނަމަވެސް މީގެ ކުރިން އޭނާ ބަންދުކޮށްފައެއްނުވެއެވެ.

ރައީސަށް ފުރައްސާރަކުރުމަކީ ތުރްކިޔެގައި ޖިނާއީ ކުށެކެވެ. އަދި މިއީ ސަރުކާރަށް ފާޑުކިޔާ މީހުންނާ ދެކޮޅަށް އާންމުކޮށް ބޭނުންކުރާ ގާނޫނެކެވެ.

ރަސްމީ އިދާރާތަކުން ވަނީ ނޫސްވެރިންނާއި ފުރާވަރުގެ ކުދިން އަދި ކުރީގެ ރީތީގެ ރާނީއެއް ހިމެނޭހެން އެތައް ހާސް ބަޔަކަށް މި ކުށުގެ ދައުވާ އުފުލައިފައެވެ.

މި ކުށަކީ ތުރްކިޔެގެ ގާނޫނުގައި އެތައް ދަހަރެއްވަންދެން އޮތް ކުށެއް ނަމަވެސް 2018 ވަނަ އަހަރު ތުރްކިޔެ ރިޔާސީ ނިޒާމަކަށް ބަދަލުވިފަހުން މި ގާނޫނުގެ ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ތުރްކިޔެގެ ޖަސްޓިސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2016 އިން މި ދިޔަ އަހަރުގެ ނިޔަލަށް ތުރްކިޔެގެ ގާނޫނުލްއުގޫބާތުގެ 299 ވަނަ މާއްދާއިން ފެށިގެން 301 ވަނަ މާއްދާގެ ދޭތެރޭގައިވާ މާއްދާތަކުގެ ދަށުން ޕްރޮސެކިއުޓަރުން ވަނީ ގާތްގަނޑަކަށް 83,000 މައްސަލަ ބަލަން ފަށައިފައެވެ. އެއީ ރައީސަށް ފުރައްސާރަކުރުމާއި ތުރްކިޔެގެ ދިދައާއި ދައުލަތުގެ ރަމްޒުތަކަށް ފުރައްސާރަކުރުމާއި ގައުމީ އަދި ދައުލަތުގެ މުއައްސަސާތަކަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކެވެ.

މާއްދާ 299 ގެ ދަށުން ރައީސަށް ފުރައްސާރަކުރުމުގެ ކުށަށް އެއް އަހަރާއި ހަތަރު އަހަރާ ދޭތެރޭގެ ޖަލު ހުކުމެއް އިއްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *