Support Us

ޖަރުމަނުގެ ކޮލްން އެއާޕޯޓުގެ ކަސްޓަމްސްއިން އިއްޔެ ހާމަކުރި ފޮޓޯއަކުން ފެންނަނީ ބައެއް އެއްޗެހި މަރުވެފައިވާ މަންޒަރު

ބޮނޑުތަކަކާއި ވިހަ ގަދަ ހަރުފަތަކެއް އެތެރެކުރަން އުޅުނު މީހަކު އެއާޕޯޓުން ހިފަހައްޓައިފި

ބޮނޑުތަކަކާއި ވިހަ ގަދަ ހަރުފަތަކެއް އެތެރެކުރަން އުޅުނު މެކްސިކޯ މީހަކު ޖަރުމަނުގެ އެއާޕޯޓަކުން ހިފަހައްޓައިފިއެވެ.

ޖަރުމަނުގެ ކަސްޓަމްސް އޮފިޝަލުންނަށް، މެކްސިކޯގެ ދަތުރުވެރިޔާގެ ސާމާނުތަކުގެ ތެރޭގައި އޮތް ފޮށިތަކާއި އިސްޓާކީނުތަކުގައި ފޮރުވާފައި ހުރި 55 ބޮނޑާއި 37 ވިހަ ގަދަ ހަރުފަތައް ފެނިފައިވަނީ ކޮލްން ސިޓީގެ އެއާޕޯޓަށް އޭނާ އައުމުންކަމަށް ރަސްމީ އިދާރާތަކުން އިއްޔެ ބުންޏެވެ.

މީގެ ތިން ހަފުތާ ކުރިން ކޮލްނަށް އައި އުމުރުން 45 އަހަރުގެ މީހާގެ ހަރަކާތްތައް "ހާސްވެގެން" އުޅޭ ކަހަލަ ގޮތަކަށް ހުރުމުން އެއާޕޯޓުން ޑްރަގް ޓެސްޓެއް ހެދީކަމަށް ޖަރުމަނުގެ ހުޅަނގުގެ ސަހަރެއްކަމަށްވާ ކޮލްންގެ ކަސްޓަމްސް އޮފީހުން ބުންޏެވެ.

ޓެސްޓުގެ ނަތީޖާއިން ދެއްކި ގޮތުގައި އެ މީހާ ހުރީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން ބޭނުންކޮށްގެންނެވެ.

ރަސްމީ އިދާރާތަކުން އެ މީހާގެ ފުރިހަމަ ވަނަވަރު ހާމަނުކުރިޔަސް ބުނީ އޭނާއަކީ އަލިފާން ނިއްވާ ވަޒީފާގައި އުޅޭ މީހެއްކަމަށެވެ.

އޮފިޝަލުން އޭނާގެ ސޫޓްކޭސް ބަލައި ފާސްކުރިއިރު ޑްރަގްގެ ބަދަލުގައި ފެނުނީ ޕްލާސްޓިކް ފޮށިތަކާއި ޝޭމްޕޫ އާއި ކްރީމް ފުޅިތަކުގެ ތެރެއާއި އަދި އިސްޓާކީނުތަކުގައި ފޮރުވައިފައި ހުރި އެ ހަރުފަތަކާއި ބޮނޑުތަކެވެ.

ކަސްޓަމްސް އޮފީހުގެ ތަރުޖަމާނު ޔެންޓްސް އާލަންޓް ބުނީ އެއާޕޯޓުގައި އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނަކީ ފޮށިފޮށީގައި ތަފާތު ބާވަތްތަކުގެ ދަތުރުގެ ހަނދާނީ ތަކެތި ގެންނާތީ އެ ކަމަށް އާދަވެފައި ތިބި ބައެއް ނަމަވެސް މެކްސިކޯއިން އައި މީހެއްގެ އަތުން ބޮނޑާއި ވިހަ ގަދަ ހަރުފަ މީގެ ކުރިން ފެނިފައިނުވާކަމަށެވެ.

"ލިބޭނެ ފައިދާއަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ބައެއް މީހުން ޖަނަވާރުތަކާމެދު ކަންތައްކުރާ ގޮތް ފެނުމުން ވަރަށް އަސަރުކުރޭ،" އޭނާ ބުންޏެވެ.

އަތުލައިގަނެވުނު ހަރުފައިގެ ބާވަތްތަކުގެ ތެރޭގައި ވައިޕާ އާއި ރެޓްލްސްނޭކް ހިމެނޭއިރު ބޮނޑުގެ ބާވަތްތަކުގެ ތެރޭގައި އިގުއާނާ ހިމެނެއެވެ.

ކަސްޓަމްސް އޮފީހުން އޭއެފްޕީއަށް ބުނީ ގިނަ ހަރުފަތަކާއި ބޮނޑުތައް ދިރިތިބި ނަމަވެސް، ދަތުރުމަތީގައްޔާއި ދަތުރަށްފަހު ގާތްގަނޑަކަށް 30 އެތިވަނީ މަރުވެފައިކަމަށެވެ.

ސަލާމަތްވި އެއްޗެހި މިހާރު ދަނީ ޖަރުމަނުގެ މެދު ތެރޭގައިވައި ހަރުފަ ގެންގުޅޭ ދަނޑެއްގައި ބަލަހައްޓައި އެ ސޮރުމެންނަށް ފަރުވާދެމުންނެވެ.

ކަސްޓަމްސް އޮފިޝަލުން ބުނީ ތުރްކިޔެގެ އިސްތަންބޫލް މަގުން މެކްސިކޯ ސިޓީން ދަތުރުކުރި މީހާ ބުނެފައިވަނީ އެ ހައިވާނުންތައް ޖަރުމަނަށް ގެނައީ ބްރެޒިލްގެ ރައްޓެއްސަކަށް ކޮށްދިން ކަމެއްގެ ގޮތުގައިކަމަށެވެ.

ޖަރުމަނުގެ ރަސްމީ އިދާރާތަކުން އޭނާ ޖަރުމަނަށް އެތެރެވުމުގެ ހުއްދަ ނުދީ، ޖެހިގެން އައި ދުވަހު އޭނާވަނީ އަނބުރާ އިސްތަންބޫލަށް ފޮނުވައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *