Support Us

ގެދޮރު ދޫކޮށް ދާން ޖެހުނު ފަލަސްތީނު ރައްޔިތުން ގައްޒާގެ ދެކުނު ސަރަހައްދުގެ އަލް-މަވާސީގެ އައްސޭރިފަށުގައި ތިބޭ ޓުންޓު ކޭމްޕެއް

ގައްޒާ ސީޒްފަޔާއަށް އެއް އަހަރު- ޓްރަމްޕްގެ "ސުލްހައިގެ ބޯޑަ"ށް ކުރިމަތިވެފައިވާ ނާކާމިޔާބީ

އެމެރިކާއިން މެދުވެރިވެގެން ގައްޒާ ހިންގާ ހަމާސް އާއި އިސްރާއީލާ ދެމެދު މި ދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި ގާއިމުކުރި، ގައްޒާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ނުވަތަ ސީޒްފަޔާއަށް މި ދިޔަ ހޮނިހިރު ދުވަހުވަނީ އެއް އަހަރު ފުރިފައެވެ. އަދި ގައްޒާއަށް ސުލްހަ ގެނެސް، އެ ތަން އަލުން އާރާސްތުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީި "ބޯޑު އޮފް ޕީސް" ނުވަތަ "ސުލްހައިގެ ބޯޑު"ގެ ނަމުގައި މި ދިޔަ ޖެނުއަރީގައި އިދާރާއެއް އުފައްދަވައިފައެވެ، ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދަނީ އިސްރާއީލުގެ ހަމަލާތަކާއި ގެދޮރު ދޫކޮށް ދާން ޖެހުމާއި ބަނޑުހައިހޫނުކަމާއި އަދި ގެދޮރު ސުންނާފަތިކުރުމުގެ ނުރައްކަލާ އަދިވެސް ކުރިމަތިލަމުންނެވެ. މީގެ ސަބަބުން އެ ބޯޑުގެ ބާރާމެދުވަނީ ސުވާލު އުފެދިފައެވެ.

މި ދިޔަ އަހަރު ސެޕްޓެމްބަރުގައި ހުށަހަޅައި، މި ދިޔަ ޖެނުއަރީގައި ޓްރަމްޕް ސޮއިކުރައްވައިގެން ރަސްމީ ގޮތުން އުފެއްދި މި ބޯޑާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ގައްޒާގެ ހިންގުން ފަލަސްތީނުގެ އިދާރާއަކަށް ބަދަލުކުރުމުގެ ކަންކަން ބެލެހެއްޓުމާއި އިސްރާއީލުގެ އަސްކަރިއްޔާ ފަހަތަށް ޖެހުން ކަށަވަރުކުރުމާއި ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި އަދި ގައްޒާ އަލުން އާރާސްތުކުރުމަށް މަގުފަހިކުރުން ހިމެނެއެވެ.

ބައެއް ކާމިޔާބީތައްވަނީ ހާސިލުވެފައެވެ. ގައްޒާ ހިންގާ ހަމާސްއިންވަނީ އިސްރާއީލުގެ ދިރިތިބި 168 ރަހީނުން މިނިވަންކޮށްފައެވެ. އަދި އިސްރާއީލުންވަނީ ފަލަސްތީނުގެ ގައިދީން މިނިވަންކޮށްފައެވެ. މީގެ އިތުރުން ހަމާސްއިންވަނީ ގައްޒާގައި އޮތް އެ ޖަމާއަތުގެ ސަރުކާރު އުވައިލިކަން އިއުލާނުކޮށްފައެވެ. މި ދިޔަ ފެބްރުއަރީގައި ބޯޑުގެ މެންބަރުންވަނީ ގައްޒާ އަލުން އާރާސްތުކުރުމަށް ހަތް ބިލިއަން ޑޮލަރު (108.15 ބިލިއަން ރުފިޔާ) ދިނުމަށް ވައުދުވެފައެވެ. އަދި މި ދިޔަ ސެޕްޓެމްބަރުގައިވަނީ 66 މަޝްރޫއަށް 2.4 ބިލިއަން ޑޮލަރު (37.08 ބިލިއަން ރުފިޔާ)ގެ ޕްލޭނެއް އިއުލާނުކޮށްފައެވެ.

ނަމަވެސް ގައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް އޮތީ ހުއްޓިފައި ކަހަލަ ގޮތަކަށެވެ.

ގައްޒާ ހިންގުމަށް ފަލަސްތީނުގެ ފަންނީ ޓެކްނޯކްރެޓުން ހިމެނޭ ކޮމިޓީއެއް އެކުލަވައިލިޔަސް އެ ކޮމިޓީ ގައްޒާއަށް ވަނުމުގެ ހުއްދައެއް އިސްރާއީލުން ނުދެއެވެ. އެ ކަމުގެ ސަބަބު އިސްރާއީލުން ހާމައެއްނުކުރެއެވެ. ހަމަޖެހުން ދަމަހައްޓާ ބައިނަލްއަގްވާމީ ބާރެއް އަދިވެސް ގާއިމުކޮށްފައިނުވާއިރު އެހީގެ ތަކެތި އެތެރެކުރަން ރައިވައިފައިވައި 600 ލޮރީގެ ބަދަލުގައި ގައްޒާއަށް ދުވާލަކު ވައްދަނީ އެންމެ 227 ލޮރީއެވެ.

އިންސާނީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް އިތުރަށް ގޯސްވަމުންނެވެ.

އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަންގެ މިންގަނޑުން އަންނަ ޑިސެމްބަރު މަހާ ހަމައަށް މަދުވެގެން ގާތްގަނޑަކަށް 1.4 މިލިއަން ފަލަސްތީނު ރައްޔިތުން ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހޭނެކަމަށް ލަފާކުރެވެއެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި ގައްޒާ ސީޒްފަޔާ ތަންފީޒުކުރަން ފެށިޔަސް އިސްރާއީލުން އަދިވެސް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 1,400 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. މި ކަމުގެ ސަބަބުން ގައްޒާގައި ޝަހީދުވި ޖުމްލަ މީހުންގެ އަދަދު 70،000 އަށްވުރެ މައްޗަށް ގޮސްފިއެވެ. އިސްރާއީލުން މިހާރު ދަނީ ގައްޒާގެ 60 ޕަސެންޓް ސަރަހައްދު ކޮންޓްރޯލްކުރަމުންނެވެ. މިއީ ޓްރަމްޕްގެ ސުލްހައިގެ ޕްލޭނުގައި އިސްރާއީލުން ފަހަތަށް ޖެހުމަށް އެއްބަސްވެފައިވާ މިންވަރެއް ނޫނެވެ.

ދޫހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ މުހައްމަދު އަލް-މަސްރީވަނީ ގައްޒާ އާއި އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި "ނަސްލު ނައްތައިލުމުގެ" ފުޅާ ސިޔާސަތެއް އިސްރާއީލުން ތަންފީޒުކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ.

"އެ މީހުން ދަނީ ދިރިއުޅުން ނިކަމެތިކޮށްލައި ހާލުގައި ޖައްސަމުން،" އޭނާ ބުންޏެވެ.

"މިއީ ހަމަ ރައިވައިގެންކުރާ ކަންކަން،" އޭނާ އަދި އިތުރުކޮށްލިއެވެ.

ހަމާސް އަތުން ހަތިޔާރު އަތުލުމުގެ ކަންކަން އޮތީ ބޮޑު ހުރަހަކަށްވެފައެވެ. އެ ޖަމާއަތުން ބުނަނީ އިސްރާއީލުން އެއްބަސްވެފައިވާ ގޮތަށް ފުރަތަމަ ހަމަލާތައް ހުއްޓައިލައި އަދި ފަހަތަށް ޖެހެންޖެހޭނެކަމަށެވެ.

ލަންކާސްޓާ ޔުނިވާސިޓީގެ ޕްރޮފެސަރު ސައިމަން މޭބަން ބުނީ ބޯޑުވަނީ "ފޭލިވެފައި"ކަމަށެވެ. އޭނާ ބުނީ ބޯޑުގެ އަމިއްލަ ޕްލޭން ތަންފީޒުކުރުމުގެ ގާބިލުކަން ބޯޑުގައި ނެތުމުގެ ސަބަބުން ހަނގުރާމަ ކުރިއަށްދިއުމަށް މަގުފަހިވީކަމަށެވެ.

ގައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ކަށަވަރުކޮށްދޭނެކަމަށް ޓްރަމްޕްގެ ސުލްހައިގެ ބޯޑުން ވައުދުވި އަމާންކަމާއި ގައްޒާ އަލުން އާރާސްތުކުރުމުގެ ވައުދު އަދިވެސް އޮތީ ކުރިއަށްދާ ގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *