ގައްޒާއަށް ތާއީދުކުރުމުގެ ގޮތުން އޮކްޓޫބަރު 2023 ގެ އަށެއްގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފަށަން އީރާނަށް ތާއީދުކުރާ ލުބުނާނުގެ ހިޒްބުﷲއިން ނިންމި ނިންމުމާއެކު ލުބުނާނުގެ ސިޔާސީ މަސްރަހަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި މީގެ ސަބަބުން ބާރުގަދަ ހަތިޔާރުއެޅި އެ ޖަމާއަތް ބަލިކަށިވެ، އެ ގައުމުގެ އިންސާނީ ކާރިސާވަނީ އިތުރަށް ގޯސްވެފައެވެ.
ހަނގުރާމައިގެ ކުރިން، އީރާނުގެ މަދަދު ލިބޭ ޝީއީ މުސްލިމުންގެ މި ހަރަކާތަކީ ލުބުނާނުގެ އެންމެ ނުފޫޒުގަދަ ސިޔާސީ އަދި އަސްކަރީ ބާރެވެ. އަދި ސަރުކާރުތަކުގެ މައްޗަށް ބޮޑު ނުފޫޒެއް ފޯރުވައި، ސަރަހައްދީ އިއްތިހާދުތައް ދަމަހައްޓަމުން އައި ޖަމާއަތެކެވެ. ނަމަވެސް އިސްރާއީލުން ދިން ހަމަލާތަކުގައި އެ ޖަމާއަތުގައި ގިނަ ދުވަސްތަކެއްވަންދެން ލީޑަރުކަންކުރި ހަސަން ނަސްރުﷲ އާއި އޭނާގެ ފަހަތުން ލީޑަރުކަމާ ހަވާލުވި ހާޝިމް ސަފިއުއްދީންގެ އިތުރުން އެ ޖަމާއަތުގެ އަސްކަރީ އިސް ލީޑަރުންގެ ތެރެއިން ގިނަ ބަޔަކުވަނީ މަރުވެފައެވެ.
"ހިޒްބުﷲވަނީ ނުރައްކާތެރި ނަގޫރޯޅިއެއްގެ ތެރެއަށް ވެއްޓިފައި. މީގެ ނަތީޖާއަކަށްވީ އެ ޖަމާއަތުގެ ލީޑަޝިޕް ނައްތައިލުމާއި ލުބުނާނުގެ ދެކުނަށް (އިސްރާއީލުން) އަރައިގަތުން،" އެމެރިކާގެ ތިންކް ޓޭންކް އެޓްލާންޓިކް ކައުންސިލްގެ ނޮން-ރެސިޑެންޓް ސީނިއާ ފެލޯ އަދި ހިޒްބުﷲއާ ބެހޭ ގޮތުން ފޮތެއް ލިޔެފައިވާ މުސައްނިފު ނިކޮލަސް ބްލެންޑްފޯޑް ބުންޏެވެ.
ސިޔާސީ މުހައްލިލު ޖާދު ދިލާތީ ބުނީ ހިޒްބުﷲއިން ގައްޒާއަށް ތާއީދުކޮށް އިސްރާއީލާ ދެކޮޅަށް ހަމަލާތައް ދޭން ފެށީ ލުބުނާނު ސަރުކާރުގެ ހުއްދައެއް ނެތި އަދި ލުބުނާނުގެ ދެކުނުގައި އުޅޭ ރައްޔިތުންނަށް ވެދާނެ ގޮތަކާމެދު ރަނގަޅަށް ވިސްނައިލުމެއް ނެތި އަމިއްލައަށްކަމަށެވެ.
އޭގެ ފަހުން އިސްރާއީލުން ދިން ހަމަލާތަކާއި ހިންގި އަސްކަރީ އުދުވާންތަކުގެ ސަބަބުން ގިނަ އާބާދުތައްވަނީ ސުންނާފަތިވެފައެވެ. އަދި 2024 އިން ފެށިގެން ލުބުނާނުން 9,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 1.2 މިލިއަނަށްވުރެ ގިނަ މީހުންވަނީ ގެދޮރުދޫކޮށް ދާންޖެހިފައެވެ. އިސްރާއީލުގެ ސިފައިންވަނީ ލުބުނާނުގެ ބިމުގެ އެތެރެއިން 10 ކިލޯމީޓަރަށްވުރެ ފުޅާ ހިސާބަކަށް ވަދެފައެވެ. އަދި ހަނގުރައިމައިގެ ސަބަބުން ލުބްނާނުގެ އިގްތިސާދީ ހާލަތުވަނީ އިތުރަށް ގޯސްވެފައެވެ.
ނަމަވެސް ހަނގުރައިމައިގެ ސަބަބުން ދައުލަތުގެ ބާރު ފުޅާކުރުމަށާއި ހިޒްބުﷲގެ އަތުން ހަތިޔާރު އަތުލުމަށް ލުބުނާނުގެ ސަރުކާރުންކުރަމުންދާ މަސައްކަތްތަކަށްވަނީ އިތުރު ބާރެއް ލިބިފައެވެ. އެހެނަސް ހިޒްބުﷲއިން ދަނީ އެ ފިޔަވަޅުތަކާ ދެކޮޅުހަދަމުންނެވެ.
"ހިޒްބުﷲއަށް ކުރިމަތިވެފައިވަނީ އެ ޖަމާއަތުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވުމުގެ މައްސަލަ. އެއީ އަދި ކުރިން ނުވާ މިންވަރަކަށް،" ދިލާތީ ބުންޏެވެ.
އެ ޖަމާއަތަށް ގިނަ ދުވަސްތަކެއްވަންދެން ތާއީދުކުރި ބައެއް މީހުން މިހާރު ގަބޫލުކުރަނީ އީރާނުގެ މަންފާއަށްޓަކައިކުރި ހަނގުރާމައެއްގެ ބުރަ އުފުލަންޖެހުނީ އެންމެ ފަހުން އެ މީހުންނަށްކަމަށެވެ.
އެހެނަސް ލުބުނާނުގެ ޝީއީ އާބާދީގެ މެދުގައި ހިޒްބުﷲއަށް އޮތް ތާއީދު އަދިވެސް އެބަ އޮތެވެ. އޭގެ އެއް ސަބަބަކީ އެ މީހުންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެނީ ހިޒްބުﷲއިންކަމަށް ގަބޫލުކުރާތީއެވެ. އަނެއް ސަބަބަކީ ގެދޮރު ދޫކޮށް ދާންޖެހުނު ގިނަ އާއިލާތަކަށް ހިމާޔަތް ދެނީވެސް ހިޒްބުﷲކަމަށް ޝީއީން ދެކޭތީއެވެ.
ބްލެންޑްފޯޑް ބުނީ އިސްރާއީލުން ލުބްނާނުގެ ދެކުނު ސަރަހައްދު ހިފައިގެން ތިބުން ދިގުލައިގެންދާނަމަ އަދި ގެދޮރާއި ބަސްތީތަކާއި ދަނޑުބިންތައް ސުންނާފަތިކުރަމުންދާނަމަ ހިޒްބުﷲގެ މަގާމު އިތުރަށް ބަލިކަށިވެގެން ހިނގައިދާނެކަމަށެވެ.
ހިޒްބުﷲއަށް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާންޖެހުނަސް އެ ޖަމާއަތް ބަލިވެފައިނުވާކަމަށް މުހައްލިލުން ބުނެއެވެ. އެ ޖަމާއަތުގެ ކުރިމަގު ބިނާވެގެންދާނީ ސަރަހައްދީ ބަދަލުތަކަށާއި ލުބުނާނު އަލުން އާރާސްތުކުރުމުގެ މައްޗަށާއި އަދި ގައުމުގެ އެތެރޭގައި އިތުރު ހަމަނުޖެހުމެއް ނުއުފެދި، ދައުލަތުގެ ބާރު ފުޅާކުރެވޭނެ މިންވަރެއްގެ މައްޗަށްކަމަށެވެ.



advertisment