ތިން އަހަރުވީ ގައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ އަހަރު އޮކްޓޫބަރު 10 ގައި ހަމާސް އާއި އިސްރާއީލުން ވި އެއްބަސްވުން އޮތީ ހަމައެކަނި ނަމެއްގައިކަމަށް ހިލޭސާބަހަށް މަސައްކަތްކުރާ 100 އަށްވުރެ ގިނަ ޖަމިއްޔާއިން ބުނެފިއެވެ.
ހަމަލާތައް ހުއްޓައިލުމަށް އެމެރިކާގެ މަދަދާއެކު ގާއިމުކުރި ސީޒްފަޔާއަށް އަހަރެއް ފުރިގެން ދިޔައިރު އެ އެއްބަސްވުން އޮތީ ހަމައެކަނި ނަމެއްގައިކަމަށް އިންސާނީ އެހީ ދޭ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ، އަދި މަދަނީ ޖަމިއްޔާތަކުން އިއްޔެ ބުންޏެވެ.
"ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން އޮތީ ހަމައެކަނި ނަމެއްގައި. އިސްރާއީލުގެ ފައުޖުތަކުން ކޮންމެ ދުވަހަކު ފަލަސްތީނު މީހުން މަރައިލައި، ޒަހަމްކުރަމުންދާއިރު، އެހީ އާއި ވަސީލަތްތަކާއި އަލުން އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ގައްޒާއަށް އެތެރެކުރުމަށް އަޅައިފައިވައި ހުރަސްތަކުގެ ސަބަބުން އާއިލާތަކަށް އަލުން ދިރިއުޅުން އާރާސްތުކުރުމަށްވަނީ ހުރަސްއެޅިފައި،" އެ އެން.ޖީ.އޯތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުންޏެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް، ނޯވީޖިއަން ރެފިއުޖީ ކައުންސިލް، ސޭވް ދަ ޗިލްރަން، އޮކްސްފާމް، ގްރީންޕީސް ފަދަ ބައިނަލްއަގްވާމީ އެހެން އެތައް ދޮޅަހެއްގެ ޖަމާއަތަކުން ބުނީ އަދާވާތްތެރިކަން ނިމުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ގާޒާ ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ ބޯޑް ފްރޭމްވޯކްގެ ދަށުން އެއްބަސްވުމެއް އިއުލާނުކުރެއްވި ފަހުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިސްރާއީލުން ގައްޒާއަށް ދިން ހަމަލާތަކުގައި 1,400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށެވެ. މީގެ ތެރޭގައި މަދުވެގެން 327 ކުޑަކުދިން ހިމެނެއެވެ.
"ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ސޮއިކުރިތާ ފުރިހަމަ އަހަރެއް ވީއިރުވެސް ގައްޒާގެ ރައްޔިތުންގެ ހާލަތަށް އައިސްފައިވާ އެއްވެސް ކުރިއެރުމެއް ނެތުމަކީ އިންތިހާއަށް ލަދުވެތިކަމެއް،" ނޯވީޖިއަން ރެފިއުޖީ ކައުންސިލްގެ އަމީން އާއްމު ޔާން އެގެލަންޑް އެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
"ކުޑަކުދިން އަދިވެސް މަރަމުންދާނަމަ އަދި އާއިލާތަކަށް އެ މީހުންގެ ދިރިއުޅުން އަލުން އާރާސްތުނުކުރެވޭނަމަ ހަމަލާތައް ހުއްޓައިލުމުގެ އެއްވެސް މާނައެއް ނެތް،" ސޭވް ދަ ޗިލްރަންގެ ޗީފް އެކްޒެކެޓިވް އިންގާ އަޝިން ބުންޏެވެ.
ހަމަލާތައް ހުއްޓައިލިކަން މި ދިޔަ އަހަރު އޮކްޓޫބަރު 10 ގައި އިއުލާނުކުރި ފަހުން "ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުޑަކުއްޖަކު މަރުވަމުންދާ"ކަން އޭނާ ފާހަގަކުރިއެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނީ އޮކްޓޫބަރު 2023 ގައި އިސްރާއީލުން ފެށި ނަސްލު ނައްތައިލުމުގެ އުދުވާނަށް ތިން އަހަރު ވެފައިވާއިރު 74,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ 175,000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ގައްޒާގެ ކޮންމެ 13 މީހަކުން އެކަކުވަނީ ޒަހަމްވެފައެވެ.
އދ.ގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)ގެ ދަށް އަންދާޒާތަކުންވެސް ދައްކައި ގޮތުގައި ޒަހަމްވި މީހުންގެ ގާތްގަނޑަކަށް 24 ޕަސެންޓް މީހުންނަށްވަނީ ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ފަދަ ބޮޑެތި އަނިޔާތައް ލިބިފައެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ގައްޒާގެ ސިއްހީ ވުޒާރާއިން އިއްޔެ ބުނީ ގައްޒާގައި މިހާރު ސަލާމަތުން ހުރި މަދު ސިއްހީ ވަސީލަތްތަކަށް ނުކުޅެދޭވަރަށް ބާރުބޮޑުވެ، ތަކެތި ހުސްވަމުންދާކަމަށެވެ. އަދި ބޭހާއި ވަސީލަތްތަކާއި ތެޔޮ ނުލިބުމުގެ ދަތިކަން ބޮޑުވެފައިވާއިރު ގައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން އެއްވެސް ހޮސްޕިޓަލަކަށް ފުރިހަމަ ގާބިލުކަމުގައި ހިދުމަތެއް ނުދެވޭކަމަށެވެ.
މަދުވެގެން 4,000 ކުޑަކުދިން ހިމެނޭހެން 18,500 އަށްވުރެ ގިނަ ބަލިމީހުން ސިއްހީ ފަރުވާއަށް ގައްޒާއިން ބޭރަށް ގެންދަންޖެހިފައިވާއިރު އެ ކަމަށް އިންތިޒާރުކުރުމުގެ ތެރޭގައި 1,000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައިކަމަށެވެ.
ގައްޒާގެ އިމާރާތްތަކުގެ ތެރެއިން 80 ޕަސެންޓް އިމާރާތްތައް ހަލާކުވެފައިވާއިރު ގައްޒާގެ ގާތްގަނޑަކަށް ދެ މިލިއަން މީހުންވަނީ ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިކަމަށެވެ.
ނޯވީޖިއަން ރެފިއުޖީ ކައުންސިލްގެ އެގެލަންޑް އިންޒާރު ދިން ގޮތުގައި ވަސީލަތްތަކާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ގައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތަށް ދަނީ ހުރަސްއެޅެމުންނެވެ.
"އިސްރާއީލުން އަޅައިފައިވާ ހުރަސްތަކުގެ ސަބަބުން، ބޭނުންވާ ވަސީލަތްތަކާއި ތަކެތި އެތެރެކުރުމަށް އަދިވެސް ދަނީ ހުރަސްއެޅެމުން. މިއީ އާންމުންގެ ދިރިއުޅުން އަލުން އާރާސްތުކުރަން ފެށުމަށް އޮތް ހަމައެކަނި މަގު،" އޭނާ ބުންޏެވެ.
އެން.ޖީ.އޯތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި އަހަރުގެ ނިޔަލަށް ގައްޒާގެ 1.4 މިލިއަން މީހުން "ނުރައްކާތެރި މިންވަރަކަށް ނުވަތަ އެއަށްވުރެ ބޮޑަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހޭނެ"ކަމަށެވެ.
ގައްޒާގެ މެދުތެރޭގައިވާ އަލްމުސައްދަރު، މަގާޒީ އަދި ބުރައިޖް ރެފިއުޖީ ކޭމްޕު ސަރަހައްދުގައި ތިބި އާންމުންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން އިއްޔެ އުންޑައިން ދިން ހަމަލާތަކުގައި މަދުވެގެން އެކަކުވަނީ ޝަހީދުވެފައެވެ. އަދި އެ ސަރަހައްދަށް އިސްރާއީލުންވަނީ ބަރު ހަތިޔާރުން ހަމަލާދީފައެވެ.
ދެކުނުގެ ހާން ޔޫނިސްގައި އިސްރާއީލުގެ ޓޭންކުތަކުން ސުހައިލާ ރައުންޑްއަބައުޓަށް އަމާޒުކޮށް ވަރުގަދައަށް ހަމަލާދީފައިވާއިރު އެ ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވިކަމަށްވަނީ ރިޕޯޓުކޮށްފައެވެ.
ބުރާސްފަތި ދުވަހު ގައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާއި ޝެލުން ދިން ހަމަލާތަކުގައި މަދުވެގެން އަށް މީހުން ޝަހީދުވެ، އެތައް ދޮޅަހެއްގެ ބަޔަކުވަނީ ޒަހަމްވެފައެވެ.
އެން.ޖީ.އޯތަކުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަމަލާތައް ހުއްޓައިލުމުގެ މި ދިޔަ އަހަރުގެ ފްރޭމްވޯކްގެ ދަށުން އިސްރާއީލުގެ ކޮންޓްރޯލް ދަށުގައިވާ ސަރަހައްދުތަކާއި ގައްޒާ ރަށްވެހިން ކޮންޓްރޯލްކުރާ ސަރަހައްދުތައް ވަކިކުރުމަށް ހެދި ބަފަރު ނުވަތަ "ޔެލޯ ލައިން" (ލަފުޒީ މާނައިން "ރީނދޫ ރޮނގު") އިސްރާއީލު ސިފައިން އަމިއްލައަށް ބަދަލުކުރުމުގެ ސަބަބުން ގައްޒާގެ އާބާދީވަނީ އިތުރަށް ތޮއްޖެހިފައިވާ ސަރަހައްދަކަށް "ފިތިފަ"އެވެ.
ހަމަލާތައް ހުއްޓައިލުމުގެ ސީޒްފަޔާއަށް އަމަލުކުރަން ފެށީ މި ދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައެވެ. އޭގެ ފަހުން އިސްރާއީލުންވަނީ މަދުވެގެން 1,471 މީހުން ޝަހީދުކޮށްލައި، 5,189 މީހުން ޒަހަމްކޮށްލައިފައެވެ.
އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ތިން އަހަރު ވެފައިވާއިރު މަދުވެގެން 21,000 ކުޑަކުދިން ހިމެނޭހެން އެންމެ މަދުވެގެން 74,254 މީހުންވަނީ ޝަހީދުވެފައެވެ. މިއީ ހަނގުރާމައިގެ ކުރިން އޮތް އާބާދީގެ ކޮންމެ 30 މީހަކުން އެކަކު ނުވަތަ އާބާދީގެ ތިން ޕަސެންޓް މީހުންނެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ގުނަނީ ހޮސްޕިޓަލްތަކުގައި ރެކޯޑުކުރާ ނުވަތަ ރަސްމީކޮށް ރަޖިސްޓްރީކުރާ މަރުތައް އެކަންޏެވެ. އަސްލު މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ ގިނަވާނެކަމަށް ބެލެވެއެވެ. ސަބަބަކީ ހަލާކުވެފައިވައި އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ އެތައް ހާސް ބަޔަކު އެ ވުޒާރާގެ ތަފާސްހިސާބުތަކުގައި ނުހިމެނޭތީއެވެ.
"ޖަވާބުދާރީކުރުވުން ގާފުނިތަކުގެ ދަށުގައި ވަޅެއް ނުލެވޭނެ. އިސްރާއީލު ޖަވާބުދާރީކުރުވުމަށާއި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ އަމުރުތަކަށް އިސްރާއީލު އަމަލުކުރުމަށް ބާރުއެޅުމުގައި ތަކުރާރުކޮށް ނުކުޅެދެމުންދިއުމަކީ ފަލަސްތީނު މީހުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަން އިސްރާއީލަށް ލިބޭ ހިތްވަރެއް،" އެމްނެސްޓީ އިންޓަނޭޝަނަލްގެ އަމީން އާއްމު އަގްނެސް ކަލަމާޑް އެން.ޖީ.އޯތަކުގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.



advertisment