Support Us

އެލެކްސެންޑްރާ އެޑަމްސް

ފެނުމާއި އިވުމުން މަހްރޫމްވެފައިވާ އިނގިރޭސި ފުރަތަމަ ޑޮކްޓަރުގެ ވާހަކަ

މެޑިކަލް ސްކޫލް ނިންމައި ޑޮކްޓަރުކަމުގެ ސަނަދު ހާސިލުކުރުމަކީ ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތާއި އުނދަގޫ އިމްތިހާނުތަކާއި ވަރުގަދަ އަޒުމެއް ބޭނުންވާ ކަމެކެވެ.

އިނގިރޭސިވިލާތުގެ ކެންޓަށް އުފަން އުމުރުން 32 އަހަރުގެ އެލެކްސެންޑްރާ އެޑަމްސްއަކީ އުފަންވީއިރުވެސް ފެނުމާއި އިވުމުން މަހްރޫމްވެފައިވާ އަންހެނެކެވެ. މި ފަދަ ރައްޔިތަކަށްވިޔަސް ހުރިހާ ގޮންޖެހުންތަކެއް ގިރާކޮށްފައި އެލެކްސެންޑްރާވަނީ މި ދިޔަ ޖުލައިގައި ޑޮކްޓަރުކަމުގެ ރޮނގުން ދަސްވެނިވެ، ތާރީހުގެ ތެރެއަށް ވަދެފައެވެ.

އެންމެ ލޮލެއްގެ ފެނުން ފަސް ޕަސެންޓްގައި ހުރިއިރު، "ޑެފް-ބްލައިންޑް" އަންހެނެއްގެ ގޮތުގައި އޭނާވަނީ ރަޖިސްޓާކޮށްފައެވެ. ޑެފް-ބްލައިންޑަކީ ފެނުމާއި އިވުން، މި ދެ ހިއްސުން އެއްފަހަރާ މަހްރޫމުވުމުން ހަމައެކަނި ފެނުމުން މަހްރޫމްވެފައިވާ މީހުންނާއި ހަމައެކަނި އިވުމުން މަހްރޫމްވެފައިވާ މީހުންނާ ތަފާތު ބައެކެވެ. ސަބަބަކީ އެއް ހިއްސު ގެއްލުމުން ދެން ހުރި ހިއްސުތައް ވަރުގަދަވެ، އެ ހިއްސުތައް ބޭނުންކޮށްގެން އެ މީހުންނަށް ދިރިއުޅެވުނަސް، އެލެކްސެންޑްރާ ފަދަ ޑެފް-ބްލައިންޑް މީހުންގެ ދެ ހިއްސު ރަނގަޅަށް މަސައްކަތްނުކުރާތީ އެ މީހުންނަށް ދުނިޔޭގައި އުޅެވެނީ "ޓެކްޓައިލް" ނުވަތަ އެއްޗެހީގައި އަތްލައިގެން ޖިސްމާނީ ގޮތުން އިހްސާސްކޮށްގެން ކަންތައްތައް ދެނެގަނެގެންނެވެ.

ކުޑައިރުގެ ދިރިއުޅުމާއި ކުޅިވަރާއި އަދި ސިއްހީ ގޮންޖެހުންތައް

އެލެކްސެންޑްރާ ކުޑައިރު، އޭނާގެ މައިންބަފައިން އޭނާއަށް އެހެން ކުދިންނެކޭ އެއްފަދައިން ހިތްވަރު ދީ، އާންމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނެވެ. އޭނާގެ ފުރާވަރުގެ ދުވަސްވަރު އޭނާއަކީ 2012 ވަނަ އަހަރުގެ ޕެރަލިމްޕިކްސް މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދިޔަ ކުޅިވަރު ކުޅުންތެރިއެކެވެ. ނަމަވެސް އުމުރުން 14 އާއި 16 އަހަރާ ދޭތެރޭ ސިއްހީ ހާލަތު ގޯސްވެ، ކުރި އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުގައި އަހަރަކަށްވުރެ ދިގު މުއްދަތެއް ހޭދަކުރަންޖެހުނެވެ. މެޑިކަލް ސްކޫލުގައި ކިޔަވަމުންދިޔަ ދުވަސްވަރުވެސް އޭނާ ވަނީ 17 މަސް ދުވަސް ހޮސްޕިޓަލުގައި ހޭދަކޮށް، ހަތް ފަހަރު ސެޕްސިސް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލައިފައެވެ.

ޑޮކްޓަރަކަށްވުމުގެ އުއްމީދު އުފެދުން

އުމުރުން 16 އަހަރުގައި ހޮސްޕިޓަލުގެ އެނދުގައި އޮތްއިރު، ބިރުގަންފައިވާ އެލެކްސެންޑްރާއާ ދިމާއަށް އެއް ޑޮކްޓަރަކު އައިސް "ރަނގަޅުހޭ؟" އަހައިލިއެވެ. އެލެކްސެންޑްރާ ރޯން ފެށުމުން އެ ޑޮކްޓަރު ދޮރުފޮތިތައް ކަހައިލުމަށްފަހު އޭނާގެ ބަނޑުގައި އިން ބޮޑު ލަކުނު ދައްކައިލައި "އަހަރެންނަށް އެނގޭ ތިޔަ ކުރެވޭ އިހުސާސް"އޭ ބުންޏެވެ. މިއީ އެލެކްސެންޑްރާގެ ހިތުގައި ހަމްދަރުދީ އާއި އެހެން މީހުންގެ އިހްސާސްތައް ދެނެގަންނަން އެނގެން ފަށައި، އެހެން މީހުންނަށް އެހީތެރިވުމަށް ޑޮކްޓަރަކަށްވުމުގެ އަޒުމް ކަނޑައެޅި މުހިންމު ދަނޑިވަޅެވެ.

އީޖާދީ ވަސީލަތްތަކާއި މަސައްކަތުގެ އުކުޅުތައް

ޑޮކްޓަރެއްގެ ވަޒީފާ އަދާކުރުމުގައި އެލެކްސެންޑްރާ ބޭނުންކުރަނީ ޒަމާނީ ބްލޫޓޫތު ސްޓެތޮސްކޯޕެކެވެ. މިއީ ސީދާ އޭނާގެ އަޑުއިވޭ އާލާތްތަކާ ގުޅުވައިލެވޭ އެއްޗެކެވެ. މީގެ އިތުރުން ކެނިއުލާ ލެއްވުން ފަދަ ކަންކަމުގައި އޭނާ ބޭނުންކުރަނީ ލޮލަށް ފެނުމުގެ ބަދަލުގައި އަތް ލައިގެން އިހްސާސްކުރުމުގެ ބާރެވެ. އޭނާގެ އަތް ލައިގެން އިހުސާސްކުރުމުގެ ބާރު ގަދަވެފައިވުމުން އުނދަގޫ ކޭސްތަކުގައި ނާރު ހޯދުމަށް އެހެން ސިއްހީ އެހީތެރިންވެސް އޭނާގެ އެހީއަށް އެދެއެވެ.

"ފެނުމާއި އިވުމުން މަހްރޫމްވެފައިވާ މީހަކަށްވުމުން މާ ރަނގަޅު ޑޮކްޓަރަކަށްވުމުގެ ފުރުސަތު އަހަރެންނަށް ލިބިފައިވޭ،" އޭނާ ބުންޏެވެ.

އެލެކްސެންޑްރާ ބުނީ ފެނުމާއި އިވުމުން މަހްރޫމްވުމަކީ އޭނާ ވަކި ހައްދެއްގެ ތެރޭގައި ބަނދެވުންކަމަށް ނުދެކޭކަމަށެވެ. އެހެނީ އެހެން ޑޮކްޓަރުންނަށް ބައެއް ފަހަރު ފާހަގަނުކުރެވޭ ކަންތައްތައް އޭނާއަށް ފާހަގަކުރެވޭތީއެވެ.

ނުބައި ގަބޫލުކުރުންތައް ބަދަލުކުރުމާއި ހިތްވަރު ދިނުން

އެލެކްސެންޑްރާ ބުނާ ގޮތުގައި އޭނާގެ ދަތުރުގައި އެންމެ ބޮޑު ގޮންޖެހުމަކީ ނުކުޅެދުންތެރިކަމެއް ނޫނެވެ؛ ނަމަވެސް އެހެން މީހުންގެ ނުރަނގަޅު ވިސްނުންތަކާއި ތަފާތުކުރުންތަކެވެ.

"އަހަރެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަހަރެންގައި ހުރި ނުކުޅެދުންތެރި ސިފަތަކެއް ނޫން. އެ ގޮންޖެހުންތަކަކީ މީހުންގައި މައުލޫމާތު ނެތުމާއި ހަގީގަތާ ހިލާފު މައުލޫމާތުތައް ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މީހުން ގަބޫލުކުރާކުރުން. ތިބާ ބޭނުންވާ މީހަކަށް ތިބާއަށް ވެވޭނެ. އެއީ ތިބާގެ ގަދަފަދަ ބާރަކީ،" އޭނާ ބުންޏެވެ.

ނުކުޅެދުންތެރިކަމާ ބެހޭ ގޮތުން ހުރި ނުބައި ގަބޫލުކުރުންތައް ބަދަލުކުރުމަށް، އޭނާގެ އިންސްޓަގްރާމް ބޭނުންކޮށްގެން އޭނާ މަސައްކަތްކުރެއެވެ.

އޭނާ ބޭނުންވަނީ ޕެލިއޭޓިވް ކެއާ ނުވަތަ ޖެރިއޭޓްރިކްސް ދާއިރާއިން ހާއްސަވާށެވެ. އެއީ އިހްސާސްތަކަށް ބިނާވެފައިވާ، އަތްލައިގެން ފަރުވާ ދެވޭނެ ދާއިރާއަކަށްވާތީއެވެ.

އިނގިރޭސި ވިލާތުގައި ހައެއްކަ އަހަރުން ދަސްވެނިވާ މެޑިކަލް ޑިގްރީއެއް އޭނާ ނެގީ 11 އަހަރުގެ ބުރަ ދަތުރަކަށްފަހު ކާޑަފްގެ ޔުނިވާސިޓީ މެޑިކަލް ސްކޫލުންނެވެ. އޭނާގެ ނުކުޅެދުންތެރިކަމާ ހުރެ މެޑިކަލް އެއް ސްކޫލަކުން އޭނާ ވަކިކޮށްލިޔަސް އޭނާވަނީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ ނޯތްއީސްޓަން ޔުނިވާސިޓީން ލިޔުމުގެ ދާއިރާއިން ނުވަތަ ކްރިއޭޓިވް ރައިޓިންއިން މާސްޓާސް ޑިގްރީއެއްވެސް ހާސިލުކޮށްފައެވެ.

އެލިސް-ޑާންލޮސް ސިންޑްރޯމް ހުންނާތީ ހުޅުތަކާއި ހަމާއި ޓިޝޫގެ މައްސަލަތައް ކުރިމަތިވެފައިވާ އެލެކްސެންޑްރާގެ ހާލަތު ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ސީރިއަސްވިއެވެ. އައި.ސީ.ޔޫތަކުގައި 17 މަސް ހޭދަކުރިއެވެ. އަދި ސެޕްސިސްއާ ދެކޮޅަށްވެސް ހަތް ފަހަރު ހަނގުރާމަކުރިއެވެ. އެއީ ސިއްހީ ހާލަތު ހުރި ގޮތުން ދެ އަހަރާއި ބައިގެ އިންޓަވަލެއްވެސް ނެގި ދުވަސްވަރުއެވެ.

އެލެކްސެންޑްރާ މިއަދުވަނީ، އުންމީދު ކަނޑައިނުލައި މަސައްކަތްކޮށްފިނަމަ ކޮންމެ ކާމިޔާބީއެއްވެސް ހާސިލުކުރެވިދާނެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *