Support Us

ދިއްދޫ- ނިއު މެޗަށް ސްޕޯޓްސް މިނިސްޓަރާއި އެފް.އޭ.އެމްގެ ރައީސް ވެސް ދިއްދުއަށް

ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު ދިއްދޫ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓު ކުޅޭ ތާރީހީ މެޗަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެފް.އޭ.އެމްގެ ރައީސް އަހުމަދު ތޯރިގު ހއ. ދިއްދުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދިއްދޫ ފުޓުބޯޅަ ދަނޑުގައި މާދަމާ ހަވީރު 3.45ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގެ ޝަރަފުވެރި މެހެމާނަކީ ވެސް މިނިސްޓަރު ރާފިއުއެވެ.

އެފް.އޭ.އެމް ރައީސްގެ އަރިހުގައި އެފް.އޭ.އެމްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހިމް (ކައްޕި) ވެސް މާދަމާ ދިއްދުއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ވެސް މި ދަތުރުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލިސްގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދުގެ ހާއްސަ ދައުވަތަކަށް، ކުޅިވަރުގެ އިތުރު ތަރިން ވެސް މާދަމާ ދިއްދުއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ދިއްދޫ ސްޕޯޓްސްގެ ރައީސް މޫސާ ނަސީރު އިއްޔެ ވިދާޅުވީ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ، އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް މާލެއިން އުތުރުގައި ކުޅޭ މިއީ ފުރަތަމަ ފަހަރު ކަމަށްވާތީ، އެއީ ދިއްދޫގެ އިތުރުން މުޅި ބޮޑުތިލަދުންމައްޗަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެހެންވެ މި އުފަލުގައި ބައިވެރިވުމަށް، ދިވެހި ކުޅިވަރާއި ފުޓުބޯޅައިގައި އެންމެ ވިދާލި ޝަހުސިއްޔަތުން ހިމެނޭ ހާއްސަ ޓީމަކަށް، އެމް.ޕީ ލަތީފު ދައުވަތު ދެއްވައިފައިވާ ކަމަށެވެ. ދައުވަތު ދެއްވައިފައިވާ ފުޓުބޯޅަ ޝަހުސިއްޔަތުންގެ ތެރޭގައި 1979ގައި ނިއު ރޭޑިއަންޓް އުފެއްދި، އެ ކްލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ. އަދި އެންމެ މަޝްހޫރު ކުޅިވަރު ނޫސްވެރިންނަށް ވެސް ދައުވަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫއަށް ޒިޔާރަތްކުރާ ފުޓުބޯޅަ ޝަހުސިއްޔަތުންގެ ޚާއްސަ ޓީމު

"ދިއްދޫއަކީ ވަރަށް ފުޓުބޯޅައިގެ ރަށެއް. އެހެންވެ ފުޓުބޯޅަ ތަރިން މި ރަށަށް ޒިޔާރަތް ކުރުމަކީ އަބަދުވެސް އަޅުގަނޑުމެން މަރުހަބާ ކިޔާ ކަމެއް،" މޫސާ ނަސީރު ވިދާޅުވިއެވެ.

މޫސާ ނަސީރު ވިދާޅުވި ގޮތުގައި ފުޓުބޯޅަ ޝަހުސިއްޔަތުންގެ ޓީމު ދިއްދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

"ޝަހުސިއްޔަތުންގެ ޓީމަށް ދިއްދޫން ރަސްމީ މަރުހަބާ ދެންނެވުމާއި މެހެމާންދާރީ އަދާކުރުމުގެ އިންތިޒާމްތައް، އެމް.ޕީ ލަތީފުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ވަރަށް ރަނގަޅަށް ހިނގަމުން އަންނަނީ،" މޫސާ ނަސީރު ވިދާޅުވި އެވެ.

"ޝަހުސިއްޔަތުންގެ ޓީމަށް މެހެމާންދާރީ އަދާކުރުން ފެށޭނެ ވެލާނާ އެއާޕޯޓުން ފެށިގެން. އެއަށްފަހު ހަނިމާދޫ އެއާޕޯޓުން ދިއްދޫއަށް ވަޑައިގަތީމާ ބޮޑު ރަސްމީޔާތު އޮންނާނީ. ވަރަށް ސަޕްރައިޒްތައް އޮންނާނެ."

މި ތާރީހީ މެޗު ބައްލަވައިލެއްވުމަށް އެމް.ޕީ ލަތީފުގެ ދައުވަތަށް ގާތްގަނޑަކަށް ތިރީހަކަށް މެހެމާނުން ދިއްދުއަށް ޒިޔާރަތް ކުރައްވާނެކަން ކަމަށް ވެސް މޫސާ ނަސީރު ވިދާޅުވި އެވެ.

ދިއްދޫ- ނިއު ތާރީހީ މެޗަށް ފުޓުބޯޅަ ޝަހުސިއްޔަތުންގެ ޚާއްސަ ޓީމެއް ދިއްދުއަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *