ޗައިނާގެ ކުނި އުކައިލައި މަރުކަޒެއްގައި މަސައްކަތްކުރާ އުމުރުން 20 އަހަރުގެ އަންހެނަކަށް، އޭނާގެ ރީތި ސިފަތަކުގެ ސަބަބުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކާއި ޗައިނާގެ މަޝްހޫރު މޮޑެލެއްގެ ސަމާލުކަން ލިބި، ހީނުކުރާ ފަދަ ދެ ވަނަ ކެރިއަރެއް ވަނީ ލިބިފައެވެ.
އިންޓަނެޓުގައި "ޗާއޯރެން ލެންގް" ނުވަތަ "ސުޕަމޭން ލެންގް"ގެ ނަމުން މަޝްހޫރުވެފައިވާ ލެންގް މިންގްހުއީ އެހީތެރިވަނީ ޒެޖިއަންގް ޕްރޮވިންސްގެ ތައިޒޫގައި އޭނާގެ ލޯބިވެރިޔާގެ ބައްޕަ ހިންގާ ކުނި އެއްކުރުމުގެ ވިޔަފާރީގައެވެ. އުކައިލައިފައިވާ ކުނިތަކުގެ ކައިރީގައި އޭނާ މަސައްކަތްކުރާ ވީޑިއޯތައް މި ދިޔަ އަހަރު ވައިރަލްވިއެވެ. އަދި ބެލުންތެރިންގެ ސަމާލުކަން އޭނާގެ 1.81 މީޓަރު (5.94 ފޫޓު) އިސްކޮޅަށާއި، ހިކި ހަށިގަނޑަށާއި، އަދި ރީތިކޮށް ކަނޑައިނެގިފައިވާ މޫނުމަތީގެ ސިފަތަކަށް ހުއްޓުނެވެ.
"އޭނާގެ ފައި ދިގުކަމުން ފެޝަން ރަންވޭ މަތިން އޭނާ ފެންނަން ޖެހޭ،" ސޯޝަލް މީޑިއާ ބޭނުންކުރާ މީހަކު ބުންޏެވެ.
ބަރުދަނުގައި 50 ކިލޯ ހުރި ލެންގްގެ ކިބައިގައިވާ ގާބިލުކަން ފާހަގަކުރީ، އަމިއްލަ މަސައްކަތުން މަޝްހޫރުވި "ބަސްތީ ސުޕަމޮޑެލް" ލޫ ޝިއަންރެންއެވެ.
"ތިބާއަކީ އުފަންވިއިރުވެސް ސުޕަމޮޑެލެއް،" ލެންގް ގާތުގައި ލޫ ބުންޏެވެ.
ޗައިނާ، ފްރާންސްގެ ޕެރިސް އަދި އިޓަލީގެ މިލާންގެ ފެޝަން ހަފުތާތަކުގައި ބައިވެރިވެފައިވާ ލޫ، ލެންގަށް ކެޓްވޯކްގައި ކުރާނެ ކަންތައްތަކުގެ އިރުޝާދު ދީ، މޮޑެލްކުރުމުގެ ފުރުސަތުތައް ތައާރަފުކޮށްދޭން ފެށިއެވެ.

ލެންގް އެންމެ ފަހުން ރަންވޭއަށް ނިކުތީ މި ދިޔަ އަހަރުގެ ނޮވެމްބަރުގައި ޗައިނާގެ ޝެންޒެންގެ އެސްއެސް26 ފެޝަން ސޯސްގައެވެ. އެއީ މަގުބޫލު ކުޅި ކާނާއެއްކަމަށްވާ "ލަތިއާއޯ"އިން ހިޔާލު ލިބިގެން ތައްޔާރުކޮށްފައިވާ އޮރެންޖު ކުލައިގެ ހެދުމެއްގައެވެ. އޭގެ ފަހުން އޭނާވަނީ ކާރު އުފައްދާ ކުންފުނި ޗެރީ އަދި ލަގްޒަރީ އާޓް ބްރޭންޑް ޖޫ ބިންގްރެން ކޮޕާ ހިމެނޭ ގޮތަށް ތަފާތު ބްރޭންޑްތަކާއެކު މަސައްކަތްކޮށްފައެވެ.

އެހެނަސް ލެންގްވަނީ ފުލްޓައިމްކޮށް މޮޑެލްކުރުމުގެ ގިނަ ހުށަހެޅުންތަކެއް ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. އޭނާގެ މި ނިންމުން ގުޅިފައިވަނީ ކޮންމެސް ވަރެއްގެ ޝުކުރުވެރިވުމަކާއެވެ. އެއީ، އޭނާގެ އުމުރުން 15 އަހަރުގައި ކާފަ މަރުވެ، ކިޔެވުން ހުއްޓައިލަން ޖެހުމުން، އޭނާގެ ލޯބިވެރިޔާގެ އާއިލާއިން އޭނާއަށް އެހީތެރިވެ، ތައުލީމު ފުރިހަމަކުރަން މާލީ އެހީތެރިކަން ފޯރުކޮށްދިނީތީއެވެ. ލޯބިވެރިޔާގެ އުމުރުން 64 އަހަރުގެ ބައްޕައަށް ލެންގް މުހާތަބުކުރަނީވެސް "ބައްޕަ" ކިޔައިފައެވެ.

ލެންގް ބުނާ ގޮތުން ދިރިއުޅުމުގެ ބޭނުންތަކާއި ދިރިއުޅުމުގެ އުއްމީދުތަކަކީ ކޮންމެހެން ވަކިކުރަން ޖެހޭ ދެ ކަމެއް ނޫނެވެ.
"ކުނި އުކައިލުމަކީ ބަނޑުފުރާނަ މުއްތިކުރުމުގެ ވަސީލަތެއް. މޮޑެލްކުރުމަކީ ހުވަފެނެއް. މި ދެ މަގު އެއްގޮތަކަށްވެސް ފުށުއެއްނައިރައި،" ސޯޝަލް މީޑިއާގައި އޭނާ ބުންޏެވެ.

އޭނާ އަދިވެސް ދަނީ ރަންވޭގެ ހުނަރުތައް ފަރިތަކުރަމުންނެވެ.
"އެ ކަން ކޮށްގެން އެކަނި އަހަރެން ރަންވޭމަތީގައި ހަގީގަތުގައި ވިދައިލައިނީ،" ލެންގް ބުންޏެވެ.



advertisment