Support Us

އައިފޯން 17 ޕްރޯއިން އައިފޯން 18 ޕްރޯއަށް ނުދާންވީ 5 ސަބަބު

ސެޕްޓެމްބަރަކީ އާ އައިފޯންތައް މާރުކޭޓަށް ދޫކޮށްލާ މަހެވެ. ހުރިހާ އެންމެންގެ ޝައުގުވެރިކަން ހުއްޓިފައިވަނީ އައިފޯން ޑޫއޯއަށްކަމަށްވިޔަސް އައިފޯން 18 ޕްރޯގެ މަތިން އަހަރެމެން ހަނދާން ނައްތައިލައިގެންނުވާނެއެވެ. މި ޖީލަކީ އައިފޯން 17 ޕްރޯއާ މާކަ ތަފާތު ޖީލެއް ނޫނެވެ. ނަމަވެސް ބައެއް މީހުން އާ ފޯނަށް އަޕްގްރޭޑްކޮށްލަން ނުވަތަ ފެންވަރާއި ބޭނުންތެރިކަން އިތުރުކޮށްލަން ބޭނުންވެދާނެއެވެ. ހާއްސަކޮށް، ވިއްކާ ފަރާތުގެ ކިބައިން ރަނގަޅު ޑީލެއް ނުވަތަ ރަނގަޅު ވިޔަފާރީގެ މުއާމަލާތަކަށްވާނަމައެވެ.

ނަމަވެސް އައިފޯން 17 ޕްރޯއިން އައިފޯން 18 ޕްރޯއަށް ދިއުމަކީ ހަގީގަތުގައިވެސް އަގުހުރި ކަމެއް ހެއްޔެވެ؟ ގިނަ ކަންތައްތަކަކަށް ބަލާނަމަ، ބުނަން ޖެހެނީ ނޫނެކޭއެވެ. މި ވަގުތަށް ބަލައިފިނަމަ އެންމެ ރަނގަޅުވާނީ ފައިސާ އަތުގައި ބަހައްޓައި، މިހާރު ތިބާގެ އަތުގައި އޮތް ފޯނާއެކު އުޅުމެވެ. ހުރިހާ އެއްޗަކަށް ބެއްޔަސް، މި ދެ ފޯން، އެއް ފޯން އަނެއް ފޯނާ މާކަ ބޮޑު ތަފާތުކަމެއް ނެތެވެ.

ސިފަވެސް ވައްތަރު

އާ ކުލަތައް ނެތްނަމަ، ދެ ފޯންގެ ސިފަ ތަފާތުކަން ދެނެގަތުމަށް އުނދަގޫވާނެއެވެ. އައިފޯން 18 ޕްރޯގައި ހުންނަނީ ގަދަ ބަގަންޑީ އާއި އަލި ގްލޭޝްލް ކުލައެވެ. އައިފޯން 17 ޕްރޯ އާއި ޕްރޯ މެކްސް ކަޅު ކުލައިގައި ނެތުމުން ގިނަ ބައެއްގެ ސުވާލު އުފެދުމުން މި ފަހަރު ކަޅު ކުލަވެސްވަނީ ހިމަނައިފައެވެ. ނަމަވެސް ޑިޒައިން ނުވަތަ ފަރުމާ ދާދި އެއްގޮތެވެ. ހަގީގަތުގައި އައިފޯން 18 ޕްރޯ އޭގެ ކުރީ ފޯންތަކަށްވުރެ ބަރުދަނުގައި މަދު ގްރާމްތަކެއް ބަރެވެ. މިއީ ބައެއް މީހުންނަށް ކަމުނުގޮސްފާނެ ސިފައަކަށް ވެދާނެއެވެ.

ދެ ފޯންގެ ދެމެދުގައި ފަރުމާ ނުވަތަ ޑިޒައިންގެ ބަދަލެއްވެއެވެ. ނަމަވެސް ކުއްލިއަކަށް ބަލައިލައި ބަލައިލުމަކުން އެ ކަން ފާހަގަ ނުވެދާނެއެވެ. ޑައިނަމިކް އައިލެންޑް މިހާރު ކުޑައެވެ. އެއީ ސްކްރީންގެ ދަށުގައި އާ އިންފްރާރެޑް ސެންސަރެއް އޮތީމައެވެ. ތެދެކެވެ. މި ކަން ސަޅިއެވެ. ނަމަވެސް މި އަކީ ތިބާ ތިބާގެ އައިފޯން ގެންގުޅޭ ގޮތް ބަދަލުކޮށްލާނެ ކަމެއް ނޫނެވެ. މިއީ ބޮޑަށް "ލިބުނިއްޔާ ރަނގަޅު" ފީޗާއެއް ނުވަތަ ސިފައެކެވެ. "ކޮންމެހެން ހުންނަން ޖެހޭ" ސިފައެއް ނޫނެވެ. ސަބަބަކީ ޑައިނަމިކް އައިލެންޑް ކުރިން ހުންނަ ގޮތްވެސް ރަނގަޅަށް މަސައްކަތްކުރާތީއެވެ.

އައިފޯން 17 ޕްރޯ ގެ ދުވެލި އަދިވެސް ހަލުއި

އައިފޯން 18 ޕްރޯގެ މައުލޫމާތު ހާމަކުރުމުގައި އެޕްލް ކުންފުނިން އެ ފޯންގެ މަސައްކަތްކުރުން ހަލުއިކަމުގެ މައްޗަށް އަލިއަޅުވައިލިއެވެ. އެއީ ހައިރާންވާންވީ ކަމެއް ނޫނެވެ. ސަބަބަކީ އޭގައި އޭ20 ޕްރޯ ޗިޕެއް ވާތީއެވެ. މިއީ ދެ ނެނޮމީޓަރު އާކިޓެކްޗާއެއްގައި ގާއިމުކުރި ފުރަތަމަ ޗިޕްކަމަށްވާތީއެވެ. މި ޗިޕްގެ މަސައްކަތްކުރުން ހަލުއިއެވެ. ވަރަށް ބޮޑުތަނުން ހަލުއިއެވެ. އޭ19 ޕްރޯއާ އަޅާބަލާއިރު އޭގައި އޮތް އިތުރު ޖީ.ޕީ.ޔޫ ކޯއިން ގްރެފިކްސް މަސައްކަތްކުރުން 40 ޕަސެންޓް ރަނގަޅެވެ. އޭގެ އިތުރުން މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ހިންގުން ކުރިއަށްވުރެ ރަނގަޅުކުރުމަށް ދެވަނަ ނިއުރަލް އިންޖީނެއް ހިމަނައިފައިވެއެވެ. އެހެނަސް އާދައިގެ ގޮތެއްގައި ފޯން ބޭނުންކުރާއިރު އެހާ ބޮޑަށް އެ ތަފާތުކަން ހުރިކަން ފާހަގަނުކުރެވިދާނެއެވެ.

އައިފޯން 17 ޕްރޯއަކީ އަދިވެސް ވަރަށް ގާބިލް ފޯނެކެވެ. އަދި ފޯންގެ މަސައްކަތްކުރުން ބޮޑުތަނުން ރަނގަޅުކަމަށްވާއިރު، އިންސްޓަގްރާމްގައި އުޅުމާއި އެޕްލް މިއުޒިކް ސްޓްރީމްކުރުމުގައިވެސް މައްސަލައަކަށްނުވާނެއެވެ. އައިފޯންގައި "ރޯ" ނުވަތަ ބަދަލެއް ގެނެސްފައިނުވާ ފޮޓޯތައް އަބަދު އެޑިޓްކުރުމުގައި ނޫޅޭނަމަ ނުވަތަ ވަރުގަދަ ގޭމްތައް ނުކުޅޭނަމަ، އޭ19 ޕްރޯ އަދިވެސް ފަސޭހެކަމާއެކު އެ ކަންތައްތައް ކޮށްދެއެވެ. ހަގީގަތުގައި، މި ކަހަލަ މަސައްކަތްތައްކުރުމަށް، އެންމެ އަހަރެއްވެފައިވާ ފޯނަކީ "އޮބްސޮލީޓް" ނުވަތަ ގިނަ ދުވަސްވުމުން ބޭނުންނުކުރެވޭވަރުގެ ފޯނެއް ނޫނެވެ.

ގިނަ ކެމެރާތަކަށް ބަދަލެއް ނާދޭ

ފަހަރުގައި މި އަހަރުގެ ޕްރޯ އައިފޯން މޮޑެލްތަކުގެ އެންމެ ފާހަގަކުރެވޭ ބަދަލަކީ އާ ކެމެރާއަށް ވެދާނެއެވެ. ވޭރިއަބްލް އެޕާޗާ ލެންސެއް އިންނަ ވައިޑް-އޭންގަލް ކެމެރާއެއް ފުރަތަމަ ފަހަރަށް އެޕްލްއިން ބޭނުންކޮށްފިއެވެ. ޑީ.އެސް.އެލް.އާރް ކެމެރާގައި ހުންނަ ލެންސްތައް ފަދައިން، ގިނައިން ނުވަތަ މަދުން ސެންސަރަށް އަލި ވެއްދުމަށް އެޕާޗާ އެޖަސްޓް ނުވަތަ ބަދަލުކޮށްލެވެއެވެ. ފޮޓޯ ހުންނަ ގޮތަށް ބަދަލު ގެނައުމަށާއި މަންޒަރުގެ "ޑެޕްތް އޮފް ފީލްޑް"އާ ކުޅުމަށްވެސް ވަރަށް ރަނގަޅެވެ. ލޯ ލައިޓް ނުވަތަ އަލި މަޑު ތަންތާނގައި ނަގާ ފޮޓޯތަކާއި ވީޑިއޯތައް އިތުރަށް ރަނގަޅުކުރުމަށްވެސް މި އާ، ފުޅާ އެޕާޗާ އެހީއަކަށްވެދެއެވެ.

އެކަމަކުވެސް މައި ކެމެރާ ނަގައިފައި، ދެން ހުރި ހުރިހާ ކެމެރާތަކަކީ މުޅީން އެއް ގޮތް ކެމެރާތަކެކެވެ. އައިފޯން 18 ޕްރޯ ބޭނުންކުރަނީ އައިފޯން 17 ޕްރޯވެސް ބޭނުންކުރާ އަލްޓްރާ-ވައިޑް އަދި ޓެލެފޮޓޯ ސެންސަރުތަކެވެ. ފްރަންޓް-ފޭސިން ކެމެރާވެސްމެއެވެ. އެހެންކަމުން ތިބާ ފޯން އަޕްގްރޭޑަކަށް ނުދިޔަ ނަމަވެސް، ތިބާއަށް މާބޮޑު އެއްޗެއް ނުގެއްލޭނެއެވެ. އަދި އެޕްލްގެ ތަގުރީރުގައި ކިޔައިދިން ފޮޓޯ ނެގުމުގެ އާ ސްޓައިލްތައް ބައެއް މުސްކުޅި އައިފޯންތަކަށް ސޮފްޓްވެއާ އަދާހަމައެއްގެ ގޮތުގައި އަންނާނެކަމަށް ބެލެވެއެވެ.

އެޕްލް އިންޓެލިޖެންސް އަދި ސީރީ އޭއައި މިހާރުވެސް އެބަހުރި

ތިބާގެ އަތުގައި އައިފޯން 17 ޕްރޯ އޮތްނަމަ، އެންމެ ފަހުގެ ހުރިހާ އައިއޯއެސް ފީޗާތައް ތިބާގެ އަތުގައި އެބަ ހުއްޓެވެ. މީގެ ތެރޭގައި އެޕްލް އިންޓެލިޖެންސާއި އައިއޯއެސް 27 ގައި ހިމަނައިފައިވާ އެޕްލްގެ ވާޗުއަލް އެސިސްޓެންޓް ސީރީ އޭއައި ހިމެނެއެވެ. އައިފޯން 17 ޕްރޯ އާއި އައިފޯން 18 ޕްރޯއިން ކޮށްދެނީ އެއް ކަންތައްތަކެކެވެ. އެހެންކަމުން އަޕްގްރޭޑަކަށް ދިޔަޔަސް ހާއްސަ ސޮފްޓްވެއާ ފީޗާތަކެއް ނުލިބެއެވެ. އާ ސީރީ އެޕް، ކޮންޓެކްސްޗުއަލް ކޮންވަޒޭޝަންސް، އެންހޭންސްޑް ސީރީ ވޮއިސް އެޖަސްޓްމަންޓްސް، އިމްޕްރޫވްޑް ޑިކްޓޭޝަން އަދި ފޮޓޯތައް އެކްސްޓެންޑްކޮށް ރިފްރޭމްކުރުމުގެ ގާބިލުކަން އައިފޯން 17 ޕްރޯގައިވެއެވެ.

ތެދެކެވެ. ކުރިމަގެއް ނޭނގެއެވެ. ހާއްސަ ފީޗާތަކެއް އައިފޯން 18 ޕްރޯއަށް އެޕްލްއިން ކުރިއަށް އޮތް ތާނގައި އިތުރުކޮށްފާނެއެވެ. އޭއައިގެ މަސައްކަތްކުރުން އިތުރަށް ރަނގަޅުކުރުވަން އިތުރު ނިއުރަލް އިންޖީނެއް ހިމަނައިފައިނެއެވެ. އެކަމަކު މިހާރުން މިހާރަށް ބަލާއިރު، ގިނަ މީހުންނަކަށް އެ ކަމުގެ މާނައެއް ނެތެވެ.

އައިފޯން 18 ޕްރޯއަކީ މުސްކުޅި އައިފޯންތައް ގެންގުޅޭ މީހުންނަށް މާ ބޮޑު ތަނުން ރަނގަޅު އަޕްގްރޭޑެއް

އާ ޓެކްނޮލޮޖީ ލިބުމަކީ އުފާވެރި ކަމެކެވެ. ހާއްސަކޮށް އެ ކަމަށް ޝައުގުވެރިކަން ހުންނަ މީހުންނަށެވެ. އަދި ބެޓެރި ރަނގަޅުވެފައި ކެމެރާވެސް ކުރިއަރައިފައިވާނަމަ އެއީ ބައިވަރު މީހުންނަށް ޝައުގު ހުރި ކަމަކަށްވާނެއެވެ. ނަމަވެސް އައިފޯން 17 ޕްރޯ މިހާރު ގެންގުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކަށް، އައިފޯން 18 ޕްރޯވާނީ ކުޑަކުޑަ ފެންވަރު މަތިކޮށްލުމަކަށެވެ. ތެދެކެވެ. އައިފޯން 18 ޕްރޯ މަސައްކަތްކުރާލެއް އިތުރަށް ރަނގަޅެވެ. ނަމަވެސް ކޮންމެ ދުވަހަކު ތިބާ ފޯން ގެންގުޅޭ ގޮތް އެއަކުން ބަދަލެއްނުކޮށްލާނެއެވެ.

އައިފޯން 18 ޕްރޯ ބޮޑަށް ބެލޭނީ މުސްކުޅި އައިފޯންތައް ގެންގުޅޭ މީހުންނަށް ރަނގަޅު ފެންވަރު މަތިކޮށްލުމަކަށެވެ. މިސާލަކަށް އައިފޯން 15 ޕްރޯ ގެންގުޅޭ މީހުންނަށެވެ. އެ ގޮތުން، ވޭތުވެދިޔަ ތިން އަހަރުގެ ކުރިއެރުންތައް ތިބާއަށް ލިބޭނެއެވެ. މިސާލަކަށް، ވޭޕާ ޗެމްބާ، އާ ޑިޒައިނެއް އަދި ކުރިއަށްވުރެ ރަނގަޅު ޒޫމެކެވެ. އެއާ ހިލާފަށް ތިބާ ގެންގުޅެނީ އާ މޮޑެލެއްކަމަށްވަންޏާ، ކޮންމެވެސް ވަރަކަށް ފައިސާ ރައްކާކޮށް، އަންނަ އަހަރުގެ އައިފޯނަށް އިންތިޒާރުކުރާށެވެ. ނޫނީ ފަހަރެއްގައި އައިފޯން ޑޫއޯ ގަންނަން ވިސްނާށެވެ.

ނޯޓް: މިއީ އެންގެޖެޓްގައި އަންގާރަ ދުވަހު ފީލީޕީ އެސްޕޯޒީޓޫ ލިޔުނު ރިޕޯޓެއްގެ ތަރުޖަމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *