ބަނގްލަދޭޝްގެ ބްރަހްމަޕުތްރާ-ޖަމްނާ ކޯރުގެ ނިޒާމުގައި ގިރާ އަދި ވޮޑޭ ރަށްތަކަކީ ވަގުތީ ބިންތަކެކެވެ.
ފެންބޮޑުވުމާއި ގިރުމުގެ ސަބަބުން ގެދޮރު، ދަނޑު އަދި މަގުތައްވެސް ހަލާކުވެއެވެ. މި ކަމުގެ ސަބަބުން އެއް ތަނުން އަނެއް ތަނަށް ބަދަލުވާން އާއިލާތަކަށް މަޖުބޫރުވެއެވެ. މި ކަހަލަ ވަގުތީ ރަށްތަކުގައި ގާތްގަނޑަކަށް ހަތަރު މިލިއަން މީހުން ދިރިއުޅެއެވެ.
މި ރަށްތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހޮސްޕިޓަލަކަށް ދިއުމަކީ ނުހަނު ދަތި ކަމެކެވެ. އެހެންކަމުން ރޫނާ ހާން ނިންމީ ހޮސްޕިޓަލް އެ މީހުންގެ ކައިރިއަށް ގެންދާށެވެ.
އެ ގޮތުން 2002 ގައި "ފްރެންޑްޝިޕް" ނުވަތަ ލަފުޒީ މާނައިން "ރަހްމަތްތެރިކަން" ކިޔާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ރޫނާ އުފެއްދިއެވެ. އަދި ކޯރުގައި ދަތުރުކުރާ އުޅަނދެއް "ފްލޯޓިން ހޮސްޕިޓަލް" ނުވަތަ ފެންމަތީގައި ދަތުރުކުރާ ހޮސްޕިޓަލަކަށް ބަދަލުކޮށްލިއެވެ.
ކޯރުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެ ހޮސްޕިޓަލް ދަތުރުކުރަން ފެށިއެވެ. ސިއްހީ ފަރުވާ އާއި ސާޖަރީގެ ހިދުމަތް ހިލޭ ފޯރުކޮށްދޭން ފެށިއެވެ. އޭގެ ތެރޭގައި ޅަ ކުދިންނަށް ޖެހޭ ބަލިތަކާ ގުޅޭ ޑޮކްޓަރުންނާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ފަރުވާ ހިމެނެއެވެ. މީގެ އިތުރުން ދަތާއި ލޮލުގެ ފަރުވާ ދިނުންވެސް އެކުލެވެއެވެ.
މި ހިޔާލު ކިތައްމެހާވެސް ސީދާސާދާއެވެ. އިތުބާރު ހިފޭ ގޮތެއްގައި ސިއްހީ ފަރުވާ ލިބޭ ހިސާބަށް މީހުންނަށް ނުދެވެންޏާ، ސިއްހީ ފަރުވާ ޖެހޭނީ އެ މީހުންގެ ކައިރިއަށް ދާށެވެ.
މިހާރު ދެ ދަހަރު ފަހުން، ފެންމަތީގައި ދަތުރުކުރާ އެއް ހޮސްޕިޓަލްގެ ހިދުމަތް ރޫނާ ވަރަށް ބޮޑަށް ފުޅާކޮށްފިއެވެ. ފްރެންޑްޝިޕް ޖަމިއްޔާއަކީ މިހާރު ވަރަށް ބޮޑު ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ހަތް ހޮސްޕިޓަލް މަނަވަރު ހިންގައެވެ. އަދި އެއްގަމުގައިވެސް ދެ ހޮސްޕިޓަލް ގާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން 550 މޮބައިލް ކްލިނިކް ތައާރަފުކޮށްފައިވާއިރު، މުޖުތަމައުތަކުގެ ތެރެއިން 700 މީހުންނަށްވަނީ ސިއްހީ އެހީތެރިންގެ ގޮތުގައި ތަމްރީންދީފައެވެ. ފްރެންޑްޝިޕުން ބުނީ އަހަރަކު 7.5 މިލިއަން މީހުންނަށް އެ ޖަމިއްޔާގެ ސިއްހީ ހިދުމަތް ފޯރާކަމަށެވެ.
ރޫނާގެ އިޖުތިމާއީ ހިދުމަތް ހަމައެކަނި ސިއްހީ ދާއިރާއިން ނިމުނީކީ ނޫނެވެ. ގާތްގަނޑަކަށް 205،000 އަށްވުރެ ގިނަ މީހުންނަށް އާމްދަނީ ލިއްބައިދޭނެ އިގުތިސާދީ ތަރައްގީގެ 137 ހަބް ފްރެންޑްޝިޕުންވަނީ ގާއިމުކޮށްފައެވެ. އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކުގެ އިތުރުން 200 ހެކްޓަރުގައި ކަނޑޫ އިންދުމުގެ ޕްރޮޖެކްޓެއްވެސްވަނީ ހިންގައިފައެވެ.
ފްރެންޑްޝިޕްގައި މިހާރު 4،000 މުވައްޒަފުން މަސައްކަތްކުރެއެވެ. އަދި 10،000 ވޮލަންޓިއަރުންނަށްވަނީ ތަމްރީން ދީފައެވެ.
ކޮވިޑް-19 ޕެންޑަމިކްގައި ފްރެންޑްޝިޕްގައި މަސައްކަތްކުރާ މީހުންވަނީ އެކަހެރި މުޖުތަމައުތަކަށް ގޮސް ވެކްސިން ލިބޭނެ މަގުފަހިކޮށްދޭން މީހުން ރަޖިސްޓްރީކުރުމަށާއި އެ މީހުންނަށް ވެކްސިން ލިބިގަތުމަށް މަގުތަނަވަސްކޮށްދީފައެވެ.
ރޫނާގެ ހިދުމަތްތައް ބައްޓަންކުރީ ތަރައްގީގެ އާދައިގެ ފަރުމާތަކާ އެއްގޮތަކަށް ނޫނެވެ. ސަބަބަކީ އޭނާއަށް ކުރިމަތިވެފައިވަނީ ބަދަލުވަމުންދާ ބިންތަކެއްގައި، ތަންތަނަށް ބަދަލުވަމުންދާ މުޖުތަމައުތަކަށް ހިދުމަތް ދިނުމުގެ ގޮންޖެހުމެވެ.
އެހެންކަމުން ފްރެންޑްޝިޕުން ތަރައްގީކުރީ ބިން "ބަދަލު"ވާ ގޮތާ އެއްގޮތަށް ބައްޓަންކޮށްފައިވާ ހިދުމަތްތަކެކެވެ. ގިރުމުގެ ސަބަބުން ބިން ގެއްލޭނަމަ ސްކޫލްތަކާއި ހިދުމަތް ދޭ އެހެން ތަންތަންވެސް ރޫޅައިލެވެއެވެ. އަދި ރަށްތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ބޯޓުތަކުން ސިއްހީ ފަރުވާ ފޯރުކޮށްދެއެވެ.
އޭޝިޔާގެ ނޮބެލް އިނާމުގެ ގޮތުގައި މަޝްހޫރުވެފައިވާ، އެމެރިކާގެ ރަކަފެލާ ބްރަދާސް ފަންޑާ ފިލިޕީންސްގެ ސަރުކާރުންވެސް ގުޅިގެން ދޭ، 1957 ގައި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަވި ފިލިޕީންސްގެ ހަތްވަނަ އަދި މަގުބޫލު ރައީސް ރާމޯން މަގްސައިސައިގެ ފައުންޑޭޝަނުން ދޭ އިނާމު މި އަހަރު ލިބޭ ތިން މީހުންގެ ތެރެއިން އެކަކީ ރޫނާކަމަށް މި ދިޔަ މަހު 31 ގައިވަނީ އިއުލާންކޮށްފައެވެ.
ރޫނާއަށް ނޮވެމްބަރު 15 ގައި، ފިލިޕީންސްގެ ވެރިރަށް މެނީލާގައި މި އިނާމު ދެނީ، ބަނގްލަދޭޝްގެ "ހަނދާން ނެތިފައިވާ އިންތަކުގައި" ދިރިއުޅޭ މުޖުތަމައުތަކަށް އޭނާ ކޮށްދޭ މަސައްކަތް ބަލައިގަންނާތީކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
މި ކަމުގެ ޖަވާބުގައި ރޫނާ ބުނީ މިއީ ހަމައެކަނި އޭނާއަށް ޒާތީ ގޮތުން ލިބުނު ކާމިޔާބެއް ނޫންކަމަށެވެ. އޭނާ ޝުކުރު އަދާކުރީ އޭނާއާއެކު، އޭނާ ބުނާ ގޮތުން، "25 އަހަރުގެ ހިނގަން އުނދަގޫ މަގެއްގައި އޭނާއާއެކު ހިނގި މީހުން"ނަށެވެ.
"އެއްވެސް ވެރިޔަކީ އެކަނި ހިނގާ މީހެއް ނޫން. އެހެންކަމުން، ހިދުމަތްތަކުން މަހްރޫމްވެފައިވާ މުޖުތަމައުތަކުގެ ނަމުގައި މި އިނާމު ބަލައިގަތުމަކީ އަހަރެންނަށް ލިބޭ ޝަރަފެއް. ސަބަބަކީ އެ މީހުންނާއެކު ހިނގުމަށް އަހަރެމެންނަށް އެ މީހުން ފުރުސަތު ދޭތީ،" ރޫނާ ބުންޏެވެ.
އޭނާ ބުނީ އޭނާ ހިތުގެ ފުންމިނުން ޝުކުރު އަދާކުރަނީ، އިންސާނުންގައި ހުންނަ އިންސާނިއްޔަތުކަމަށް އެ ފައުންޑޭޝަނުން އިތުބާރުކޮށް، އެ ކަމަށް ޝަރަފު އެރުވީމާކަމަށެވެ.
ރޫނާ ބުނީ އިނާމު ލިބުމުން އޭނާ ގަބޫލުކުރަނީ އެއީ ޒިންމާތައް ނެގުމުގައި އަދި މިހާރަށްވުރެވެސް އޭނާ އިތުރަށް ވަރުގަދައަށް މަސައްކަތްކުރަން ޖެހޭކަމެވެ.
އެ އިނާމު އޭނާއަށް ލިބުމުގެ ފުރުސަތަކަށްވި އޭނާގެ މަސައްކަތް ކުރިއަށްދަނީ ކޯރުގައެވެ. ރަށްތައް ގިރަން ފެށުމުން، ހިދުމަތްތައް ދިނުމުގައި ދަތުރުކުރަނީ އޭނާގެ ހޮސްޕިޓަލްތަކެވެ.



advertisment