ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިޝަނަރީ ސިޓީ، ރަސްމާލޭގައި 20 ބިލިއަން ޑޮލަރު (309 ބިލިއަން ރުފިޔާ)ގެ ވޯޓަފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއްގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް ބޭރުގެ އިންވެސްޓްމަންޓްގެ މި މަޝްރޫއު ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ޑެވެލޮޕާ، އީގަލް ހިލްސްއާއެކުއެވެ.
އެއްބަސްވުމުގައި މިއަދު ސޮއިކުރީ ޑުބާއީގައި އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފައުންޑަރު އަދި ޗެއާމަން، މުހައްމަދު އަލްއައްބާރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.
މިއީ ފަތުރުވެރިކަމާއި އަދި ގެދޮރުވެރިކަންވެސް ހިންގާ މަޝްރޫއެކެވެ.
"ދަ މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" ނަމުގައި މި މަޝްރޫއު ހިންގާނީ މާލެއިން 17 މިނެޓުން ލާންޗްގައި ދެވޭ، ފުޝި ދިއްގަރު ފަޅުގައި ހިއްކަމުންދާ ރަސްމާލޭގައެވެ.
އިންޓަގްރޭޓަޑް ޑެވެލޮޕްމަންޓް މަޝްރޫއެއްގެ ގޮތުގައި ހިންގާ މި ޕްރޮޖެކްޓްގައި ރަސްމާލޭގައި ބައިނަލްއަގުވާމީ ހޮޓެލްތަކާއި ރިސޯޓްތަކާއި ޕްރީމިއަމް އަދި ބްރޭންޑަޑް ރެސިޑެންސަސްތަކާއި ވޯލްޑް ކްލާސް މެރީނާއަކާއި ވޯޓާފްރަންޓް ޕްރޮމެނޭޑްތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި މުނިފޫހިފިލުވައިދޭ ތަންތަނާއި ދުޅަހެޔޮކަން ކުރިއަރުވައިދޭ މަރުކަޒުތައް އިމާރާތްކުރާނެއެވެ.

މަޝްރޫ ހިންގާނީ ފިޔަވަހިތަކަކަށް ބަހައިލައިގެންނެވެ. ފައިސާވެސް ހޭދަކުރާނީ އެ ގޮތަށެވެ. އެ ގޮތުން 20 ބިލިއަން ޑޮލަރު ހަރަދުވާނެކަމަށް ބެލެވެއެވެ.
މިހާރު އަންދާޒާކުރެވިފައިވާ ގޮތުގައި މުޅި މަޝްރޫއު ނިމޭއިރު ބޭރުގެ ގްރޮސް އިންވެސްޓްމަންޓްގެ ގޮތުގައި 30 ބިލިއަން ޑޮލަރު (463.5 ބިލިއަން ރުފިޔާ) ލިބޭނެއެވެ. އަދި ބޭރުގެ ނެޓް އިންވެސްޓްމަންޓްގެ ގޮތުގައި 18 ބިލިއަން ޑޮލަރު (278.1 ބިލިއަން ރުފިޔާ) ލިބޭނެއެވެ.
މަޝްރޫއުގެ ސަބަބުން ސީދާ އަދި ނުސީދާ 40،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ބެލެވެއެވެ.
މަޝްރޫއު ނިމުމުން، އަހަރަކު އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ. އަދި އަހަރީ ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ދެ ބިލިއަން ޑޮލަރު (30.9 ބިލިއަން ރުފިޔާ)އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ބެލެވެއެވެ.
މީގެ އިތުރުން ރާއްޖެއަށް ބޭރު ފައިސާ ވަނުން އިތުރަށް ރަނގަޅުވާނެކަމަށާއި ޓެކުހުން ލިބޭ އާމްދަނީވެސް އިތުރުވާނެކަމަށް ބެލެވެއެވެ.
މަޝްރޫއަށް ފައިސާ ހަރަދުކުރާ ގޮތާއި އިމާރާތްކުރުމުގެ މުއްދަތާއި، މަޝްހޫރު ބުރްޖު ހަލީފާ އާއި ޑުބާއީ މޯލްވެސް ތަރައްގީކުރި އީގަލް ހިލްސްއިން ދޭނެ ކެޕިޓަލް އަދި ހާމައެއްނުކުރެއެވެ.
މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނައުމަށް ސަރުކާރުން ރަސްމާލެ އާ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަނީ ގެދޮރާއި ވިޔަފާރި އާއި ފަތުރުވެރިކަމުގެ އަވަށްތަކާއެކުއެވެ.
ގާތްގަނޑަކަށް 1،100 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ގާތްގަނޑަކަށް 5،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ނިންމައިފައިވެއެވެ.
އިތުބާރުހުރި އިއުމާރު ޕްރޮޕަޓީސްވެސް އުފެއްދި އަލްއައްބާރުގެ އީގަލް ހިލްސްއާއެކު ސަރުކާރުން މަޝްރޫއެއް މި ފަށަނީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައިވާތީ ރާއްޖޭގެ އިގުތިސާދުގައި އެހެނިހެން ދާއިރާތައްވެސް ކުރިއަރުވަން ބޭރުގެ އިންވެސްޓްމެންޓް ހޯދާ ދަނޑިވަޅެއްގައެވެ.
މި ދިޔަ އަހަރުގެ މޭގައި ސަރުކާރުންވަނީ ޑުބާއީގައި ހުންނަ އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާއެކު މާލޭގައި 8.8 ބިލިއަން ޑޮލަރު (135.96 ބިލިއަން ރުފިޔާ)ގެ މާލީ މަރުކަޒެއް ގާއިމުކުރަން އެއްބަސްވެފައެވެ.



advertisment

