Support Us

ޓޫޕަކް ޝަކޫރު (ކ) އަދި ޑުއޭން "ކީފް ޑީ" ޑެވިސް

ރެޕް ލެޖެންޑް ޓޫޕަކް ޝަކޫރު މަރައިލަން ރޭވި ގޭންގްސްޓާރަށް 30 އަހަރު ފަހުން ހުކުމް

އުމުރުން 25 އަހަރުގައި 1996 ގައި ބަޑިޖަހައި މަރައިލި އެމެރިކާގެ ރެޕް ލެޖެންޑް ޓޫޕަކް ޝަކޫރު މަރައިލަން ރޭވިކަމުގެ ކުށުގައި ކުރީގެ ގޭންގް ލީޑަރު ޑުއޭން "ކީފް ޑީ" ޑެވިސްއަށް ހުކުމްކޮށްފިއެވެ.

އުމުރުން 63 އަހަރުގެ ޑެވިސްއަށް ނެވާޑާ ސްޓޭޓް ކޯޓަކުން ހޯމަ ދުވަހު ހުކުމްކުރީ ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށެވެ. ޑެވިސް ބުނީ ހުކުމް އިސްތިއުނާފުކުރާނެކަމަށެވެ.

ފިލްމްވެސް ކުޅުނު ޓޫޕަކަކީ ވިހިވަނަ ގަރުނުގައި އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ ތެރެއިން އެންމެ ނުފޫޒުގަދަ އެކަކެވެ.

"މި ހުކުމްކުރަން އެތައް ދަހަރެއް ނެގިޔަސް، މިއީ ވާހަކައިގެ ނިމުމެއް ނޫން. ޓޫޕަކްގެ ލެގަސީ އަދި ދުނިޔެއަށް ކޮށްފައިވާ އޭނާގެ ރަނގަޅު އަސަރު އަދިވެސް ކުރިއަށްދޭ. އޭނާގެ ދިރިއުޅުމުގެ ރޫހު ދަމަހައްޓަން އަހަރެމެންނަށް ކުރެވޭނެ ހުރިހާ ކަމެއް އަދިވެސް ކުރުން މަތީ ދެމިހުންނާނަން،" ހުކުމް އިއްވުމުން ޓޫޕަކްގެ ދެބެންގެދެދަރި އައިޝާ އޮބަފަމީ ބުންޏެވެ.

ހުކުމް އިއްވީ ޖޫރީންގެ އިއްތިފާގުންނެވެ.

ޓޫޕަކްގެ ގަޔަށް ބަޑިޖަހައި މަރައިލަން ޑެވިސް ރޭވީ ޑެވިސްއަށް ބޮޑުބޭބެ ކިޔާ ފިރިހެނެއް ކަމަށްވާ، އެއިރު އުމުރުން 22 އަހަރުގެ އަދި މިހާރު މަރުވެފައިވާ ގޭންގް ލީޑަރެއްކަމަށްވާ އޯލަންޑޯ "ބޭބީ ލޭން" އެންޑަސަނަށް، ޓޫޕަކް އާއި ޓޫޕަކަށް އަތްގާތްކޮށްދޭ ޓީމުން 1996 ގެ ސެޕްޓެމްބަރު ހަތެއްގައި އޮތް މައިކް ޓައިސަންގެ ބޮކްސިން މެޗަކަށްފަހު ހަމަލާދިނުމުން، ހަމަ އެ ރޭ ޓޫޕަކް ކާރުގައި ދަނިކޮށް ޓޫޕަކް މަރައިލަން އެހެން ކާރެއްގައި ޑެވިސްއާއެކުު ބަޔަކު ދިޔުމަށް ޑެވިސް ރޭވުމުންނެވެ.

ޑެވިސް ފިޔަވައި އެ ކާރުގައި ތިބި އަނެއް ތިން މީހުން މިހާރުވަނީ އެކި ސަބަބުތަކާހުރެ މަރުވެފައެވެ. އަދި ޓޫޕަކްގެ ކާރާ ދިމާއަށް ބަޑިޖެހީ ސީދާ ކާކުކަން އަދިވެސް ނޭނގެއެވެ.

މައްސަލަ ކޯޓަށް ވައްދަން މިހާ ގިނަ ދުވަސް ނެގީވެސް ސާފު ހެކިތަކެއް ލިބެން ނެތުމުންނެވެ. މިހެއް އޮއްވައި ޑެވިސްއާ ދެކޮޅަށް ޝަރީއަތެއް ހިންގަން ފެށުމަށް ފުރުސަތު ލިބުނީ 2019 ގައި އޭނާ ނެރުނު އޭނާގެ ބަޔޮގްރަފީގައި ޓޫޕަކް މަރައިލި މީހުންގެ ކާރުގައި އޭނާވެސް އިންކަމަށް ބުނެ، އެ ކަން ހިނގި ގޮތް ކިޔައިދިނުމުންނެވެ.

ޓޫޕަކް މަރުވީ ލިބުނު ޒަހަމްތަކުން ހަ ދުވަސް ފަހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް