Support Us

އޭޑީޓް ލަމޭ އަދި ސެބަސްޓްޔަން ޕެލްޓްޔޭ އެ ދެމަފިރިންގެ ހަތަރު ދަރިންކަމަށްވާ މީއާ، ކޮލަން، ލޯރަން އަދި ލޭއޯއާއެކު

ތިން ދަރިންގެ ލޮލަށް ފެނުމުން މަހްރޫމްވުމުގެ ކުރިން އާއިލާއެއް ކުރި ދަތުރު

ހަތަރު ދަރިންގެ ތެރެއިން ތިން ދަރިންނަށް ރެޓަނައިޓަސް ޕިގްމަންޓޯސާ (އާރް.ޕީ) ކުރިމަތިވެފައިވާކަން ކެނެޑާގެ ދެމަފިރިން ކަމަށްވާ އޭޑީޓް ލަމޭ އަދި ސެބަސްޓްޔަން ޕެލްޓްޔޭއަށް އެނގުމުން އެ އާއިލާއަށް ކުރިމަތިލާންޖެހުނީ ވޭނީ ކުރިމަގެކެވެ: ވާރުތަވާ އެ ޑިސްއޯޑާގައި ދަރިންގެ ލޮލުގެ ފެނުން މަޑުމަޑުން ގޮސް އެއްކޮށް ގެއްލޭނެކަމެވެ.

އަންހެން ދަރިފުޅު މީއާ ޑައިގްނޯޒްކުރެވުނީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ. އަދި ޖެނެޓިކް ޓެސްޓްތަކެއް ހެދުމުން ފަހުން ކަށަވަރުވީ އޭނާގެ ހަގަށް ތިބި ދެ ފިރިހެން ކޮއްކޮކަމަށްވާ ކޮލަން އަދި ލޯރަންގައިވެސް އެ ބަލި ހުރިކަމެވެ. ނަމަވެސް ލަމޭ އާއި ޕެލްޓްޔޭގެ ހަތަރުވަނަ ދަރިފުޅު، ފިރިހެން ކުއްޖެއްކަމަށްވާ ލޭއޯގައި އެ ޑިސްއޯޑާ ނެތެވެ.

އިންސާނުންނަށް މަންޒަރު "ފެންނަނީ" ތަކެތީގައި ޖެހިފައި އަންނަ އަލި ލޮލަށް ވަދެ، ލޮލުގެ ބިއްދޮށުގައިވާ ފަށަލައެއްކަމަށްވާ ރެޓަނާއިން ސިކުނޑިއަށް މެސެޖް ފޮނުވައިދިނީމައެވެ. އާރް.ޕީގައި ވާ ގޮތަކީ ރެޓަނާ މަސައްކަތްކުރުން މަޑުމަޑުން ގޮސް ހުއްޓުމެވެ.

ލަމޭ އާއި ޕެލްޓްޔޭ ގާތުގައި ޑޮކްޓަރުން ބުނީ އެ ޑިސްއޯޑާއަށް ފަރުވާއެއް ނެތްކަމަށެވެ. މި ކަމުގެ ސަބަބުން އެ ދެމަފިރިންނަށް އިހްސާސްކުރެވުނީ ކުރެވޭނެ އެހެން އެއްވެސް ކަމެއް ދެން ނެތްކަމެވެ.

ދަރިންގެ ކުޑައިރުގެ ހަނދާންތަކަކީ ބިރުވެރިކަން ހުރި ހަނދާންތަކެއްކަމަށްވުމުގެ ފުރުސަތު ނުދިނުމަށް ލަމޭ އާއި ޕެލްޓްޔޭ ނިންމީ އެ ކުދިންގެ ހަޔާތް އެ ކުދިންނަށް ހަނދާނުގައި ފެނުނު ތަޖުރިބާތަކުން ފުރައިލުމަށެވެ.

ސްޕެޝަލިސްޓަކު ހުށަހެޅި ހިޔާލަކީ އެ ކުދިންގެ "ވިޝުއަލް މެމޮރީ" ނުވަތަ ހަނދާނަށް ގެނެވޭނެ މަންޒަރުތަކުން ސިކުނޑި ފުރައިލަން ހައިވާނުންގެ ތަސްވީރުތައް އެ ކުދިންނަށް ދެއްކުމަށެވެ. ނަމަވެސް ލަމޭ ބޭނުންވީ "ހަގީގަތާ އެއްގޮތް" ތަޖުރިބާތަކެއް އެ ކުދިންނަށް ފޯރުކޮށްދިނުމަށެވެ.

"އަހަރެން ބޭނުމެއްނުވި އެ ކުދިންނަށް ހަމައެކަނި އެތްތަކެއްގެ ތަސްވީރުތަކެއް ދައްކާކަށް. އަހަރެން ބޭނުންވީ އެ ކުދިންނަށް އަސްލު އެތް ދައްކަން. އަދި އަހަރެމެންގެ މި ދުނިޔެއަކީ ކިހާ ރީތި ތަނެއްކަން ދައްކައިދޭން،" ހަތަރު ކުދިންގެ މަންމަ ބުންޏެވެ.

ޕެންޑަމިކްގެ ހުރަސްތައް ތަކުރާރުކޮށް އެ އާއިލާގެ ރޭވުންތަކަށް އެޅުމަށްފަހު 2022 ގެ މާރޗް މަހު އާއިލާއިން ކެނެޑާއިން ނައްޓައިލައި ދުނިޔޭގައި ދަތުރުކުރަން ފެށިއެވެ.

އެ މީހުން 24 ގައުމަށް ޒިޔާރަތްކުރިއެވެ. ސަހަރާތަކާއި ފަރުބަދަތަކާއި ބޯ ރެއިންފޮރެސްޓް ޖަންގަލިތަކާއި ތަފާތު ބާވަތްތަކުގެ ހައިވާނުން ބަލަން ދިޔައެވެ. "ބަކެޓް ލިސްޓް" ނުވަތަ ހަޔާތުގައި ތަޖުރިބާކޮށްލަން އާއިލާއިން ބޭނުންވި ލިސްޓްގައިވާ ކަންތައްތަކުގެ ތެރޭގައި ސަފާރީ އާއި ޖަމަލުގައި ދަތުރުކުރުން އަދި ރީތި ގުދުރަތީ މާހައުލުތައް ބެލުން ހިމެނެއެވެ.

އާއިލާގެ އެ ދަތުރު ފަހުން، 2024 ގައި، ވެގެންދިޔައީ ނެޝަނަލް ޖޯގްރަފިކްއިން ހެދި ޑޮކިއުމެންޓްރީ "ބްލިންކް"އަށެވެ. ޑޮކިއުމެންޓްރީ ޑިރެކްޓްކުރީ އެޑްމަންޑް ސްޓެންސަން އަދި ޑަންޔަލް ރޯހާއެވެ.

ލަމޭ އާއި ޕެލްޓްޔޭގެ އާއިލާއަށް އެންމެ މުހިންމު މަންޒިލަކަށްވީ ވަކި ގައުމެއް ނޫނެވެ. ނަމަވެސް އެ މީހުން ތަޖުރިބާކުރަމުންދާ އެ ވަގުތެއްގައި އެ ހިނގަމުންދާ ހިނދުކޮޅު ނުވަތަ "ޕްރެޒެންޓް މުމަންޓް"ގައި ތަޖުރިބާކުރެވޭ ކަންތައްތަކެވެ.

"މީއާ އަހަރެންގެ ގާތުގައި ބުނީ އޭނާ އުފާ ހޯދަނީ އެ ވަގުތަކު އޭނާ ތަޖުރިބާކުރަމުންދާ ކަމަކުންކަމަށް. ކުރިމަގުގައި ހަޔާތުން އުނިވެގެންދާނެ ކަންތައްތަކާ އަބަދު ކަންބޮޑުނުވާކަމަށް،" ޕެލްޓްޔޭ ބުންޏެވެ.

ލަމޭ އާއި ޕެލްޓްޔޭގެ އާއިލާގެ ދިރިއުޅުމުގެ ދަތުރުވެގެންދިޔައީ މުޅި ހަޔާތަށް ދެމިގެންދާނެ ހަނދާންތަކަކަށް، ކުރިއަށް ކިޔަން ނޭނގޭ ކުރިމަގެއް ބަދަލުކޮށްލުމުގެ ފިލާވަޅަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް