އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ އޮސްކާ އެވޯޑު ލިބުނު ހުޅަނގު އައްސޭރިއާ ބެހޭ 2024 ގެ ޑޮކިއުމެންޓްރީ "ނޯ އަދަރ ލޭންޑް" ހެދި ޓީމުން އަންނަ މަހު ގައްޒާއާ ބެހޭ ޑޮކިއުމެންޓްރީއެއް ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.
"ނާޒާ" ޕްރިމިއާކުރަން ހަމަޖައްސައިފައިވަނީ އިޓަލީގައި ބާއްވާ ބައިނަލްއަގުވާމީ ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައެވެ.
ފެސްޓިވަލްގައި އެންމެ މޮޅު ފިލްމަށް ދޭ ގޯލްޑަން ލަޔަން އެވޯޑަށް ވާދަކުރާ "ނާޒާ"ގައި ދައްކުވައިދެނީ ގައްޒާގައި ގިނަ އަދަދަކަށް އާއްމުން ޝަހީދުކޮށްލަން ދުރާލައި އިސްރާއީލުން ރާވާ ނިޒާމުތަކެވެ.
ޑޮކިއުމެންޓްރީ ޑިރެކްޓްކޮށްފައިވަނީ "ނޯ އަދަރ ލޭންޑް" ޑިރެކްޓްކުރި ހަތަރު ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުންނެވެ. އެއީ ޔުވަލް އެބްރަހަމް އާއި ރޭޗެލް ޝޯއެވެ.
"ނޯ އަދަރ ލޭންޑް"ގައި ދައްކައިދީފައިވަނީ ހުޅަނގު އައްސޭރީގައި ހުރި ފަލަސްތީން ބަސްތީތަކެއް ނައްތައިލަން އިސްރާއީލުގެ އަސްކަރިއްޔާއިންކުރި މަސައްކަތްތަކަކަށް ފަލަސްތީން އެކްޓިވިސްޓުން ހުރަސްއެޅި ގޮތެވެ.
"ނާޒާ" ޕްރޮޑިއުސްކުރީ އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހާއި ޖޭމްސް ވިލްސަން (ޖޭ.ޑަބްލިޔު) ފިލްމްސްއިންނެވެ. އެގްޒެކެޓިވް ޕްރޮޑިއުސްކޮށްފައިވަނީ ޖޮނަތަން ގްލޭޒަރއެވެ.
ވިލްސަން އާއި ގްލޭޒަރއަކީ ބައިނަލްއަގުވާމީ ފިލްމް ކެޓިގަރީން އޮސްކާ އެވޯޑު ލިބުނު 2023 ގެ ފީޗާ ފިލްމް "ދަ ޒޯން އޮފް އިންޓަރެސްޓް" ހެދި ޓީމެވެ. އެ ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގައި އެ ގައުމުގެ ވެރިޔާ އެޑޮލްފް ހިޓްލަރު ހަ މިލިއަން ޔަހޫދީން މަރައިލަން ހިންގި އޯޝްވަޓްސް ކޮންސެންޓްރޭޝަން ކޭމްޕާ ބެހޭ ފިލްމެކެވެ.
"ނާޒާ" މިއީ އެކްރަނިމްއެއް ނުވަތަ ލަފުޒުތަކެއް ފެށޭ އަކުރުތައް ބޭނުންކޮށްގެން އިސްރާއީލު ސިފައިން ހަދައިފައިވާ ލަފުޒެކެވެ. މި ލަފުޒު އިސްރާއީލުގެ އިންޓެލިޖެންސުން ބޭނުންކުރަނީ އިސްރާއީލުން ދޭ ކޮންމެ ވައިގެ ހަމަލާއެއްގައި ޝަހީދުވާނެކަމަށް ލަފާކުރެވޭ އާއްމުންގެ އަދަދަށް ރީތި ބަހުރުވައިން އިޝާރާތްކުރުމަށެވެ.
"ނާޒާ"އަކީ އިބްރީ ބަހުގެ ލަފުޒުތައް ބޭނުންކޮށްގެން ހަދައިފައިވާ އެކްރަނިމަކަށްވާއިރު، ޑޮކިއުމެންޓްރީ ހެދި ފަރާތްތައް އަދި ގާޑިއަންގެ ތަހުގީގީ ނޫސްވެރިންނަށްވެސް މި އެކްރަނިމް ދިގުކޮށް ކިޔައި ގޮތް ހާމަކުރެވިފައިނުވަނީ މިއީ އިސްރާއީލުގެ އިންޓެލިޖެންސާއި އަސްކަރިއްޔާއިން ސިއްރުކޮށްފައިވާ އިސްރާއީލުގެ އަސްކަރީ ސިއްރެއްކަމަށްވާތީކަމަށް ބެލެވެއެވެ.
"ނާޒާ" ޑޮކިއުމެންޓްރީ ދައްކާނީ އަންނަ މަހު 10 ގައި ޑިރެކްޓަރުން، ޕްރޮޑިއުސަރުން، ދަ ގާޑިއަންގެ ނޫސްވެރިން އަދި ރަސްމީ ވަފުދުގެ ހާޒިރުގައެވެ.
މިއީ 83 ވަނަ ބައިނަލްއަގުވާމީ ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ގޯލްޑަން ލަޔަން އެވޯޑަށް ވާދަކުރާ 21 ފިލްމް ތެރޭގައި ހިމެނޭ ހަމައެކަނި ޑޮކިއުމެންޓްރީއެވެ.
ފަލަސްތީންގެ ހަނގުރާމަވެރި ޖަމާއަތް ހަމާސްއިން 2023 ގެ އޮކްޓޫބަރު ހަތެއްގައިވަނީ އިސްރާއީލަށް ހަމަލާދީ، 1،221 މީހުން މަރައިލައި، 251 ރަހީނުން ގައްޒާއަށް ގެންގޮސްފައެވެ. މިއީ އިސްރާއީލުގެ ރަސްމީ އިދާރާތަކުން މީޑިއާއަށް ދީފައިވާ ތަފާސްހިސާބުތަކެވެ.
ރައްދުގައި އިސްރާއީލުން ގައްޒާގައި އޭގެ އެއް ދުވަސް ފަހުން ފެށި އަސްކަރީ ކެމްޕޭންގައި މިހާތަނަށް 73،000 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. މިއީ ހަމާސްގެ ދަށުން ހިންގާ ގައްޒާގެ ސިއްހީ ވުޒާރާއިން ދިން އަދަދުތަކެވެ. އެ ވުޒާރާއިން ހާމަކުރާ މައުލޫމާތު އދ.އިން ގަބޫލުކުރެއެވެ.
އެމެރިކާއިން މެދުވެރިވެގެން މި ދިޔަ އަހަރު އޮކްޓޫބަރުގައި އިސްރާއީލާއި ހަމާސްއާ ދެމެދު ސީޒްފަޔާއެއް ގާއިމުކުރިއެވެ. ނަމަވެސް ގައްޒާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓައިލުމުގެ މަސައްކަތަށްވަނީ ހުރަސްއެޅިފައެވެ. ގައްޒާގެ 70 ޕަސެންޓް މި ވަގުތު އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ.



advertisment