އިންޑޯ-އާރްޔަން ބަހެއް ކަމަށްވާ ހަރްޔަންވީ ބަހުން ލަވަކިޔަން މަޝްހޫރު އިންޑިއާގެ ލަވަކިޔުންތެރިޔާ އަންކިތް ބާލިޔާންގެ ގަޔަށް ބަޑިޖަހައި މަރައިލުމާ ގުޅޭ ތަހުގީގީ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 35 އަހަރުގެ، ޔޫޓިއުބުގައިވެސް ހަރަކާތްތެރި އަންކިތް (ފޮޓޯ) މަރައިލައިފައިވަނީ ބުދަ ދުވަހު އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ޝަމްލީ ސިޓީގައި ޖިމްއެއްގެ ބޭރުންނެވެ.
ފުލުހުން ބުނީ އޭނާއަށް ހަމަލާދިނީ ދެ ސައިކަލުގައި ދިޔަ ހަތަރު މީހުން ކަމަށެވެ. އަންކިތް އޭނާގެ ކާރަށް އަރަނިކޮށް އޭނާއާ ދިމާއަށް 18 ވަރަކަށް ފަހަރު ބަޑިޖަހައިފައިވެއެވެ.
މީރުތް ސިޓީގެ ފުލުހުންގެ އެޑިޝަނަލް ޑިރެކްޓަރ ޖެނެރަލް ބާނޫ ބާސްކަރު އިއްޔެ ބުނީ ތަހުގީގުކުރާ ފަރާތްތަކަށް ބައިވަރު ކްލޫތަކެއް ނުވަތަ ތަހުގީގަށް އެހީތެރިވާ މައުލޫމާތުތަކެއް ލިބިފައިވާކަމަށެވެ.
"އެ މައުލޫމާތުތައް މި ވަގުތު ހާމަނުކުރިޔަސް ވަރަށް އަވަހަށް ހާމަކުރާނަން،" އޭނާ ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލައާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓެއްވެސް ތަހުގީގުކުރަމުންނެވެ. އެ ޕޯސްޓް ބެލެވިފައިވަނީ އަންކިތް މަރައިލުމަކީ ގޯގީ ގޭންގުންކުރި ކަމެއްކަމުގެ ޒިންމާ އެ ގޭންގުން ނަގައިފައިވާކަމަށް ތުހުމަތުކުރެވޭ ޕޯސްޓެއްގެ ގޮތުގައެވެ.
ޕޯސްޓްގައި ބުނެފައިވަނީ އަންކިތް މަރައިލީ ގޯގީ ގޭންގާ ވާދަކުރާ ގޭންގްތަކާ އަންކިތް ގުޅުން ބަހައްޓާތީކަމަށެވެ. އަދި ގޯގީ ގޭންގްގެ ލީޑަރު ޖިތެންދަރު ގޯގީގެ ޝަރީއަތް ކުރިއަށްދަނިކޮށް ޖިތެންދަރު ކޯޓުގައި ހުއްޓައި 2021 ގައި އޭނާ ބަޑިޖަހައި މަރައިލި ހާދިސާއަށް އަންކިތް 2022 ގައި ލަވައެއް ހަދައިފައިވާތީކަމަށެވެ. ގާތްގަނޑަކަށް 367،000 ސަބްސްކްރައިބަރުން އަންކިތްގެ ޔޫޓިއުބް ޗެނަލްގައި ތިބިއިރު ޔޫޓިއުބްގައި އެ ލަވައަށް 54 މިލިއަން ވިއޫސްވަނީ ލިބިފައެވެ.
ނަމަވެސް ފުލުހުން މި ކަންތައްތައް އަދި ކަށަވަރުނުކޮށްދެއެވެ. ފުލުހުން ބަލަމުންދަނީ ޕޯސްޓަކީ ގޯގީ ގޭންގުން ސޯޝަލް މީޑިއާއަށް ލީ ޕޯސްޓެއްތޯއެވެ. އަދި އަންކިތްގެ ލަވައާ އޭނާ މަރައިލުމާ ގުޅުމެއް ހުރިތޯއެވެ.
އުއްތަރު ޕްރަދޭޝްގެ ހާއްސަ ޓާސްކް ފޯސް ހިމެނޭ ގޮތަށް ހަތް ޓީމުން ދަނީ އަންކިތް މަރައިލުމުގެ ތަހުގީގުގައި ހަރަކާތްތެރިވަމުންނެވެ.



advertisment