ވޯލްޑް ކަޕް 1986 ގެ ކުއާޓަ ފައިނަލްގައި އިންގްލެންޑްގެ ގޯލަށް އާޖަންޓީނާގެ މަރަޑޯނާ އަތުން ވައްދައިލި ބޯޅަ ނީލަމުގައި ވިކުނީ ހީކުރި ވަރަށްވުރެ ދަށް އަގަކަށެވެ.
އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި ބޭއްވި ނީލަމުގައި އިއްޔެ އެ ބޯޅަ ވިކުނީ 3.35 މިލިއަން ޑޮލަރު (51.75 މިލިއަން ރުފިޔާ)އަށެވެ. އެއީ އެ ބޯޅަ ވިކޭނެކަމަށް ބެލެވުނު 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)އާ ގާތްނުކުރާ އަދަދެކެވެ. ބިޑު ހުޅުވައިލީ 2.5 މިލިއަން ޑޮލަރު (38.62 މިލިއަން ރުފިޔާ)އިންނެވެ.
ތޫނިސްގެ ރެފްރީ އަލީ ބިން ނާސިރު އާއި އެހެންވެސް އޮފިޝަލަކަށް މަރަޑޯނާ އަތުން ގޯލު ޖެހި މަންޒަރު ނުފެނުމުން އެއީ ގޯލެއް ކަމަށް ނިންމިއެވެ. ނަމަވެސް މަރަޑޯނާ ފަހުންވަނީ އެއީ އޭނާ އަތުން ޖެހި ގޯލެއްކަމަށް އެއްބަސްވެ، "ހޭންޑް އޮފް ގޯޑް"ގެ ނަމުން އެ ގޯލަށް އިޝާރާތްކޮށްފައެވެ.
އެ މެޗު ނިމުނީ 2-1 އިން އާޖަންޓީނާ މޮޅުވެގެންނެވެ. ދެވަނަ ލަނޑު ޖެހީވެސް މަރަޑޯނާއެވެ. އިންގްލެންޑްގެ ފަސް ކުޅުންތެރިން ކަޓުވައިލައިފައި ޖެހި ދެވަނަ ލަނޑު މަޝްހޫރުވެގެންދިޔައީ ފީފާގެ "ގޯލް އޮފް ދަ ސެންޗަރީ" ނުވަތަ "ގަރުނުގެ ގޯލު"ގެ ނަމުންނެވެ. އެ ވޯލްޑް ކަޕް ކާމިޔާބުކުރީވެސް އާޖަންޓީނާއެވެ.
"އަހަރެންނަށް އެ ގޯލު އެހާ ސާފުކޮށެއް ނުފެނުނު،" މަރަޑޯނާ އަތުން ޖެހި ގޯލާމެދު ބިން ނާސިރު ބުންޏެވެ.
މެޗަށްފަހު ބިން ނާސިރުވަނީ އަޑީޑަސް އެޒްޓެކާ ބްރޭންޑްގެ އެ ބޯޅަ ގެއަށް ގެންގޮސްފައެވެ. ފީފާއިން އެ ކަމަށް ހުރަސްނޭޅުމުން 36 އަހަރު ފަހުން 2022 ގައި 2.37 މިލިއަން ޑޮލަރު (36.61 މިލިއަން ރުފިޔާ)އަށް ނީލަމެއްގައި ބިން ނާސިރު އެ ބޯޅަ ވިއްކައިލިއެވެ. އެ ނީލަމުގައި ބޯޅަ ގަތް މީހާގެ ނަން ހާމަކޮށްފައެއްނުވެއެވެ. އަދި އިއްޔެގެ ނީލަމަށް ބޯޅަ ލީ ކާކުކަމާއި އިއްޔެގެ ނީލަމުގައި ބޯޅަ ގަތީ ކާކުކަންވެސް ނީލަން އިންތިޒާމުކުރި ފަރާތުން ހާމަކޮށްފައެއްނުވެއެވެ.
އުމުރުން 60 އަހަރުގައި 2020 ގައި މަރުވި މަރަޑޯނާ އެ މަޝްހޫރު މެޗުގައި ލީ ޖާޒީއަކީވެސް މިހާތަނަށް އެންމެ އަގުބޮޑު ޖާޒީއެވެ. ނީލަމުގައި އެ ޖާޒީ ވިކުނީ 9.3 މިލިއަން ޑޮލަރު (143.68 މިލިއަން ރުފިޔާ)އަށެވެ.



advertisment